ފެންނަމުން މިދަނީ ބަނަ ބޯވިލާގަނޑެއް ބޯމަތިވަމުން އަންނަ މަންޒަރު: ކުރީގެ ނައިބު ރައީސް ފައިސަލް
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް --
ރާއްޖޭގެ އިޤުތިޞާދީ ހާލަތާއި މެދު ކަންބޮޑުވުންފާޅު ކުރައްވައި، ފެންނަމުން މިދަނީ، ބަނަ ބޯވިލާގަނޑެއް ބޯމަތިވަމުން އަންނަ މަންޒަރު ކަމުގައި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ފައިސަލް ސޯޝަލްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ރާއްޖޭގެ އިޤުތިޞާދު ރަނގަޅު ކުރުމަށާއި ދަރަނި މެނޭޖު ކުރުމަށް މާލީ އިދާރާތަކުންނާއި މާލީ ދާއިރާގެ ތަޖުރިބާކާރުން ދޭ ލަފަޔާ މަޝްވަރާއަށް ސަރުކާރުން ޢަމަލު ނުކުރުމުގެ ނަތީޖާއަކީ، ރާއްޖޭގެ މާލީ ހާލަތު ގޯސްވެ ޒިންމާދާރު މަޤާމުތަކުގައި ތިއްބެވި ބޭފުޅުން އިސްތިއުފާ ދެއްވައި ގެއަށް ވަޑައިގެންނެވުން ނޫންގޮތެއް ނެތި އެގޮތަށް ޢަމަލު ކުރެއްވުމަށް މަޖުބޫރުވުންކަމަށެވެ. އަދި ޑޮލަރުގެ އަގު މައްޗަށް ދިޔުމާއި، އިންފްލޭޝަން މަތިވުމާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ބަނގުރޫޓުވެ، ބޮޑެތި ވިޔަފާރި ތަކަށްވެސް ގޮތްހުސްވާ ހިސާބަށް ދިޔުމަކީ އާއްމު ރައްޔިތުންގެ ދިރިއުޅުން ބިކަވެ ނިކަމެތިވަމުންދާ ސަބަބުކަމުގައިވެސް ފައިސަލް ވިދާޅުވިއެވެ.
ފައިސަލް އިތުރަށް ވިދާޅުވީ، ސަރުކާރުން ރައްޔިތުންގެ ފައިސާ އިސްރާފުކުރުން ހުއްޓާލައި، އުފެއްދުންތެރިކަން އިތުރުކުރުމަށް އާއްމު ރައްޔިތުންނާއި ވިޔަފާރިތަކަށް އެހީތެރިކަންދީ، މާލީ ދާއިރާގެ ތަޖުރިބާކާރުންގެ ލަފަޔާއި އިރުޝާދުތަކަށް ތަބާވާންޖެހޭ ކަމަށެވެ. އަދި މާލީ ދާއިރާއަށް ދިމާވަމުންދާ ގޮންޖެހުންތަކުން އަރައި ގަތުމަށް ސަރުކާރުން އަވަސް ފިޔަވަޅުތަކަށް ނާޅައިފިނަމަ، މިއަދު ދުނިޔެއަށް ކުރިމަރިމަތިވަމުންދާ ހަލަބޮލި ކަމުގެ ތެރެެއިން، ރާއްޖޭގެ އިގްތިޞާދު ނުރައްކާތެތި ހިސާބަށް ދިއުމަކީ ވަރަށް ގާތްކަމެއް. މިކަމުން އަރައިގަތުމަށް ސަރުކާރުން ވީހާވެސް އަވަހަށް މަސައްކަތް ކުރުމަށް ފައިސަލް ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް