ރާއްޖެ

ޚަރަދު ކުޑަކުރުމުގެ އިތުރު ފިޔަވަޅުތައް ނާޅަނީ ކުރިޔަށް އިންތިޚާބު އޮތުމުން ނޫން ކަމުގައި ރައީސް ވިދާޅުވެއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ޚަރަދު ކުޑަކުރުމުގެ އިތުރު ފިޔަވަޅުތައް ނާޅަނީ ކުރިޔަށް އިންތިޚާބު އޮތުމުން ނޫން ކަމުގައި ރައީސް ވިދާޅުވެއްޖެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު --- ފޮޓޯ: ރައީސް އޮފީސް.

މެދު އިރުމަތީގައި ހިނގަމުންދާ ހަނގުރާމަ އާއި ގުޅިގެން ދިވެހިރާއްޖެއިން ޚަރަދު ކުޑަކުރުމުގެ އިތުރު ފިޔަވަޅުތައް އަޅަމުން ނުދަނީ ލޯކަލް ކައުންސިލް އިންތިޚާބު ކުރިޔަށް އޮތީމާ ނޫންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޮންލައިން ނޫސް "އަދަދު"ގެ ނޫސްވެރިޔާ ކުރި ސުވާލަށް ދެއްވި ޖަވާބުގައެވެ.

ޚަރަދު ކުޑަކުރުމުގެ ގޮތުން އަޅަން ނިންމާފައިވާ ބައެއް ފިޔަވަޅުތައް ސަރުކާރުން ނާޅައި މަޑުޖައްސާލާފައި އޮތީ، އޭޕްރީލް މަހުގެ 4 ވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބާއި ގުޅިގެންތޯ ކުރި ސުވާލުގެ ޖަވާބުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެއީ ރަނގަޅު މައުލޫމާތެއް ނޫންކަމަށެވެ. އަދި ޚަރަދުކުޑަކުރުމުގެ ގޮތުން އަޅަން ނިންމާފައިވާ އެއްވެސް ފިޔަވަޅެއް، އިންތިޚާބުގެ ފަހުން އެޅުމަށް މަޑުކޮށްފައި ނުވާކަމުގައި ރައީސް ވިދާޅުވިއެވެ.

"އެގޮތަކަށް މަޝްވަރާއެއް ނުކުރަން. އަދި އެގޮތަކަށް ނިންމާފައި އޮތް ކަމެއްވެސް ނޫން. އެހެންވީމާ، އެހެންވީމާ ތި ލިބިވަޑައިގެންނެވި މައުލޫމާތަކީ ރަނގަޅު މައުލޫމާތެއް ނޫން. އިންތިޚާބު ނިމިގެން އަޅަން ބަހައްޓާފައި ހުރި ފިޔަވަޅެއް ނުހުންނާނެ." ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

މެދުއިރުމަތީގައި ހިނގަމުން އަންނަ ހަނގުރާމައާ ދިވެހިރާއްޖެއަށް ކުރިމަތިވަމުން އަންނަ އިޤުތިޞާދީ ދަތިކަމާއި ގުޅިގެން ރާއްޖެއިން އެކަށީގެންވާ ފިޔަވަޅުތަކެއް ނާޅާތީ އާއި އިންތިޚާބާއި ދިމާކޮށް ގިނަ އަދަދެއްގެ ވަޒީފާތައް އިތުރުކުރަމުން އަންނާތީ، އާއްމުންނާއި ސިޔާސީ ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ. މިދުވަސްވަރު ގިނަ އަދަދެއްގެ މީހުން ވަޒީފާތަކަށް ނެގުމަކީ އިންތިޚާބާއި ދިމާކޮށް ކުރަމުން އަންނަ ކަމެއް ނޫންކަމަށާއި، އެއީ ކުންފުނިތަކުން ހިންގަމުން އަންނަ މަޝްރޫޢުތައް ކުރިޔަށް ގެންދިޔުމަށް ނަގާ މުވައްޒަފުން ކަމަށެވެ. އަދި ކުންފުނިތަކުން މަޝްރޫޢުތައް ހިންގަމުން އަންނަނީ އިންތިޚާބާއި ދިމާކޮށް ނޫންކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް