ރާއްޖެ

މަރުގެ ޙުކުމް ތަންފީޒު ކުރުމަށް ތައްޔާރުވަމުން އަންނަ ކަމުގައި ރައީސް ވިދާޅުވެއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މަރުގެ ޙުކުމް ތަންފީޒު ކުރުމަށް ތައްޔާރުވަމުން އަންނަ ކަމުގައި ރައީސް ވިދާޅުވެއްޖެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު --- ފޮޓޯ: ރައީސް އޮފީސް

ޝަރުޢީ ތިން މަރުހަލާ ނިމި، މަރުގެ ހުކުމް ތަންފީޒު ކުރަންޖެހޭ މީހުންގެ މައްޗަށް މަރުގެ ހުކުމް ތަންފީޒް ކުރުމަށް ތައްޔާރުވަމުން އަންނަ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާއި ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މަރުގެ އަދަބު ކަނޑައަޅައި، ޝަރުޢީ ތިން މަރުހަލާ ނިމިފައިވާ ކުށްވެރީން ތިބި ނަމަވެސް އެމީހުންގެ މައްޗަށް މަރުގެ އަދަބު ތަންފީޒު ކުރުމާއި ގުޅޭ ގޮތުން އެއްވެސް ޤާނޫނީ އޮނިގަނޑެއް ނެތް ކަމަށެވެ. އެހެންކަމުން މަރުގެ ޙުކުމް ތަންފީޒު ކުރުމަށް މިސަރުކާރުން ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެޤާނޫނު ޑްރާފްޓް ކުރުމުގެ މަސައްކަތް ބަންޑާރަ ނައިބުގެ އޮފީހުން ކުރަމުންދާއިރު އެމަސައްކަތް ނިމުމަކާއި ހަމައަށް ގޮސްފައިވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ ތެރޭގައި އެބިލް ހުށައެޅޭނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ބަންޑާރަ ނައިބުގެ އޮފީހުން އެބަ ކުރިޔަށް ގެންދަން، މިފަދަ ފަރާތްތަކަށް މަރުގެ އަދަބު ތަންފީޒް ކުރުމުގެ ޚާއްޞަ ޤާނޫނެއް ގެނައުމަށްޓަކައި އެކަމަށް ޚާއްޞަ ބިލެއް އެބަ ތައްޔާރުކުރަން. އެހެންވީމާ މި ބިލް އިރާދަ ކުރެއްވިއްޔާ ނިމުމަކާއި ހަމައަށް ގޮސްފައި ވަނީ، މިހާރު ހިނގަމުންދާ މަޖިލީހުގެ މިއަހަރުގެ މިހާރު ހިނގަމުންދާ ދައުރުގެ ތެރޭގައި، އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެން މަޖިލީހަށް ފޮނުވާނަން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މަޖިލީހުން އެބިލް ފާސްކޮށް ތަސްދީޤު ކުރެވުމާއި އެކު، މަރުގެ އަދަބު ކަނޑައަޅައި ތިން މަރުޙަލާ ނިމިފައި މިހާރު ތިބި ފަރާތްތަކުގެ މައްޗަށް މަރުގެ ޙުކުމް ތަންފީޒް ކުރާނެ ކަމަށެވެ. އަދި އެއީ ދިވެހިރާއްޖެއަކީ އިސްލާމީ ޤައުމަކަށް ވާއިރު ކުރަންޖެހޭ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންވެ މިސަރުކާރަކީ، ދިވެހިރާއްޖޭގައި މަރުގެ ޙުކުމް ތަންފީޒު ކުރާނެ ސަރުކާރަކަށް ވެގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް