Post banner
ރާއްޖެ

ސަރުކާރުން ބޭނުންވާ ވަރަށް ވުރެ ބުރިޖުގެ މަސައްކަތް ކުރިޔަށްދާލެއް ލަސް - މިނިސްޓަރ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ސަރުކާރުން ބޭނުންވާ ވަރަށް ވުރެ ބުރިޖުގެ މަސައްކަތް ކުރިޔަށްދާލެއް ލަސް - މިނިސްޓަރ

ގްރޭޓާމާލެ ކަނެކްޓިވިޓީ ބްރިޖްއެޅުމުގެ މަސައްކަތުގެ ތެރެއިން -- ފޮޓޯ: ރައްޔިތުންގެ ނޫސް

ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބުރިޖުގެ މަސައްކަތް ކުރިޔަށްދަނީ ސަރުކާރުން އެދޭވަރަށް ވުރެ މާލަހުން ކަމުގައި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޑރ. މުއްޠަލިބު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މީޑިއާތަކާއި ބައްދަލުކުރައްވައި މައުލޫމާތު ދެއްވަމުންނެވެ.

މިނިސްޓަރ ޑރ. މުއްޠަލިބު ވިދާޅުވީ، މިހާރު މަސައްކަތް ކުރިޔަށްދާ ގޮތަށް ބަލާއިރު، ކުރިން ކަނޑައަޅާފައި އޮތް ތާރީޚުތަކަށް މަސައްކަތްތައް ނިންމަން ދަތިވާނެ ކަމަށެވެ. އެހެންވެ އެމަސައްކަތް އަވަސް ކުރުމަށްޓަކައި އިންޑިއާ ސަރުކާރާއި، އަދި ބުރިޖު އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކުންފުންޏާއި އެކު މަޝްވަރާކޮށް، މަސައްކަތްތައް އަވަސްކުރެވޭނެ ގޮތެއް އޮތްތޯ ބެލުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މިނިސްޓަރ މުއްޠަލިބު އިތުރަށް ވިދާޅުވީ، އެމަސައްކަތް ލަސްވެފައިވާ ސަބަބުތަކުގެ ތެރޭގައި މަސައްކަތް ނިންމުމަށް ކުރިން ދީފައިވާ މުއްދަތަށް 30 މަސް ދުވަސް އިތުރުކޮށްދީފައިވާއިރު އެމުއްދަތުގެ ތެރޭގައި އެކުންފުންޏަށް އިތުރަށް ފައިސާ ނުލިބޭގޮތަށް ހަމަޖައްސާފައި އޮތުމުން ކުންފުނީގެ ކޭޝްފްލޯ ދަތިވާކަމުގައި އެކުންފުނިން ފާހަގަކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރ މުއްޠަލިބު ވިދާޅުވީ، މަސައްކަތް ލަސްވުމުގެ ސަބަބުން އެއްބަސްވުން ބާޠިލްކުރަން އުޅެފިނަމަ އެކަމުގެ ސަބަބުން މުޅި ޕްރޮޖެކްޓް ހުއްޓިގެން ހިނގައިދާނެކަމަށެވެ.

ތިލަމާލެ ބުރިޖުގެ މަޝްރޫޢަކީ، މިހާތަނަށް ރާއްޖޭގައި ހިންގާ ޢުމްރާނީ ތަރައްޤީގެ އެންމެ ބިޔަ މަޝްރޫއެވެ. އެމަޝްރޫއަށް 7.7 ބިލިއަން ރުފިޔާ ޚަރަދުވާއިރު އެފައިސާއަކީ، އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ ފައިސާ އާއި އިންޑިއާ ސަރުކާރުން ހިލޭ އެހީގެ ދަށުން ދީފައިވާ ފައިސާއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް