Post banner
ދުނިޔެ

އިޓަލީ ޑައިވަރުން ހޮހަޅައިގައި މަރުވީ ހާސްވެގެން: ރިޕޯޓް

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އިޓަލީ ޑައިވަރުން ހޮހަޅައިގައި މަރުވީ ހާސްވެގެން: ރިޕޯޓް

ޑައިވަރުންގެ ހަށިތައް ނެގުމަށް ކުރިޔަށް ގެންދިޔަ އޮޕަރޭޝަންގެ ތެރެއިން ---

ވ. އަލިމަތާ ކައިރިން ފަރުގެ 58 މީޓަރު އަޑީގައި ހުންނަ ހޮހަޅައިގެ ތެރޭގައި އިޓަލީގެ ޑައިވަރުން މަރުވީ، އޮކްސިޖަން ހުސްވެ ނޭވާނުލެވިގެން ކަމުގައި، ޕޯސްޓްމޯޓަމްގެ ޕްރިލިމިނަރީ ރިޕޯޓުން ހާމަވެފައިވާކަމުގައި، އިޓަލީގެ ނޫސްތަކުގައި ރިޕޯޓްކޮށްފިއެވެ.'އިޓަލީގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، ޕޯސްޓްމޯޓަމްގެ ޕްރިލިމިނަރީ ރިޕޯޓު ލިބިފައި ވަނީ ދެމީހެއްގެއެވެ. އެއީ، ޔުނިވަސިޓީ އޮފް ޖެނޯއާގެ ޕްރޮފެސަރު މޮނިކާ މޮންޓެފަލްކޯން އާއި އޭނާގެ އަންހެން ދަރިފުޅު ޖޯޖިއާ ސޮމާކަލްއެވެ.

ޕޯސްޓްމޯޓަމްގެ ޕްރިލިމިނަރީ ރިޕޯޓުގައި ފާހަގަކޮށްފައި ވަނީ، އެމީހުން މަރުވީ، އެނޮކްސިއާގެ ސަބަބުން ކަމަށެވެ. އެހާލަތު މެދުވެރިވަނީ، ނޭވާލާން ބޭނުންވާ އޮކްސިޖަން ނުލިބުމުންނެވެ. ކުރިންވެސް ލަފާކުރެވިފައިވާ ގޮތުގައި އެމީހުން މަރުވާން ދިމާވީ، އެމީހުންގެ ވައިފުޅިތަކުގައި ހުރި އޮކްސިޖަން ހުސްވުމުގެ ސަބަބުންނެވެ. އެއީ މަރުވި 5 ޑައިވަރުންވެސް ހޮހަޅައަށް ވަދެފައި ވަނީ، އެފަދަ ތަނަކަށް ވަނުމަށް ބޭނުންވާ މިންވަރަށް ވުރެ މާ މަދު ވަސީލަތްތަކާއި އެކުގައިކަން ހާމަވެފައިވެއެވެ.

ހޮހަޅައިގެ ތެރެއިން މަރުވެފައިވާ އިޓަލީގެ ހަތަރު ޑައިވަރުންގެ ހަށިތައް ނެގި، "ޑޭން"ގެ ތަޖުރިބާކާރު ޑައިވަރުންގެ ޓީމުން ހާމަކޮށްފައިވާ ގޮތުގައި، އެމީހުންނަށް ލަފާކުރެވިފައި ވަނީ، ޑައިވަރުން ކޭވްގެ 2 ވަނަ ޗެމްބަރުން ނުކުތުމަށް އުޅުމުގެ ތެރޭގައި މަގު އޮޅިގެން ތިންވަނަ ޗެމްބަރަށް ވަދެވި ތާށިވީ ކަމަށެވެ.

ދެމައިންގެ ޕޯސްޓްމޯޓަމްގެ ފުލްރިޕޯޓް ލިބުމަށް ދެމަހެއްހައި ދުވަސް ހޭދަވާނެ ކަމަށް، އިޓަލީގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

އިޓަލީގެ 5 ޑައިވަރުންގެ މަރުގެ މައްސަލަ އެޤައުމުން ތަޙްޤީޤު ކުރަމުން ދަނީ، އެއީ އިހުމާލުވުމުގެ ސަބަބުން ހިނގައިދިޔަ ގަސްތުމަރުގެ ހާދިސާއެއްގެ ގޮތުގައި ބަލައިގެންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް