އިންސާނީ ވަގުފާރިއާ މެދު މުޅި މުޖުތަމަޢު ސަމާލުވުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު --- ފޮޓޯ: ރައީސް އޮފީސް
އިންސާނުންނަށް ލިބޭ އަނިޔާތަކާއި ތަކުލީފުތަކުން ނަފާ ހޯދުމުގެ ފުރުޞަތު އެއްވެސް ފަރާތަކަށް ނުދިނުމަށްޓަކައި، ހުރިހާ ރައްޔިތުންވެސް އަބަދުމެ ސަމާލުވެ ތިބުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަމަށް ގޮވާލެއްވީ، އިންސާނީ ވަގުފާރިއާ ދެކޮޅަށް ފާހަގަކުރާ ބައިނަލްއަޤުވާމީ ދުވަހުގެ މުނާޞަބަތުގައި ފޮނުއްވި މެސެޖުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން އެކުލަވައިލި މީހުން ޓްރެފިކްކުރުން ހުއްޓުވުމާ ގުޅޭ ފުރަތަމަ ގައުމީ އެކްޝަން ޕްލޭނާއި، ރާއްޖޭގައި އިންސާނީ ވަގުފާރިއާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގެ ފުރަތަމަ އަހަރީ ރިޕޯޓް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުން ފަދަ ބޮޑެތި އިޞްލާޙުތައް ގެންނަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ސިޔާސަތު ކަނޑައަޅާ ފެންވަރުގައި ޓްރެފިކްކުރުމާ ގުޅޭ ކަންކަން ވިލަރެސްކުރާ ކޮމިޓީ އަލުން އެކުލަވައިލައްވައި، އަނިޔާ ލިބޭ މަސައްކަތްތެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މައިގްރެންޓް ވަރކަރސް ރިސޯސް ސެންޓަރާއި މައިގްރެންޓް ކަނެކްޓް ޕޯޓަލް ޤާއިމުކޮށްފައިވާކަންވެސް ވަނީ ފާހަގަކުރައްވާފައެވެ.
އިންސާނީ ވަގުފާރި ހުއްޓުވުމުގައި، އަދިވެސް ގޮންޖެހުންތައް ހުރިކަން ގަބޫލުފުޅުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިކަމަށް ބޭނުންވަނީ އެކި ދާއިރާތަކާއި ބޯޑަރުތައް ހުރަސްކޮށް ކުރެވޭ އެކުވެރި މަސައްކަތްތަކެއް ކަމަށެވެ. އަދި އިންސާނީ ކަރާމާތަކީ އެއްވެސް އުނިކަމެއް އައިސްގެންވާނެ އެއްޗެއް ނޫންކަން ކަށަވަރުކޮށްދެއްވަމުން، މުއައްސަސާތަކުން އެއް އަޑަކުން ވާހަކަދައްކާ، ގައުމުގެ ތަރައްޤީއާއެކު ޢަދުލުއިންޞާފު ޤާއިމުވެ، ކޮންމެ މީހަކަށްމެ އިޙްތިރާމާއި ޤަދަރާއެކު މުޢާމަލާތްކުރެވޭނެ ފަދަ ދިވެހިރާއްޖެއެއް ބިނާކުރުމަށް ޢަޒުމް އާކުރެއްވުމަށްވެސް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް