ރޯދަޔަށް ހަނދުބެލުން މާދަމާ ހަވީރު
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
މިއަހަރުގެ ރޯދަމަހަށް ހަނދުބަލާ ދުވަހަކީ، މާދަމާ ކަމުގައި ވާތީ، މާދަމާ ހަވީރު 5:30އިން ފެށިގެން ކޯޓުތައް ހުޅުވާފައި ހުންނާނެ ކަމުގައި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވިދާޅުވެއްޖެއެވެ.
ޑީޖޭއޭއިން ވިދާޅުވީ، ރަމަޟާން މަހުގެ ހަނދު ދުށްމީހަކު ނުވަތަ ބަޔަކު، ހެކިބަސް އަދާކުރުމަށް ހަމަޖެހިފައި ވަނީ، މާލޭގައި ނަމަ މާލޭގެ ކޯޓެއްގެ ޤާޟީއެއްގެ ކުރިފުޅު މަތީގައި ކަމަށެވެ. އަދި އަތޮޅު ތެރޭގެ ރަށެއްގައި ނަމަ ހެކިބަސް އަދާކުރަން ޖެހޭނީ އެރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްގެ ކުރިމަތީފުޅު މަތީގައި ނުވަތަ މެޖިސްޓްރޭޓެއް ނެތް ރަށެއްގައި ނަމަ އެރަށެއްގެ ކައުންސިލް އިދާރާ ހިންގެވުމާއި ހަވާލުވެ ހުންނެވި އެންމެ އިސްވެރިއެއްގެ ކުރިފުޅު މަތީގައެވެ.
ހަނދު ފެނިގެން އެ މައުލޫމާތު ދޭއިރު، ގާތް ގަނޑަކަށް ހަނދު ހުރި އުސްމިނާއި، މިސްރާބާއި އެނޫންވެސް މުހިއްމު މައުލޫމާތު ދޭން ޖެހޭނެއެވެ.
ހެކިބަސް އަދާކުރިމަށް އެމީހަކު ނުވަތަ ބަޔަކު އައުމާއި އެނބުރި ދިޔުމުގެ ޚަރަދު ކޯޓުން ދޭނެއެވެ،
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހާމަކުރައްވާ ގޮތުގައި މާދަމާއަކީ މޫސުމް ރީތި ދުވަހަކަށް ވާނެއެވެ. އެހެން ނަމަވެސް ރާއްޖެ ސަރަހައްދުގައި މިހާރު ދުންފުހުގެ އަސަރު ބޮޑުވެފައި ވާތީ، ދުރުފެންނަ ނިސްބަތް ވަނީ އުތުރާއި މެދުރާއްޖެތެރޭގެ ރަށްތަކަށް 3 ކިލޯމީޓަރަށް ވުރެ ދަށް ވެފައެވެ.
މާދަމާއަކީ މިއަހަރުގެ ޝައުބާން މަހުގެ 29 ވަނަ ދުވަހަށްވުމާއި އަދި މާދަމާ އިރު އޮއްސޭއިރު ހަނދު ފެންމަތީގައި ނުހުންނާނެ ކަމަށް އިތުބާރުހުރި ފަލަކީ ހިސާބުން ދައްކާތީ، މެދު އިރުމަތީގެ ބައެއް ޤައުމުތަކުން މިހާރުވެސް ވަނީ، މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ، މި ފެބުރުއަރީ މަހުގެ 19ވާ ބުރާސްފަތި ދުވަސް ކަމުގައި ކަނޑައަޅާފައެވެ. އެގޮތަށް ކަނޑައަޅައި ރަސްމީކޮށް އިޢުލާނުކޮށްފައިވާ ޤައުމުތަކުގެ ތެރޭގައި އޮމާން ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް