Post banner
ރާއްޖެ

ރައީސް ނަޝީދަށް ތާއީދު ނުކުރައްވާ ބޭފުޅުން ދުރުގައި ތިއްބަވަން އެދިވަޑައިގެންފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ރައީސް ނަޝީދަށް ތާއީދު ނުކުރައްވާ ބޭފުޅުން ދުރުގައި ތިއްބަވަން އެދިވަޑައިގެންފި

ރައީސް ނަޝީދު -- ފޮޓޯ: ލޫކަސް

އެމްޑީޕީގެ ޗެއާ ޕަރސަންގެ އިންތިޚާބުގައި ރައީސް ނަޝީދަށް ތާއީދު ނުކުރައްވާ ބޭފުޅުން ތިއްބަވަން ވާނީ، ފަހަތުގައި ދުރުގައި ކަމުގައި ވިދާޅުވެ، ރައީސް ނަޝީދު އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕުގައި ވާހަކަފުޅު ދައްކަވައިފިއެވެ.

ރައީސް ނަޝީދާއި ޤާނޫނީ ވަކީލު މަޙުފޫޒް ސަޢީދާއި ދެމެދު ދެކެވުނު ވާހަކަތަކުގެ ސްކްރީންޝޮޓްތައް މިހާރު ވަނީ، ސޯޝަލް މީޑިއާގައި ދައުރުކުރާން ފަށާފައެވެ.

ރައީސް ނަޝީދު އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ގުރޫޕްގައި ވިދާޅުވީ، އިންތިޚާބުތަކުން ބަލިވާ ފަރާތްތަކުން ތިއްބަވަން ޖެހޭނީ، ޕާޓިގެ ކަންކަމުގައި ފަހަތުގައި އަދި ދުރުގައި ކަމަށެވެ. ރައީސް ނަޝީދު އެހެން ވިދާޅުވުމުން މަހުފޫޒުވަނީ، ތިބެން ޖެހެނީ ކިހައި ދުރެއްގައިތޯ އަދި އެއީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ.

މަހުފޫޒުގެ ސުވާލަށް ރައްދު ދެއްވައި، ރައީސް ނަޝީދު ވިދާޅުވެފައި ވަނީ މަހުފޫޒުވެސް ރައީސް ނަޝީދަށް ތާޢީދު ނުކުރައްވާނަމަ ހުންނަންވާނީ ފަހަތުގައި ކަމަށެވެ. އެކަމަށް ރައްދުދެއްވައި މަހުފޫޒު ވިދާޅުވެފައި ވަނީ އެއީ ބިރުދެއްކުން ކަމަށެވެ.

އެމްޑީޕީގެ ޗެއާޕަރސަން އިންތިޚާބުގައި ރައީސް ނަޝީދު ވާދަކުރެއްވުމަށް ނިންމަވާފައި ވަނީ، އަލުން އެމަނިކުފާނުގެ އަތްޕުޅަން އެމްޑީޕީގެ ބާރުތައް ނަންގަވައި އެމަނިކުފާނު ބޭނުންފުޅުވާގޮތަށް ޕާޓީ ހިންގެވުމަށްޓަކައެވެ.

އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަނެއް އުފެދި އެމްޑީޕީ ރޫޅާލެއްވުމަށް ރައީސް ނަޝީދާއި އެމަނިކުފާނުގެ އަރިސްބޭފުޅުން ފާޅުގައި މަސައްކަތް ކުރައްވައި، ދަ ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދެވީ، ރައީސް ނަޝީދަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ލިބުނު ނާކާމިޔާބީ ޤަބޫލުފުޅު ނުކުރެއްވިގެންނެވެ. އެހެން ނަމަވެސް ރައީސް ނަޝީދާއި އެކު ދަ ޑިމޮކްރެޓްސްއިން ވާދަކުރި އެއްވެސް އިންތިޚާބެއްގައި ކާމިޔާބެއް ނުލިބުމުން، އަދި އެޕާޓީގެ މެމްބަރުންގެ އަދަދު އެބޭފުޅުން އުއްމީދުކުރި ގޮތަށް އިތުރުވެގެން ނުދިޔުމުން އަލުން އެ ބޭފުޅުން ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް