ރާއްޖެ

އުކާލާ ފުޅިތަކުގައި ކާބޯތަކެތި ބަންދުކޮށް ނުވިކަން އަންގައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އުކާލާ ފުޅިތަކުގައި ކާބޯތަކެތި ބަންދުކޮށް ނުވިކަން އަންގައިފި

ރާއްޖޭގެ ބައެއް ކުންފުނިތަކުން ސިންގަލް ޔޫސް ޕްލާސްޓިކް ފުޅީގައި ނެރޭ ފެން، މިފުޅިތައް އަލުން އެހެން ތަކެތި ބަންދުކޮށް ވިއްކުމަށް ބޭނުން ކުރޭ --- ފޮޓޯ: މޯލްޑިވްސް ފައިނޭންސިއަލް ރިވިއު

ފެނާއި އެކި ބާވަތްތަކު ލުއި ބުއިންތައް ހުސްކޮށްފައި ހުންނަ ޕްލާސްޓިކް ފުޅިތަކުގައި ކާބޯތަކެތި ބަންދުކޮށްގެން ވިއްކުން ފުޑްއެންޑް ޑްރަގް އޮތޯރިޓީން (އެމްއެފްޑީއޭ) މަނާކޮށްފިއެވެ.

އެމްއެފްޑީއޭއިން އާއްމުކޮށްފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ، ކާބޯތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކުން ބޯފެނާއި ލުއި ބުއިންތައް ހުސްކޮށްފައިވާ ފުޅިތަކުގައި ކާބޯތަކެތި ބަންދުކޮށް، ވިޔަފާރީގައި ބޭނުންކުރަމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ. އަދި އެފަދަ ފުޅިތަކަކީ، އެއް ފަހަރު ބޭނުންކުރުމަށްފަހު އުކާލާ ގޮތަށް ވަކި ވައްތަރެއްގެ ޕްލާސްޓިކް ނުވަތަ ޕޮލިއެތިލީން ޓެރަތަޔަލޭޓް (ޕީއީޓީ)ން ތައްޔާރުކޮށްފައިވާ ފުޅިތަކެއް ކަމަށް ވުމާއިއެކު، އެއްފަހަރަށް ވުރެ ގިނަ ފަހަރު އެފުޅިތައް ބޭނުން ކުރުމަކީ، އެކަމުގެ ސަބަބުން ސިއްޙަތަށް ނުރައްކާވާނޭ ކަމެއް ކަމުގައިވެސް އެމްއެފްޑީއޭއިން ފާހަގަކޮށްފައި ވެއެވެ.

ރާއްޖޭގައި ކުދިވިޔަފާރި ކުރާ ފަރާތްތަކުން، ކާބޯތަކެތި ބަންދުކޮށް ވިއްކުމަށް، ސިންގަލް ޔޫސް ޕްލާސްޓިކް ފުޅިތައް ބޭނުން ކުރެއެވެ. ޚާއްޞަކޮށް ރޯދަމަހު ބާޒާރުގައި ކުރުނބާ ފެނާއި، ކުރުނބާ ފަނިފަދަ ބުއިންތައް ވިއްކުމަށް އެއްފަހަރު ބޭނުންކޮށް އުކާލާފައި ހުންނަ ޕްލާސްޓިކް ފުޅި ބޭނުން ކުރެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް