ޓީޗަރުން ނަމޫނާ ދައްކަން ޖެހޭ، އެކަމަކު މައްސަލަތަކުގެ ވާހަކަ ދައްކައިގެން ނުވޭ!
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އެޑިޔުކޭޝަން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު --- ފޮޓޯ: އެޑިޔުކޭޝަން މިނިސްޓްރީ
ރައީސުލްޖުމްހޫރިއްޔާވެސް "ސިޔާސީ ޕޯޑިއަމް"ގައި ވިދާޅުވަނީ މިހެންނެވެ. ޓީޗަރުން ނަމޫނާ ދައްކަން ޖެހޭނެއެވެ. އެކަމަކު ސިޔާސަތުތަކާއި ޤާނޫނުތަކުގައި ނުލިޔެ ވިދާޅުވާ ވާހަކަފުޅެއް އޮވެއެވެ. އެއީ ޓީޗަރުން ނަމޫނާ ދެއްކުމުގައި، ޙައްޤުތަކަށް އަޑު އުފުލުމާއި، ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރުމާއި، ޤައުމުގައި ހުރި މައްސަލަތަކުގެ ވާހަކަ ދެއްކުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމަށެވެ. އެހެންވީމާ ސުވާލަކީ، ޓީޗަރުން ނަމޫނާ ދައްކަން މިޖެހެނީ ކޮންކަމެއްގައި ހެއްެޔެވެ؟
ޓީޗަރުންނަކީ، މާދަމާގެ ޖީލު ބިނާކުރާ މީހުންނެވެ. ހެޔޮނުބައި ވަކިކޮށްދޭ މީހުންނެވެ. ޓީޗަރުންގެ މަސްޢޫލިއްޔަތަކީ، ސަރުކާރުން އެކަށައެޅި މަންހަޖެއްގައި އެމަންހަޖުގެ ޓެކްސްޓް ފޮތްތަކުގައި އެކަނިއޮތް ތަންކޮޅު ކިޔާލަދީފައި، ދަރިވަރަށް ދަސްވި މިންވަރު ބަލަން ޓެސްޓްކޮށްލާފައި ގްރޭޑެއް ދިނުމެއް ނޫނެވެ. ޙައްޤުތަކަށް ވަކާލާތު ކުރުމާއި، ކަންކަމާއިމެދު ވިސްނައި ފިކުރު ހިންގުމާއި، މުޖުތަމަޢުގެ މައްސަލަތަކުގެ ވާހަކަދެއްކުމުގައި އިސްނެގުމާއި، އެމައްސަލަތައް ޙައްލުކުރުމަށް މަސައްކަތް ކުރުމުގައިވެސް ޓީޗަރުން ނަމޫނާ ދައްކަން ޖެހެއެވެ. ނަމާދުކުރުމުގެ މުހިއްމުކަން ކިޔަވައިދީފައި، ޓީޗަރުވެސް މިސްކިތުގައި ނަމާދުކުރާތަން ދަރިވަރުންނަށް ފެނުމަކީ ނަމޫނާ ދެއްކުން ކަމުގައި ސިޔާސީ މީހުންވެސް ޤަބޫލު ކުރެއެވެ. އެކަމަކު ސިއްޙީ ޚިދުމަތަކީ، ޢާލަމީ ޢަސާސީ ޙައްޤެއް ކަމުގައި ދަރިވަރުންނަށް ބުނެދީފައި، ރަށު ސެންޓަރުގައި ޑޮކްޓަރެއް ނެތިގެން މީހަކު މަރުވުމުން އެކަމުގެ ކަންބޮޑުވުން ޓީޗަރަކު ފާޅުކޮށްފިއްޔާ އެވީ ނުރަނގަޅު ނަމޫނާއަކަށެވެ.
މި ނިމުނު ހަފްތާގައި ފެނުނު މިފަދަ ފާޅުކަންބޮޑު އެއްކަމަކީ، ސޯޝަލް މީޑިއާގައި ޓީޗަރުން ޝުއޫރުފާޅުކުރާތީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އެކަމުގެ ނުރުހުންފާޅު ކުރުމެވެ. މީގެ އެންމެ އަޖައިބު ކަމަކީ އެ ނުރުހުން ފާޅުކުރެއްވި ބޭފުޅަކީވެސް ކުރިން ފިޒިކްސް ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައި މިހާރު އެޑިޔުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީގެ މަޤާމުގައި ހުންނެވި ޝިފާޒް މުހައްމަދަށްވީ ކަމެވެ. އޭނާ އެކަމުގެ ނުރުހުންފާޅު ކުރައްވައި ދެއްކެވި ވާހަކަފުޅެއްގެ އޯޑިއޯއެއްވެސް ވަނީ ސޯޝަލްމީޑިއާގައި އާއްމުވެފައެވެ.
މިކަން ބޮޑުވުން މިފަހަރު ފެށުނީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން، ޓީޗަރުންގެ ރިޓަޔަރމެންޓް ޕެންޝަންސް ސްކީމަށް ފައިސާ ޖަމާނުކުރާ ކަމުގެ ޚަބަރުތައް މީޑިއާގައި ފެންމަތިވެ ސޯޝަލް މީޑިއާގައި އެކަމާއި ގުޅިގެން ޓީޗަރުންވެސް ކޮމެންޓް ކުރަންފެށުމުންނެވެ. ޕެންޝަނަކީ، ޤާނޫނަކުން ވަޒީފާއަދާކުރާ ކޮންމެ މުވައްޒަފަކަށްވެސް ކަށަވަރުކޮށްދީފައިވާ މަސައްކަތްތެރިކަމުގެ އަސާސީ ޙައްޤެކެވެ. ޕެންޝަން ފައިސާ ޖަމާކުރުމާއި ނުކުރުމަކީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް އޮތް އިޚުތިޔާރެއް ނޫނެވެ. އެއީ ޓީޗަރުންގެ ޙައްޤެކެވެ. އެކަމަކު މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޕީއެސް ދެކެވަޑައިގަންނަވާ ގޮތުން ހާމަވެ އެނގެނީ، ބޭއިންސާފާއި ދެކޮޅަށް މަސައްކަތް ކުރަންޖެހޭ ކަމަށް ޓީޗަރުން ކިޔަވައިދިނަސް ޢަމަލީ ގޮތުން އެފަދަކަމަކާއި ދެކޮޅު ހަދައިގެން ނުވާނެ ކަމަށެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ އިސްވެރިންނަކީ، ކޮންމެ 5 އަހަރަކުން އެއްފަހަރު ބަދަލުވާ ސިޔާސީ ބައެކެވެ. އެހެންވެ ޤައުމު ބިނާކުރުމުގެ ފަންނުވެރީންކަމުގައި ޓީޗަރުންގެ މައްޗަށް ބަސްކިޔައި ގޮތްކިޔައި، ނިންމުންތައް ނިންމަން ބައެއް ފަހަރުތިބެނީ، ސިޔާސީ ކުލަވަރާއި އަމިއްލަ އެދުމާއި އަދި ނަފުސުގެ ދަހިވެތިކަމުގައި، ވަގުތީ މަންފާއަކަށް އެކަނި މަސައްކަތް ކުރާ ބައެކެވެ. ޤައުމުގެ މުސްތަޤުބަލަށް ވިސްނުމަށްވުރެ އެމީހުނަށް މުހިއްމު ވެފައި އޮތީ އެބައެއްގެ ވެރިކަމުގައި ތިބޭއިރު، ޓީޗަރުން އޮބަހައްޓައިގެން ދޮގާއި ބޭއިންސާފާއި، އަނިޔާ ފަތުރައި މަކަރުވެރިކަމުގައި ވެރިކަމުގެ ބާރުތައް ދެމެހެއްޓުމަށެވެ.
"ޓީޗަރުންދެކެ ސިޔާސީ މީހުން އެހައި ބިރުގަންނަނީ، ޓީޗަރުންގެ ވާހަކަތައް މުޖުތަމަޢު ޤަބޫލު ކުރާތީ. އެހެންވެ އަބަދުވެސް ހުރިހާ ސަރުކާރެއްގައިވެސް ޓީޗަރުން މައްސަލަތަކުަގައި ވާހަކަ ދެއްކިޔަދޭން ބޭނުން ނުވަނީ. ހަޤީޤަތަކީ، ޤައުމުގެ މައްސަލަތަކުގައި ވާހަކަދައްކައި ބަހުސްކުރަން ޓީޗަރުންނަށްވުރެ އައުލާ ބަޔަކުނެތް." މާލޭގެ ސްކޫލެއްގެ ލީޑިންގ ޓީޗަރަކު ވިދާޅުވިއެވެ.
ސިޔާސަތަކާއި ނުބެހި، ސީދާ މައްސަލަތަކުގެ ވާހަކަދެއްކީމާވެސް އެއީ ސިޔާސީވުން ކަމުގައި ބަލައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ބައެއް ޓީޗަރުންނަށް އިންޒާރުތައް ދީފައި އެބަހުއްޓެވެ.
" ސްކޫލު ޗުއްޓީގައި ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކުމުގައި ޓީޗަރުންނަށް އޮތް ދަތިތަކުގެ ވާހަކަ ސޯޝަލްމީޑިއާގައި ލިޔުނީމާ އެވީ ސިޔާސީވީކަމަށް" ތަޢުލީމީ ދާއިރާގައި، 26 އަހަރު ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި މިހާރު ލީޑިންގ ޓީޗަރެއްގެ މަޤާމުގައި ހުންނެވި ބޭފުޅަކު ވިދާޅުވިއެވެ.
މީގެ އިތުރުން، ޔޫނިއަންތަކާއި އެކުގައި އާއްމު ޙައްޤުތަކަށް ޓީޗަރުން މަސައްކަތް ކުރުންވެސް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ދެކެމުން އަންނަނީ އެއީ ސިޔާސީ ވުންކަމަށެވެ.
ހައްޤުތަކަށް މަސައްކަތް ކުރުމާއި، އިޙްތިޖާޖު ކުރުމުގައި، ޓީޗަރުން ކުރި، ކަޅު ހެދުމުގެ އިހްތިޖާޖުވެސް އޭރުގެ ސަރުކާރަށް ގޯސްވިއެވެ. އެއީ ސިޔާސީ ކަމަކަށް ވިއެވެ. އެކަމާއި ގުޅިގެން އެކަމުގައި އިސްކޮށް ހަރަކާތްތެރިވި ޓީޗަރުންނަށް އިންޒާރުދީ ފިޔަވަޅުވެސް އެޅިއެވެ.
ރާއްޖޭގެ އިޖުތިމާޢީ ފޭރާން ހަލާކުކޮށްލުމާއި، މުޖުތަމަޢުގައި ހުރި އެތައް މައްސަލައެއްގެ ބިންގަލަކަށްވީ، ނިޒާމީ ގޮތެއްގައި ސިޔާސީ މީހުން ޓީޗަރުންނަކީ އެއްވެސް ބައެއް ނޫންކަމަށް ހެދުމާއި، ޓީޗަރުން އަޅުވެތި ކުރުމުގެ ނަތީޖާއެއްގެ ގޮތުންނެވެ.
"ޓީޗަރުން ސިޔާސީ ނުފޫޒުން މިނިވަންވާންޖެހޭ ފަދައިން، ޓީޗަރުންގެ މައްޗަށް ބަސްކިޔަން ތިބޭ ވެރިންވެސް ވާންޖެހޭނީ ސިޔާސީ ނުފޫޒުން މިނިވަން ވެފައިވާ ބަޔަކަށް. ޖުޑިޝަރީފަދަ މިނިވަން ދާއިރާއަކަށް." ސްކޫލެއްގެ ޕްރިންސިޕަލަކު ވިދާޅުވިއެވެ.
ރާއްޖޭގައި މިއަދު ފެންނަމުން މިދާ އެތައް މައްސަލައެއްގެ ފެށުމަކީ، ތަރުބަވީ ވަށައިޖެހޭ ތަޢުލީމެއް ނުދެވި މިފާއިތުވި ވިއްސަކަށް އަހަރު މިފާއިތުވެފައި ވުމެވެ. ސިޔާސީ ވެރިން ސިޔާސީ މަންފާއަށް ބޭނުންކުރާ ދާއިރާއަކަށް ތަޢުލީމީ ދާއިރާ ހެދުމެވެ. ޤައުމުގައި ހުރި މައްސަލަތަކުގެ ވާހަކަ ޓީޗަރުން ނުދައްކައި އެވާހަކަ ދެން ދައްކާންވީ ކޮންބައެއް ހެއްޔެވެ؟
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް