މޯލްޑިވްސް 2.0 ގެ ދަށުން ޕްރޮކިއުމަންޓް ނިޒާމުގައި އިންސާނުންގެ ދައުރު މަދުވާނެ: މެންބަރު ޝުޖާއު
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ޝުޖާއު ވާހަކަ ދައްކަވަނީ. -- ފޮޓޯ: މަޖިލިސް
ސަރުކާރުގެ ފަރާތުން ހުށައަޅާފައިވާ މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޯމޭޝަން ބިލުގެ ދަށުން ޕްރޮކިއުމެންޓް ނިޒާމުގައި އިންސާނުންގެ ދައުރު މަދުވާނެކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު މިއަދު ވިދާޅުވެއްޖެއެވެ.
ގައްދޫ ދާއިރާގެ މެންބަރު މުހައްމަދު އަލީ ރައްޔިތުންގެ ހުށައަޅުއްވާފައިވާ މޯލްޑިވްސް 2.0 ބިލާއި ގުޅޭގޮތުން ބަހުސްކުރައްވަމުން ޝުޖާއު ވިދާޅުވީ ޑިޖިޓަލް ރާއްޖެއަށް އަހުލުވެރިވެ، އިންސާނުންގެ ދައުރު ޕްރޮކިއުމެންޓް ނިޒާމުގައި ކުޑަކުރުމުން ވައްކަން މަދުވާނެކަމަށެވެ.
ޝުޖާއު އިތުރަށް ވިދާޅުވީ ދިވެހިރާއްޖެ 2.0 ގެ ސިޔާސަތުގެ ދަށުން ރައީސް މުއިއްޒުގެ އަމާޒުފުޅަކީ ދިވެހިރާއްޖޭގައި ހިނގާ ކޮރަޕްޝަނާއި ފަސާދައިގެ ކަންކަން ނިމުމަކަށް ގެނައުންކަމަށެވެ. އަދި އެ މަގްސަދު ހާސިލުކުރުމަށް މަޖިލީހަށް ހުށައެޅިފައިވާ ބިލަށް ގާނޫނީ ބާރުވެރިކަންދޭންޖެހޭކަމަށް މެންބަރު ވިދާޅުވިއެވެ.
"ޒާތީ މައުލޫމާތު ރައްކާކުރުމުގެ ބިލާއި ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ ބިލު އެކުއެކީގައި ފާސްވެގެންދިޔައީމައި ހަގީގީ ޓްރާންފޯމޭޝަންއަކަށް ދިވެހިރާއްޖެ ބަދަލުވަނީ. ޑިޖިޓަލް ޓްރާންސްފޯމޭޝަން ހަގީގީ މާނައިގައި އޭގެ ފޮނިމީރުކަން ދިވެހިރައްޔިތުންނަށް ލިބިގެންދަނީ"
ޝުޖާއު ވިދާޅުވިއެވެ
މިހާރު ކުރިއަށްދާ މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޢަލީ އިބްރާހީމް ހުށައަޅުއްވާފައިވާ ޒާތީ މައުލޫމާތު ރާއްކާތެރިކުރުމުގެ ބިލުގެ ބަހުސްކުރިއަށް ގެންދިޔުމަށް ވަނީ ތާވަލްކުރެވިފައެވެ. މި ބިލުގެ މަގްސަދަކީ ރައްޔިތުންގެ ޒާތީ މައުލޫމާތު އެއްކޮށް ބޭނުންކުރުމުގައި އެ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކޮށް، މައުލޫމާތު ގެންގުޅޭ ފަރާތްތަކުން އުފުލަންޖެހޭ ޒިންމާތައް ގާނޫނީ ގޮތުން ކަނޑައަޅާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް