ލޯކަލް އިންތިހާބު 2026: އައިހަމްގެ އޮތީ "ހިނގާ މާލެ"އެއްގެ ތަސައްވަރު

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ލޯކަލް އިންތިހާބު 2026: އައިހަމްގެ އޮތީ "ހިނގާ މާލެ"އެއްގެ ތަސައްވަރު

ގްރެފިކްސް: ރައްޔިތުންގެ ނޫސް

އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އަމިއްލަ ގޮތުން މާލޭގެ މޭޔަރުގެ ގޮނޑިއަށް ކުރިމަތިލާން ނިންމެވި އައިހަމްއަކީ ބައެއް ފަރާތްތަކަށް ސިޔާސީ މައިދާނުގައި އައު މޫނަކަށް ވެދާނެއެވެ. ނަމަވެސް 27 ގެ އައިހަމްއަކީ ފެށުނީއްސުރެއް މަދަނީ ޖަމްއިއްޔާތަކުގައި ސިޔާސީ ކަންކަމުގައި ޝާމިލްވެ އުޅޭ ފަރާތްތަކަށް ދެކެފަރިތަ މޫނަކަށް ވާނެ ކަން ޔަގީނެވެ.

ކެނޑިޑޭޓް ނަންބަރު 1 އައިހަމްގެ ތަސައްވަރަކީ ހިނގާ މާލެއެއްގެ ތަސައްވަރުކަމަށް އޭނާ ވިދާޅުވެއެވެ. އައިހަމްގެ ކެމްޕޭނާއި ބެހޭ ހުރިހާކަމެއް ހިނގާ މާލެ ވެބްސައިޓުން ރައްޔިތުންނަށް ފެންނާނެއެވެ. އެގޮތުން، ވައުދުތަކާއި، ހުރި މައްސަލަތަކާއި، މެނިފެސްޓޯގެ އިތުރުން ކެމްޕޭންނަށް ލިބޭފައިސާއާއި ހަރަދުތައް ސާފުކޮށް ފެނެއެވެ. މީގެ އިތުރުން، ވޮލެންޓިއަރ ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތުވެސް އޭނާ ވަނީ ހުޅުވާލައްވާފައެވެ.

އައިހަމް ވިދާޅުވާ ގޮތުގައި އޭނާގެ ނިޔަތަކީ ވޯޓު ބައިބައިކުރުމުގެ ބަދަލުގައި މުޖްތަމައުގައި ސުލްހަ މަސަލަސްކަން އުފެއްދުމެވެ. މާލޭގެ އެއްބައިވަންތަކަން އިސްކޮށް، ނިންމުންތައް ނިންމުމުގައި ހާމަކަން ބޮޑުގޮތެއްގައި މަސައްކަތްކުރުމެވެ. އަދި ސިޔާސީ އޮއިވަރުގައި ނުޖެހި، ޕާޓީ ނިޒާމުގައި ޝާމިލްވުމުގެ ބަދަލުގައި ރައްޔިތުން ތަމްސީލްކުރުމަށް އިސްކަންދޭ ސިޔާސީ އައު ގޮތެއް އުފެއްދުންކަމަށް އޭނާ ވިދާޅުވިއެވެ.

އައިހަމްއަށް މި ވައުދުތައް ފުއްދިދާނެތަ؟

ހިންގާމާލެ ވެބްސައިޓުން ފެންނަ ގޮތުގައި އައިހަމްގެ ޖުމްލަ ހަތަރު ވައުދެއް ވެއެވެ.

އައިހަމްގެ ފުރަތަމަ ވައުދަކީ ތޮއްޖެހުން ކުޑަކޮށް ވެށީގެ ޖާގަ އިތުރުކުރުމެވެ.

މާލޭގެ މަގުތަކުގެ 82 އިންސައްތަ އުޅަނދުފަހަރަށް ހާއްސަކޮށްފައިވާއިރު، އޭގެ ބަދަލުގައި ކާރުބާރު ދުއްވާ މީހުންނާއި ހިނގާ ބިނގާވެ އުޅޭ މީހުންނަށް ރައްކާތެރިކަމާއެކު އުޅެވޭނެ "ވޯކަބަލް ސިޓީ" އަކަށް މާލެ ބަދަލުކުރުން ހިމެނެއެވެ. މި މަސައްކަތްކުރުމުގެ ގޮތުން ހިނގާ ބިނގާވެ އުޅޭ ފަރާތްތަކަށް ވަކި މަގުތަކެއް ކަނޑައަޅައި، ކަފިހިހުރަސްތަކާއި ޕޭވްމަންޓްތަކުގެ ހާލަތު ރަނގަޅުކޮށް، ޓްރެފިކްގެ ހިންގުން ރަނގަޅުކުރުމަކީވެސް ތޮއްޖެހުން ކުޑަކުރުމަށް އަޅާނެ ފިޔަވަޅެއްކަން އޭނާ ވިދާޅުވިއެވެ.

ދަރިވަރުންގެ އާބާދީގެ ތެރެއިން %40 ދަރިވަރުން މާލެ ސަރަހައްދުގައި ތައުލީމް ހާސިލްކުރާއިރު ފުރަތަމަ އަހަރު މަދުވެގެން 5 ސްކޫލެއްގެ ޓްރެފިކް ނިޒާމް ޕައިލެޓްކުރާނެކަމަށް އައިހަމް ވިދާޅުވިއެވެ.

އަދި މާލެ ސިޓީ އިހްތިސާސްގައި އޮންނަ 'ތައިސޭ ކޮށި' ފަދަ ތަންތަން މުޖްތަމައުގެ މަޝްރޫއުތަކަށާއި ޒުވާނުންގެ ނާދީ ގޮތުގައި ހުޅުވާލާ އެފަދަ ވެށި ޖާގަތަކަށް ބިން ހޯދުން މި ވައުދުގެ ދަށުން ހިމެނެއެވެ.

އައިހަމްގެ ދެވަނަ ވައުދަކީ ރޭވުންތެރިކަމާއެކު މާލެ ސަރަހައްދުގައި ކުނި ނަގާ ސާފު މަގުތައް ކަށަވަރުކުރުމެވެ. ގްރޭޓަރ މާލެ ސަރަހައްދުގައި ކޮންމެ ދުވަހަކުވެސް 548 ޓަނުގެ ކުނި އުފެދޭއިރު އެކަން ރޭވުންތެރިކަމާއެކު ބެލެހެއްޓުމަކީ އައިހަމްގެ އަމާޒެވެ. އެގޮތުން، ކުނި ނަގާ ނިޒާމު އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ކުނި ނަގާ ގަޑިތަކާއި ތަންތަން ތާވަލްކުރެވި ޑިޖިޓަލްކޮށް ރޫޓް ބެލޭނެ ގޮތް ހަދަން ވަނީ ނިންމާފައެވެ.

އަދި ކޮންމެ ސަރަހައްދަކުންވެސް ކުނި ބަލައިގަންނަން ވަކި ތަންތަން ހަމަޖެއްސުން ހިމެނެއެވެ. މީގެ އިތުރުން، ކުނި ވަށިގަނޑު ބެހެއްޓިފައިވާ ތަންތަން އިތުރުކޮށް، ކުނި އަޅާ މީހުންނަށް ގާނޫނީ ފިޔަވަޅުއެޅުންވެސް ހިމެނެއެވެ.

އަދި އެއް އަވަށާއި އަނެއް އަވަށާއި އަޅާކިޔޭގޮތައް ސާފުތާހިރުކަމުގެ މިންގަނޑު ހުރިހާ ކިހާވަރެއްގަތޯ އޮންލައިން ސިސްޓަމެއް މެދުވެރިކޮށް ހުރިހާ ރައްޔިތުންނަށް ފެންނާނެގޮތައް ހެދުން ހިމެނެއެވެ.

ތިންވަނަ ވައުދެއްގެ ގޮތުގައި ކެނޑިޑޭޓް ފާހަގަކޮށްފައިވަނީ ގިނަ ރައްޔިތުން އާމްދަނީގެ %60 ކުއްޔަށް ހޭދަކުރާއިރު ދެމެހެއްޓެނިވި ދިރިއުޅުމެއް މާލެ ސަރަހައްދުގައި  ރައްޔިތުންނަށް އުޅެވޭތޯ ބެލުމުގެ ގޮތުން ރެންޓަލް އެފޯޑެބިލިޓީ އިންޑެކްސް، އާރް.އޭ.އައި ހެދުމެވެ. އާރް.އޭ.އައިގެ ސަބަބުން ކުލީގެ ބާޒާރަށް އަންނަ ބަދަލުތައް ފެންނާނެއެވެ.

މީގެއިތުރުން ކުދި ވިޔަފާރިތަކަށް އެއްބާރުލުންދީ ކައުންސިލްގެ ކޮންޓްރެކްޓްތަކުގައި ފްރީލާންސަރުން އިސްކޮށް، ހުރިހާ ލިޔެކިޔުމެއް ދެފުށް ފެންނަ ގޮތަށް އާންމުކުރުން ހިމެނެއެވެ.

އަދި ސިޓީ ކައުންސިލްގެ ވަޒީފާތަކަށް ދިވެހިން އިސްކުރާނެކަމަށް ކެނޑިޑޭޓް ވިދާޅުވެއެވެ. އެގޮތުން ޒުވާނުން ތަމްރީނުކޮށް، މުސާރާގެ ނިޒާމު މުރާޖައާކުރުމަށްފަހު ސިޔާސީ މަގާމުތައް ނައްތާލާނެކަމަށް ވިދާޅުވިއެވެ.

އާބާދީގެ %50 އަށް ވުރެއް ގިނަ މީހުން މާލެ ސަރަހައްދުގައި ދިރިއުޅޭއިރު ދައުލަތުގެ ބަޖެޓުން މާލެ ސިޓީ ކައުންސިލަށް ކަނޑައަޅާފައިވަނީ %1 އަށް ވުރެއް ކުޑަ މިންވަރެކެވެ. އައިހަމްގެ ހަތަރުވަނަ ވައުދަކީ ކޮންޓްރެކްޓްތަކާއި، ބަޖެޓް ހުޅުވާލުމާއި ރައްޔިތުންގެ މަޝްވަރާއާނުލާ އެއްވެސް ނިންމުމެއް ނުނިންމުމެވެ. އެގޮތުން ބަޖެޓުގެ ފުރިހަމަ ތަފްސީލް ޝާއިޢުކުކޮށް، ހުރިހާ ޕްރޮކިއުމެންޓް ތަފްސީލެއް ހާމަކުރުމުގެ އިތުރުން ބޮޑެތި ޕްރޮކިއުމެންޓް ޓެންޑާ ކުރުމުގެ ކުރިން ރައްޔިތުންގެ ރުހުން ހޯދުމުގެ ނިޒާމެއް އެކުލަވާލާނެކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ކޮންމެ ހަފްތާއަކު ވަކި ވަކި އަވަށްތަކާއި ބައްދަލުކޮށް، ކޮންމެ މަހަކު އެއްފަހަރު ސިޓީ ފެންވަރުގެ ބައްދަލުވުމެއް ބާއްވާނެކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، ޑިޖިޓަލް ޗެޓްރޫމެއް ގާއިމްކޮށް، ކައުންސިލަރުންނާއި، ޓެކްނިކަލް މުވައްޒަފުންގެ އިތުރުން ކޮންސަލްޓެންޓުންނާއި ރައްޔިތުން ގުޅުވާލާނެކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން ރިޕޯޓިންގެ ނިޒާމު ހަރުދަނާކޮށް، 48 ގަޑީއިރުގެ ތެރޭގައި ކޮންމެ މައްސަލައަކަށްވެސް ޖަވާބު ލިބޭނެގޮތައް ސްޓޭޓަސް އަޕްޑޭޓް ބައްޓަންކުރުން ހިމެނެއެވެ.

ހިނގާ މާލެ ކެމްޕޭންގެ ދަށުން އައިހަމް ވަނީ ބައެއް ގޮންޖެހުންތައް ފާހަގަކޮށްފައެވެ. އެއީ ކޮންމެ އަކަ ކިލޯމީޓަރަކަށް ބަލާއިރު މާލޭގައި 97،000 މީހުންގެ އާބާދީއެއް އޮތުމެވެ. މާލެ ސިޓީ ކައުންސިލަށް ކަނޑައަޅާފައިވާ ބަޖެޓާއި ދައުލަތުގެ ޖުމްލަ ބަޖެޓްގެ ފަރަގެވެ. އެގޮތުން 2026 ވަނަ އަހަރު 64.2 ބިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓަށް ކަނޑައަޅާފައިވާއިރު މާލެ ސިޓީ ކައުންސިލަށް ކަނޑައަޅާފައިވަނީ އޭގެން %0.75 އެވެ. އެއީ 487.2 މިލިއަން ރުފިޔާއެވެ.

މީގެއިތުރުން ގާނޫނީ ގޮތުން ކަނޑައަޅާފައިވާ އެންމެ ކުޑަ މުސާރައާއި އެވަރެޖްކުލީގެ ފަރަގު އައިހަމް ވަނީ ފާހަގަކޮށްފައެވެ. މިނިމަމް ވޭޖްގެ އެންމެ ކުޑަ އުޖޫރައަކީ 4،500ރ އެވެ. އެންމެ ބޮޑު އުޖޫރައަކީ 8،000ރ އެވެ. ނަމަވެސް މާލެ ސަރަހައްދުގައި އެވަރެޖް ކުއްޔަކީ 15،000ރ އެވެ. އެގޮތުން، އެންމެ ކުޑަ އުޖޫރަ ލިބޭ މީހަކު ކުއްޔަށް މުސާރައިގެ 3 ގުނަ ހޭދަކުރަންޖެހޭކަމަށް އައިހަމް ވަނީ ފާހަގަކޮށްފައެވެ. އަދި މާލޭގައި ބޯހިޔާވަހިކަމަށް ހޭދަކުރާ ހަރަދު ބައިނަލްއަގްވާމީ މިންގަނޑާއި އަޅާކިޔާއިރު %25 އިތުރުކަމަށް ކެނޑިޑޭޓް ވިދާޅުވިއެވެ.

"ދިރިދާ މެނިފެސްޓޯ"

އައިހަމް ސިފަކުރި ގޮތުގައި ހިނގާ މާލެއަކީ ދިރިދާ މެނިފެސްޓޯއެކެވެ. މިއީ ރައްޔިތުން ޝާމިލްވެގެން ބައްޓަންކުރެވިފައިވާ ނަތީޖާނެރެވޭނެ ފުޅާ ލިޔުމެކެވެ. އެގޮތުން، މި މެނިފެސްޓޯގެ ދަށުން ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ރޭވުންތަކާއި ބަޖެޓު ހާމަކުރުމުގެ އިތުރުން ހިސާބުކޮށް ޝާއިއުކުރާނެ ކަމަށް އައިހަމް ވިދާޅުވިއެވެ.

ހިނގާމާލެ ކެމްޕޭންގެ ދަށުން އެންމެ ފާހަގަކޮށްލެވެނީ ކެމްޕޭންގެ މާލީ ބަޔާނެވެ. ވެބްސައިޓުން ފެންނަ ގޮތުގައި މިއަދުގެ ނިޔަލަށް ޖުމްލަ 10،550.90 ރުފިޔާގެ އެހީ ލިބިފައިވާއިރު ލިބޭ ކޮންމެ ފައިސާއެއްވެސް ދަނީ ހިސާބުކުރެވެމުންނެވެ.

އެގޮތުން ފައިސާ ލިބުނު އަދި ހަރަދުކުރި ތާރީހާއި، ފައިސާ ދިން ފަރާތާއި ހަރަދުކުރި ގޮތުގެ ތަފްސީލް ފެންނަ ގޮތަށް ވެބްސައިޓުގައި ވަނީ ބަޔާންކޮށްފައެވެ.

ފައިސާ ގެންގުޅުމުގެ މިންގަނޑުތަކަށް ބަލާލާއިރު ނަޒާހާތްތެރިކަން ކަށަވަރުކުމުގެ ގޮތުން ކޮންމެ މީހަކަށް އެންމެ ގިނަވެގެން ހަފްތާއަކު ހަދިޔާކުރެވޭނީ 10،000 ރުފިޔާއެވެ. އަދި ނަން ނޭނގޭ ފަރާތްތަން ފޮނުވާ ފައިސާ ބަލާ ނުގަންނާނެކަމަށް ބުނެފައިވެއެވެ.

އައިހަމް އިތުރަށް ވިދާޅުވީ އޭނާ ހޮވަނީ ރައްޔިތުންގެ ޚާދިމެއްގެ ގޮތުން ކަމައްވާތީ، އޭނާ ޖަވާބުދާރީ ވާނީ ރައްޔިތުންނަށް ކަމަށެވެ. އެގޮތުން މާލެ ސިޓީގެ މޭޔަރުކަމަށް އޭނާ ހޮވިއްޖެނަމަ ކޮންމެ ރައްޔިތަކަށްވެސް އޭނާއާ ދެކޮޅަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމުގެ ހައްގު އޮންނާނެކަމަށް އައިހަމް ފާހަގަކުރިއެވެ.

 

 

 

 

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް