ގްރޫޕް ބީގެ ފުރަތަމަ މެޗް ތުޅާދޫ ކާމިޔާބުކޮއްފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ތުޅާދޫއާއި ފެހެންދޫ ބައްދަލު ކުރި މެޗުގެ ތެރެއިން ---
އެފްއޭއެމް ފުޓްސަލް އެޓޯލް ޗެންޕިއަންޝިޕް ބ އަތޮޅު ބުރުގެ ގްރޫޕް ބީގެ ފުރަތަމަ މެޗް ތުޅާދޫ ކާމިޔާބުކޮއްފިއެވެ.
މިމެޗުގައި ބައްދަލުކުރީ، ތުޅާދޫ އާއި ފެހެންދޫއެވެ.
ފެހެންދޫ ޓީމްގެ ފުރަތަމަ ގޯލަކީ، ތުޅާދޫ ޓީމްގެ ހަސަން ނާއިލް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. ފުރަތަމަ ހާފް ނިމުނީ 1 -0 އިން ފެހެންދޫ ލީޑުގައި އޮވެގެންނެވެ.
ދެވަނަ ހާފް ފެށުމާއި އެކު މެޗުގެ 22 ވަނަ މިނެޓްގައި ތުޅާދޫ ޓީމުގެ ޖަރޒީ ނަމްބަރ 7 ހައްޔާން ޙަސަން ގޯލެއް ޖަހާ ނަތީޖާ ހަމަހަމަކޮށްދިނެވެ.
ތުޅާދޫ ޓީމްގެ 2 ވަނަ ގޯލް ކާމިޔާބުކޮށްދިނީ މެޗުގެ 35 ވަނަ މިނެޓްގައި އެޓީމްގެ ޖަރޒީ ނަމްބަރ 41 ޢާދިލް އަބްދުއްރަޙްމާނެވެ.
އޭގެ މިނެޓެއް ފަހުން މެޗުގެ 36 ވަނަ މިނެޓްގައި ފެހެންދޫ ޓީމުން އެޓީމުގެ ޖަރޒީ ނަމްބަރ 7 ޙަސަން ސާޖިދު ފެހެންދޫ ޓީމަށް ނަތީޖާ ހަމަހަމަކޮށްދިނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗް ތުޅާދޫ ޓީމުން ކާމިޔާބުކުރީ މެޗުގެ 37 ވަނަ މިނެޓްގައި ޖަރޒީ ނަމްބަރ 13 އީމާން އިލްޔާސް ޖެހި ގޯލާއިއެކު 3 - 2 ގެ ނަތީޖާއަކުންނެވެ.
މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ތުޅާދޫ ޓީމަށް ފުރަތަމަ ގޯލް ކާމިޔާބުކޮށްދިން ހުނަރުވެރި ކުޅުންތެރިޔާ ހައްޔާން ޙަސަނެވެ.
މި މުބާރާތަށް ތުޅާދޫ ޓީމް ނުކުމެފައި މިވަނީ ދުވާފަރު ޓީމާއި އެކު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ޒުވާން ކޯޗް ޔާނިޢު ޢަލީ (ދަބަން) އާއެކުގައެވެ. މިއީ ތުޅާދޫ ޓީމާއި އެކު ދަބަންގެ ދެވަނަ މުބާރާތެވެ.
ބ އަތޮޅު ބުރުގެ ކުޅުން ދެން އޮންނާނީ 08 އޮގަސްޓްގައެވެ. އޭދައްޓާއި، މާޅޮސް ބައްދަލުކުރާ މެޗް ހަވީރުކުޅުމަށް ތާވަލްކުރެވިފައި ވާއިރު އެދުވަހުގެރޭ އޮންނާނީ ތުޅާދޫ ދޮންފަނު ބައްދަލު ކުރާ މެޗެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް