އެސްޓީއޯއިން އަގު ހެޔޮކޮށް ތެޔޮވިއްކާނެ ކަމަށް ބުނި ނަަމަވެސް ބޮޑުކުރި ޓިކެޓްގެ އަގު ހެވެއް ނުކުރި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އިއްޔެ ތެލުގެ އަގު ބޮޑު ކުރުމަށް ފަހުގައި، ފެރީ ލޯންޗުތަކަށާއި އާއްމު ދަތުރުފަތުރުގެ ޚިދުމަތްދޭ ފަރާތްތަކަށް ކުރީގެ އަގުގައި ތެޔޮ ވިއްކަން ނިންމާފައިވާ ކަމުގައި އެސްޓީއޯއިން އިއުލާނު ކުރި ނަމަވެސް އިއްޔެ ބޮޑު ކުރި ފެރީ ޓިކެޓްތަކުގެ އަގު ހެޔޮކުރުމާއި މެދު ގޮތެއް ނުނިންމާކަމުގައި ފެރީ ލޯންޗުގެ ޚިދުމަތްދޭ ފަރާތްތަކުން ބުނެފިއެވެ.
މާލެއާ އަތޮޅުތަކުގެ ރަށްރަށާއި ދެމެދު ދަތުރުކުރާ ފެރީ ލޯންޗުތައް ދުއްވާ ފަރާތްތަކުން ބުނީ، އެސްޓީއޯއިން އަގުހެޔޮކޮށް ތެޔޮވިއްކާނެ ކަމަށް ބުނި ނަމަވެސް އެކަން ތަންފީޒު ކުރާނީ ކިހިނެއްކަން ނޭނގޭތީ އިއްޔެ އަގުބޮޑުކުރި ޓިކެޓްތަކުގެ އަގު ހެޔޮ ކުރުމާއި މެދު ގޮތެއް ނުނިންމާކަމަށެވެ.
އެސްޓީއޯއިން ބުނީ، އެންމެފަހުން ވިއްކަމުން އައި އަގަށް، ފެރީ ލޯންޗު ތަކަށާއި އާއްމު ދަތުރުފަތުރުގެ ޚިދުމަތްދޭ ފަރާތްތަކަށް ޕެޓްރޯލް ލީޓަރެއް 16.01ރ. އަށް އަދި ޑީސަލް ލީޓަރެއް 17.54ރ އެސްޓީއޯއިން ވިއްކާނެ ކަމަށެވެ. އެހެން ނަމަވެސް އަތޮޅުތަކުން ފެރީ ލޯންޗުތަކަށް ތެޔޮއަޅައިދިނީ ޕެޓްރޯލް ލީޓަރެއް 27 ރުފިޔާއަށް ވުރެ ބޮޑު އަގެއްގައި ކަމަށް ވާތީ، ޓިކެޓްގެ އަގު ހެޔޮކުރުމާއި މެދު ގޮތެއް ނުނިންމައި ތިބީ ކަމުގައި ފެރީ ލޯންޗުތައް ދުއްވާ ފަރާތްތަކުން ބުންޏެވެ.
އިއްޔެ ފެރީ ޓިކެޓްތަކުގެ އަގު ބޮޑުކުރުމާއި އެކު ދުރާލާ ނަގާފައި ހުރި ޓިކެޓްތަކަށްވެސް މީހުން އިތުރަށް ފައިސާ ދެއްކި ފަހުން، އެސްޓީއޯއިން ދަންވަރު ތެޔޮ އަގުހެޔޮކޮށްދޭނެ ކަމަށް ބުނި ނަމަވެސް، ބޮޑުވި ފެރީ ލޯންޗުގެ ޓިކެޓްތަކުގެ އަގު ހެޔޮ ނުވުމުން އެކަމުގެ ގެއްލުން އުފުލަން ޖެހުނީ އާއްމުންނަށެވެ.
އިއްޔެ ފިއުލް ސަޕްލައި އިން ތެލުގެ އަގު ބޮޑު ކުރުމާއި އެކު، މިހާރު އަތޮޅުތަކަށް ކުަރަމުން އަންނަ ލޯންޗު ދަތުރުތަކުގެ އަގުވެސް ދެގުނަ ބޮޑުކުރިއެވެ.
އިއްޔެ ބޮޑު ކުރި ބައެއް ފެރީ ޓިކެޓްގެ އަގުތައް:
މާލެ، ލ އަތޮޅު - އެއްކޮޅު ޓިކެޓް، ކުރިން، 1050ރ، މިހާރު 1650ރ
މާލެ ތ އަތޮޅު - އެއްކޮޅު ޓިކެޓް، ކުރިން، 800ރ. މިހާރު 1300ރ
މާލެ ދ އަތޮޅު - އެއްކޮޅު ޓިކެޓް، ކުރިން، 600ރ. މިހާރު 900ރ
މާލެ ފ އަތޮޅު - އެއްކޮޅު ޓިކެޓް، ކުރިން، 550ރ. މިހާރު 850ރ
މާލެ އދ އަތޮޅު - އެއްކޮޅު ޓިކެޓް، ކުރިން، 500ރ. މިހާރު 750ރ
މާލެ ވ އަތޮޅު - އެއްކޮޅު ޓިކެޓް، ކުރިން، 300ރ. މިހާރު 500ރ
މާލެ ރ އަތޮޅު - އެއްކޮޅު ޓިކެޓް، ކުރިން، 750ރ. މިހާރު 1000ރ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް