ބ އަތޮޅު ބުރުގެ ގުރޫޕް ސްޓޭޖްގެ ފަހު މެޗުތައް މިއަދާއި މިރޭ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ބެޓަރ އިން ބާ ގައި އެންމެ ފަހުން ގޮއިދޫ މާޅޮސް ބައްދަލުކުރި މެޗުގެ ތެރެއިން --
އެފްއޭއެމް ފުޓްސަލް އެޓޯލް ޗެންޕިއަންޝިޕްގައި ބ އަތޮޅު ބުރުގެ ގުރޫޕް ސްޓޭޖްގެ ފަހު މެޗުތަށް މިއަދާއި މިރޭ ކުޅެވޭނެއެވެ.
މިއަދު ހަވީރު ގޮއިދޫ އަދި މާޅޮސް ބައްދަލުކުރާއިރު، އޭދަފުއްޓާއި ވާދަކޮށް 1-4 ގެ ނަތީޖާއަކުން ބަލިވެފައި އޮތުމުން މުބާރާތުގައި އިތުރަށް ކުރިޔަށް ދިއުމަށް މިމެޗުން ތަފާތު ބޮޑު މޮޅެއް ހޯދުމަށް ގޮއިދޫ ޓީމަށް މަޖުބޫރެވެ.
0-3 ގެ ނަތީޖާއަކުން އޭދަފުށި ބަލިކޮށް ގުރޫޕް އޭގެ ޕޮއިންޓް ޓޭބަލްގެ އެއްވަނައިގައި އޮތް މާޅޮހަށް މާބޮޑު ޕްރެޝަރެއް ނެތް ނަމަވެސް،މިހާތަނަށް ބައިކޮޅަށް ގޯލެއް ވަދެފައި ނެތުމުން ކްލީން ޝީޓް ދެމެހެއްޓުމަށް،އަދި ގްރޫޕްގެ އެއްވަނައިގައި ސެމީއަށް ދިއުމަށް އެޓީމަށް ވެސް މީ މުހިއްމު މެޗެކެވެ.
މާޅޮސް ޓީމަށް ގޯލެއް ނުޖެހި 4 ގޯލުގެ ތަފާތުން ގޮއިދޫ މޮޅުވެއްޖެ ނަމަ،3 ޕޮއިންޓާއި އެކު ހުރިހާ ޓީމެއް ޕޮއިންޓްގެ ގޮތުން އެއްވަރުވެ،ފައިދާ ގޯލުން ގުރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ގޮއިދޫ އަދި ދެވަނަ ޓީމްގެ ގޮތުގައި އޭދަފުށި ސެމީއަށް ދަތުރު ކުރާނެއެވެ.
އެއަށް ވުރެއް ދަށް ނަތީޖާއަކުން މޮޅުވިޔަސް ގޮއިދޫ މުބާރާތުން ވަކިވާނެއެވެ. މި މެޗުން އެއްވަރު ވިޔަސް ގޮއިދޫ ޓީމަށް މުބާރާތް ނިމޭ ގޮތަށް ޕޮއިންޓް ޓޭބަލް އޮތްއިރު، އިބްރާހިމް ނާފިޒް(ކޮއްކޮ)، އާދަމް އިމްޖާދު(ޖައްރު)،ޝައްމޫން ޖަމީލް(ޝައްމު)އަނިޔާގައި ތިބުމަކީ ގޮއިދޫ ޓީމަށް އޮތް ވަރަށް ބޮޑު ގޮންޖެހުމަކަށް ވާނެއެވެ.
"މިމެޗަށް މިނިކުންނަނީ ރަށަށް ރީތި ނަން ހޯދައި ދިނުމަށް ކަށިން ހިތްވަރު ނެރެގެން.މުޅި ޓީމްވެސް މިއޮތީ އެއް އަޒުމެއްގައި.އިރާދަކުރެއްވިއްޔާ ކާމިޔާބުވާނެ. ވީހާ ގިނަ ސަޕޯޓަރުން ޓީމަށް ސަޕޯޓްކޮށްދިނުމަށް އޭދަފުއްޓަށް ދިއުން އެދެނީ". ރައްޔިތުންގެ ނޫހާއި ވާހަކަ ދައްކަމުން ގޮއިދޫ ޓީމްގެ އެންމެ މުހިއްމު ކުޅުންތެރިޔާ ހަސަން ޝާމް(ހަސްކާ) ބުންޏެވެ.
އެންމެ ފަހުން މިދެޓީމް ވާދަކޮށްފައިވަނީ 2025 ވަނަ އަހަރުގެ ބެޓަރ އިން ބާ ފުޓްސަލް ފިއެސްޓާގައެވެ.އެ މެޗުން 1-3 އިން ކާމިޔާބުކުރީ ގޮއިދޫއެވެ. މި މުބާރާތުގައި މިރޭ ކުޅޭނީ ފެހެންދޫ އަދި ދޮންފަނު ޓީމެވެ.
ޚަބަރު ލިޔުނީ: ޙަސަން ސާތިޢު - ރަށު ރިޕޯޓަރ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް