ދުނިޔެ

އެއާ ކެނެޑާގެ މަތިންދާ ބޯޓެއް ރަންވޭ މަތިން ފަޔަރ ޓްރަކެއްގައި ޖެހި ދެ ޕައިލެޓުން މަރުވެއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އެއާ ކެނެޑާގެ މަތިންދާ ބޯޓެއް ރަންވޭ މަތިން ފަޔަރ ޓްރަކެއްގައި ޖެހި ދެ ޕައިލެޓުން މަރުވެއްޖެ

ނިއުޔޯކުގެ ލަގުއަރޑިއާ އެއާޕޯޓަށް ޖެއްސި އެއާ ކެނެޑާ އެކްސްޕްރެސްގެ މަތިން ދާ ބޯޓަކާއި، އެއާޕޯޓްގެ ފަޔަރ ޓްރަކެއް ޖެހި، އެބޯޓުގެ ދެ ޕައިލެޓުން މަރުވެއްޖެއެވެ.

މިހާދިސާ ހިނގީ އާދީއްތަ ދުވަހުގެ ރޭގައެވެ. މިހާދިސާ ހިނގީ އެއާ ކެނެޑާގެ ބޯޓު އެއާޕޯޓަށް ޖެއްސި ވަގުތު ރަންވޭ ހުރަސްކުރި ފަޔަރ ޓްރަކެއްގައި ޖެހިގެންނެވެ. މިހާދިސާގައި ބޯޓުގެ ކުރީކޮޅާއި އެކު ކޮކްޕިޓް ޗިސްޗިސްވެ ދެ ޕައިލެޓުން ވަނީ ވަގުތުން މަރުވެފައެވެ.

އެބޯޓުން 76 މީހުން ދަތުރުކުރި އިރު، އޭގެ ތެރޭގައި 4 ކްރޫއިން ހިމެނެއެވެ. މިހާދިސާގައި 41 ފަސިންޖަރުންނަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު އޭގެ ތެރެއިން 6 މީހެއްގެ ހާލު ސީރިއަސް ކަމަށް އެނގިފައިވެއެވެ.

މިހާތަނަށް އެނގިފައިވާ ގޮތުގައި 4 ރަންވޭ އޮންނަ ނިއުޔޯކުގެ އެންމެ ބިޒީ އެއާޕޯޓުގައި މިހާދިސާ ހިނގީ އެމަންޖެންސީއަކާއި ގުޅިގެން ރަންވޭ 4 ހުރަސްކޮށް އެހެން ރަންވޭއަކަށް ނުކުންނަން ދިޔަ ފަޔަރ ޓްރަކެއްގައި، ރަންވޭ 4އަށް ޖެއްސި އެއާތ ކެނެޑާ އެކްސްޕްރެސްގެ ޖެޓް ޖެހިގެންނެވެ.

މިހާދިސާ ތަޙްޤީޤު ކުރަމުން އަންނަ ކަަމުގައި އެމެރިކާގެ އޭވިއޭޝަން ޑިޕާޓްމަންޓުން ވަނީ ބުނެފައެވެ. އަދި މިއީ ވައިގެ ދަތުރުފަތުރުގައި ހިނގުން ވަރަށް ނާދިރު ހާދިސާއެއް ކަމުގައިވެސް ކަމާއި ބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް