ބުރާސްފަތި ދުވަހުން ފެށިގެން ވިލާ ގޭހުގެ އަގު ބޮޑުކުރަން ނިންމައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
މެދު އިރުމަތީގައި ހިނގަމުން އަންނަ ހަނގުރާމަ އާއި ގުޅިގެން ދުނިޔޭގެ ހަކަތައިގެ ސިނާޢަތުގެ ސަޕްލައިއަށް އަރާފައިވާ ލޮޅުންތަކުން ލިބެމުން އަންނަ ގެއްލުންތައް ފޫބެއްދުމަށް، ވިލާގޭހުން ވިއްކާ ގޭހުގެ އަގު ބުރާސްފަތި ދުވަހުން ފެށިގެން ގާތްގަނޑަކަށް ދެގުނަ ބޮޑުވާނެ ކަމުގައި ވިލާގޭސް ގެ ކަސްޓަމަރުންނަށް އެކުންފުނިން އަންގަން ފަށައިފިއެވެ.
ވިލާހަކަތައިންވެސް ވަނީ، ވިިލާ ގޭހުގެ އަގު ބުރާސްފަތި ދުވަހުން ފެށިގެން ބޮޑު ކުރަން ނިންމާފައިވާކަން ޔަޤީންކޮށްދީފައެވެ. އެކުންފުނިން ކަސްޓަމަރުންނަށް ފޮނުވާފައިވާ މެސެޖުގައި ބުނެފައި ވަނީ، އޭޕްރީލް 9 ވަނަ ދުވަހުން ފެށިގެން އާއްމު ގޭބިސީތަކުގައި ބޭނުންކުރާ ސައިޒު ކަމަށްވާ، 10 ކިލޯގެ ގޭސްފުޅި ދެން ވިއްކާނީ 350ރ އަށް ކަމަށެވެ. މިހާރު ވިލާހަކަތައިން 10 ކިލޯގެ ގޭސް ފުޅިއެއް ވިއްކަނީ، 200ރ އަށެވެ. އެހެން ކަމުން މިއީ ނިސްބަތުން %75ގެ އަގު ބޮޑުވުމެކެވެ.
އާއްމު ގޭބިސީތަކުގައި ބޭނުންކުރާ 10 ކިލޯގެ ގޭސްފުޅީގެ އަގު ބޮޑު ކުރާއިރު، އެކުންފުނިން ވިއްކާ އެހެން ސައިޒްގެ ފުޅިތަކުގެ އަގަށްވެސް ބަދަލު ގެންނާނެ ކަމަށް ބެލެވެއެވެ. ނަމަވެސް އެކުންފުނީގެ ފަރާތުން މައުލޫމާތު ނުލިބޭތީ އެހެން ސައިޒްގެ ގޭސްފުޅިތަކުގެ އަގަށް ގެންނަ ބަދަލެއް ސާފެއް ނުވެއެވެ.
ވިލާއިން 3 ސައިޒެއްގެ ފުޅީގައި ގޭސް ވިއްކައެވެ. މިގޮތުން އެކުންފުނިން މިހާރު، 4 ކިލޯގެ ކުޑަ ގޭސްފުޅި ވިއްކަނީ 90ރ އަށެވެ. 10ކިލޯގެ ފުޅި ވިއްކަނީ، 200ރ އަށެވެ. އަދި 22 ކިލޯފެ ގޭސްފުޅި 495ރއަށް ވިއްކާއިރު، 45 ކިލޯގެ އެންމެ ބޮޑެތި ގޭސްފުޅި ވިއްކަނީ، 1،170ރ އަށެވެ.
ގޭހުގެ އަގަށް މިއަންނަ ބަދަލުތަކާއި އެކު، ކާބޯތަކެތީގެ ވިޔަފާރިކުރާ ހޮޓާ ކެފޭ ރެސްޓޯރެންޓް ފަދަ ތަންތަނުން ވިއްކާ ކާބޯތަކެތީގެ އަގުތައްވެސް ބޮޑުވެގެންދާނެއެވެ.
އެމެރިކާ އާއި އިޒްރޭލުން އީރާނާއި ދެކޮޅަށް ދެމުން އަންނަ ހަމަލާތަކާއި ގުޅިގެން މުޅި ދުނިޔޭގެ ހަކަތައިގެ ސަޕްލައިއަށް ވަނީ ވަރަށް ބޮޑަށް ލޮޅުން އަރާފައެވެ. މިއާއެކު، މުޅި އޭޝިއާގައިވެސް ވަނީ ކައްކާގޭހާއި ތެޔޮ ލިބުމުގެ ދަތިކަން ވަރަށް ބޮޑުވެފައެވެ.
ވިލާހަކަތައަކީ، ރާއްޖޭގެ އާއްމު ގޭބިސީތަކަށް ކައްކާގޭސް ފޯރުކޮށްދޭ ހަމައެކަނި އަމިއްލަ ކުންފުންޏެވެ. ވިލާހަކަތައިން ވިލާގޭހުގެ އަގުތަކަށް ބުރާސްފަތި ދުވަހުންފެށިގެން ބަދަލު ގެންނަން ނިންމާފައި ވާއިރު، ސަރުކާރުގެ ގޭސް ކުންފުނި މޯލްޑިވް ގޭސްއިންވެސް، ގޭހުގެ އަގުތައް މައްޗަށް ޖައްސާނެ ކަމަށް ބެލެވެއެވެ. އެހެން ނަމަވެސް މޯލްޑިވް ގޭހުން ކައްކާ ގޭހުގެ އަގަށް ގެންނަން ނިންމާފައިވާ ބަދަލެއް އެކުންފުނިން އަދި ހާމައެއް ނުކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް