ޕީއެންސީން މާލޭގެ މޭޔަރަކަށް ނެރެނީ މޭޖާ ޖެނެރަލް ރިޓަޔާޑް މޫސާ ޢަލީ ޖަލީލު
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ

މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލު ---- ފޮޓޯ: ރައީސް އޮފީސް
ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭގެ މޭޔަރަކަށް ނެރެނީ، ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް ރިޓަޔާޑް މޫސާ ޢަލީ ޖަލީލުކަމުގައި އެޕާޓީން ހާމަކޮށްފިއެވެ.
މިއީ މޫސާ ޢަލީ ޖަލީލު އިންތިޚާބީ ސިޔާސީ މަޤާމަކަށް ކުރިމަތި ލެއްވި ފުރަތަމަ ފަހަރެވެ. އަސްކަރިއްޔާގައި ވަރަށް ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.
ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕްގައި ހިމެނިވަޑައިގަންނަވާ، ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވީ، ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް ރިޓަޔާޑް މޫސާ ޢަލީ ޖަލީލަކީ ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާލެ ސިޓީގެ މޭޔަރުކަމަށް ހޮވޭނެ ފަހަުރުވެރި ގައުމީ ބަތަލުކަމަށެވެ.
މޫސާ ޢަލީ ޖަލީލު، ޗީފް އޮފް ޑިފެންސްފޯސްގެ މަޤާމުގައި ހުންނެވީ، އެމްޑީޕީގެ ވެރިކަމުގައެވެ. ސިފައިންނާއި ފުލުހުން ސަރުކާރާއި ދެކޮޅުވެ ރައީސް ނަޝީދުވެ ވެރިކަން ބަދަލު ކޮށްލިއިރު، މޫސާ ޢަލީ ޖަލީލު ހުންނެވީ ޗީފް އޮފް ޑިފެންސްފޯސްގެ މަޤާމުގައެވެ.
ނިޝާން ޢަސްކަރީގެ ވެރިކަމުގެ ޢިއްޒަތް، މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލަށް ސަރުކާރުން ވަނީ އަރުވާފައެވެ. އޭނާއަށްއަށް މިޝަރަފް އަރުވާފައި ވަނީ، 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ބޭއްވި ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައެވެ.
މި ޢިއްޒަތް، ނ.ޢ.ވ. މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލަށް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވީ، ދިވެހި ޤައުމާއި ރައްޔިތުންގެ ސަލާމަތަށްޓަކައި ޢަސްކަރީ ގޮތުން ކުރެއްވި އަގުހުރި ޚިދުމަތްތަކާއި، ޤައުމުގެ އިސްތިޤްލާލާއި ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ކޮށްދެއްވި މަސައްކަތްޕުޅުތަކާއި، ޚާއްޞަކޮށް، 1988 ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި ޢުދުވާނީ ޙަމަލާއާ ގުޅިގެން، ދިވެހި ޤައުމާއި ރައްޔިތުންގެ ދިފާޢުގައި އެމަނިކުފާނު ކުރެއްވި މަތިވެރި ޖިހާދުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް