ފުލުހުންނަށް މާލޭގައި އައު ހެޑްކުއާޓަރޒްއެއް އަޅުއްވައި ދެއްވާނެ ކަމުގައި ރައީސް ވިދާޅުވެއްޖެ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު --- ފޮޓޯ: ރައީސް އޮފީސް
މާލޭގައި ދިވެހި ފުލުހުންނަށް ޒަމާނީ، އެކަށޭނަ ބޮޑު ހެޑްކުއަޓަޜޒްއެއް އަޅުއްވައި ދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ 93ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވީ، މަދަނީ ބައެއްގެ ގޮތުގައި ފުލުހުންނަކީ، ރައްޔިތުންނާއި އެންމެ ގާތުން މަސައްކަތް ކުރާ ފަރާތްތަކަށް ވީ ހިނދު، ފުލުހުންގެ މުއައްސަސާ ތަރައްޤީކުރުމަށް މިވެރިކަމުގެ މިފާއިތުވި ދުވަސްތަކުގައިވެސް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. މިގޮތުން ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތްދޭން ފެށިފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ފުލުހުންގެ މިހާރުގެ ހެޑްކުއާޓަރޒް، ޝަހީދު ޙުސައިން އާދަމް ބިލްޑިންގއަށް އިޝާރަތްކުރައްވައި ރައީސް ވިދާޅުވީ، އެއީ ވަރަށް ކުޑަ ތަނެއް ކަމަށެވެ. އަދި ޒަމާނަށް ފެތޭ ޖާގައިގެ ގޮތުން ތަނަވަސް ފުލުހުންގެ މަރުކަޒެއް މާލޭގައި އިމާރާތް ކުރުމަށްޓަަކައި ކޮށްދޭންޖެހޭ ހުރިހާ މަސައްކަތެއް މިސަރުކާރުންކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.
މީގެ އިތުުރުން ރައީސް ވިދާޅުވީ، އަތޮޅުތަކުގައި އިމާރާތްކުރަމުން އަންނަ ފުލުހުންގެ މަރުކަޒުތަކުގެ މަސައްކަތްވެސް އަންނަ އަހަރުގެ ތެރޭގައި މުޅިން ނިންމާލުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
މާލޭގައި ހުންނަ ފުލުހުންގެ ހެޑްކުއާޓަރޒްގެ ގޮތުގައި މިހާރު ބޭނުން ކުރަމުން އަންނަ ޝަހީދު ޙުސައިން އާދަމް ބިލްޑިންގއަކީ، ރައީސް މައުމޫނުގެ ވެރިކަމުގައި އިމާރާތްކުރި ތަނެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް