Post banner
ވާހަކަ

ދިގުވާހަކަ: ހިތާމައިގެ ރާނީ -13

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ދިގުވާހަކަ: ހިތާމައިގެ ރާނީ -13

މެއި 9 ގެ އަދަދާއި ގުޅޭ ...
ސިފައިން ކިނބޫ ތުނޑިމަތިން ބާލައިގެން ގެންގޮސް ޑިންގީއަކަށް އެރުވި އިރުވެސް އާޝިޔާއިނީ އިމާދުގެ ކޮނޑުގައެވެ. ކިނބޫ ގެންދިޔައިމާ މީހުންތައް ހިނގައި ގަތުމުން އިމާދު އޭނާގެ ކޮނޑުން އާޝިޔާ ބޭލިއެވެ.

"ބޭބެގެ ބޮލުން ހާދަ މީރުވަސް ދުވައޭ!" އާޝިޔާގެ ސިކުނޑީގައި ބިންވަޅު ނެގުނީ، ކިނބޫގެ ހަނދާނެއް ނޫނެވެ. އިމާދުގެ ބޮލުގައި ލާފައި ހުރި ކްރީމްގެ ވަހެވެ.

އާޝިޔާގެ މައުސޫމު މޫނުމަތިން ފެނުނު އުފާވެރިކަމުގެ ކުލަވަރު ފެނިފައި އިމާދަށް ހީނގަނެވުނެވެ. އާތިފާގާތަށްވެސް އައީ ރަކި ހިންޏެކެވެ.

އެއްގަމަށް އަރަމުން ދިޔަ މީހުންތަކުގެ ތެރެއިން، އާޝިޔާގެ އަތުގައި ހިފައިގެން އިމާދު ހިނގަމުން ދިޔައިރު، އާތިފާ ހުރީ ތަންކޮޅެއް ފަހަތުގައެވެ.

"އާތިފާ! ކޮން އިރަކުން ފުރަނީ" މީހުންގަނޑުތެރެއިން އާތިފާ އާއި ގާތްވެލާފައި ސުވާލުކޮށްލީ އަނބުގަސްދޮށުގޭ ދައިތައެވެ. އެދައިތައަކީވެސް ބައްޕަ ދުނިޔޭގައި ނައިބުގޭ ތެރޭގައި އަބަދުހެން އުޅުނު ދައިތައެކެވެ.

"ދެން، ފުރަންވީ! ދެތިން ދުވަހެއްކޮށްލާފަ. ކިނބިދޫ ބޯޓު މާލެ ދަމުން މިރަށުގައި ޖެއްސީމާތާ ދެވޭނީ." އާތިފާ ހީނލިއެވެ.

"އެގޮއްޔެ އަތުގައި ހިފައިގެން އެދަނީ، އާތިފާގެ ފިރިމީހާތަ؟" ދައިތަ ސުވާލު ކުރިއެވެ.

"އާނ! ބީފާނު ދައިތަ ކައިރީގައި ބުނެގެން މިފަހަރު ފުރާއިރު، އެމަންޖެ ގޮވައިގެންދާން މިއުޅެނީ" އާތިފާ ލޯބިވެތި ގޮތަކަށް އާޝިޔާ އާއި އިމާދާއި ދިމާއަށް ބަލާލާފައި ބުންޏެވެ.

"ސުބުޙާނައްﷲ" ދައިތަ ނޭފަތުގައި އިނގިލިޖައްސާލިއެވެ. އާތިފާއަށް ލިބުނީ ހައިރާން ކަމެވެ.

"ދައިތަ ތިޔަހާ ކަންބޮޑުވީ، ކިހިނެއްވީ އަނެއްކާ" އާތިފާވެސް ހައިރާންކަން ފާޅުކުރަމުން ސުވާލުކުރިއެވެ.

"ތިޔަ ކުއްޖާއާ ގާތްވި މީހެއްގެ ލޮލުންވެސް ކަރުނަ ނުހިކޭނެ. އެނގޭތަ! އެއީ ހިތާމައިގެ ރާނީ. ހިތާމައިގެ ރާނީ." ދައިތަ އާޝިޔާ އާއި ދިމާއަށް އިޝާރާތް ކުރަމުން ބުންޏެވެ.

"ދައިތަ، ތިޔަހެން ތިޔަ ބުނަނީ ކީއްވެ؟ ކާކު ބުނި އެއްޗެއްތީ؟ ހިތާމައިގެ ރާނީއަކަށް ވަނީ ކިހިނެއްތަ؟" އާތިފާވެސް ސުވާލު ފަތިވަރެއް އަމުނާލިއެވެ.

" މިދުނިޔޭގައިވަންޏާ ވާހައި ހިތާމައަކީ އޭނާގެ ނަސީބުގައި ވާއެއްޗެއް. އެއީ ހިތާމައިގެ ރާނީއަކީ" ދައިތަވެސް ތަފްސީލްކޮށްދޭން ފެށިއެވެ.

"ކާކުހޭ ތިޔަހެން ބުނީ!" އާތިފާގެ އަޑުވެސް ތަންކޮޅެއް ބާރުވިއެވެ.

"އެވާހަކަ ދެއްކީ، ކަތީބުބެއާ މުދިންބޭ. އަހަރެން އެވާހަކަ އެހީ އެމީހުންގެ ދުލުން. މިރަށު މީހަކު ވިއްޔާ ބަލާނީ ވީހާވެސް ތިކުއްޖާ އާއި ދުރުގައި އުޅެވޭތޯ؟ އޭނާގެ ހިޔަނި އެޅުނު ތަނެއްވެސް ހިތާމަތަކުން މިންޖެއް ނުވާނެ." ބޯދާ ހުރާފާތުގެ ދިގުވާހަކަތައް ދައިތަ ފެށިއެވެ.

"ދެން ތިޔަ ހުންނަނީ، އަލިފާނާއި ފެނެއް ވަކިނުވާވަރު ކުޑަކުދިންނާއި މެދު ދުނިޔެ އުޅެ މުސްކުޅިވެފައި ތިބި މީހުން ވިސްނާގޮތް" އާތިފާ ބުންޏެވެ.

"އެކުއްޖާ ދުނިޔެއަށް އައި ނަގޫރޯޅިއަކާއި އެކު، ދުނިޔަށްލީ ފުރަތަމަ ނޭވާ އާއެކު ބަފާ މަރުވެއްޖެ. ފުރަތަމަ ކިރުފޮދު ދިންތަނުން އަމާ މަރުވެއްޖެ. އެމަންޖެ ކަށިމާގެއަށް ވެއްދުމާއެކު އެގޭގެ ތަނަވަސްކަން ވަޔަށް ހިނގައްޖެ." ދައިތަ އޭނާ ޤަބޫލު ކުރާގޮތަށް ހާދިސާތައް ގުޅުވައިލަމުން އާތިފާއަށް ތަފްސީލްކޮށްދެމުން ދިޔައެވެ.

މަގުގެ ހަތަރުއަނގޮޅިއާ އާއި ހަމައަށް އާދެވުމާއެކު، ދައިތަ އާއި އާތިފާ ވަކިވެ ދެމީހުން ދެކޮޅަށް ހިނގައިގެންފިއެވެ. އާތިފާ ހުރީ ރަށުގެ މީހުންގެ ބޯދާ ވިސްނުންތަކާއި ޚުރާފީ ޤަބޫލުކުރުންތަކާއި މެދު ބުނާނޭ އެއްޗެއް ނޭނގިފައެވެ.

މަގުގެ އެއްފަރާތެއްގައި ހުރި، ހީނާމާގޭ ފިހާރަދޮށަށް އިމާދު ހުއްޓުނީ، ޢާޝިޔާއަށް ކޮންމެވެސް އެއްޗެއް ގަނެދޭށެވެ. އެކަމަކު އިމާދު ފިހާރައަށް ވަންނަން އުޅުމުން އާޝިޔާ ހުއްޓުނީއެވެ. އިމާދުގެ އަތުން ދޫކޮށްލީއެވެ. ފިހާރައަށް ވަންނަން އާޝިޔާ ދެކޮޅު ހެދީއެވެ.

އެމަންޒަރު ފެނިފައި އާތިފާ ހައިރާންވިއެވެ.

"ހިނގާ ބޭނުން އެއްޗެއް ނަގަން" އާތިފާވެސް ބޭނުންވީ އާޝިޔާ ފިހާރަތެރެއަށް ވައްދާށެވެ. އެކަމަކު އެ ކުޑަކުއްޖާ ބޯހޫރާލީއެވެ.

"ކިހިނެއްވީ." އާތިފާ އާޝިޔާގެ ބޮލުގައި ފިރުމާލަމުން އެހިއެވެ. ގާތުގައި ހުރި އިމާދުވެސް ހުރީ ހައިރާން ވެފައެވެ.

"ބޭބެ އެއްޗެހި ކިޔާނެ. އަހަރެން ވަނީމާ ފިހާރައިގައި ރޯވެދާނެ." ކުޑަކުޑަ އާޝިޔާ އިސްދަށަށް ޖަހާލަމުން ބުންޏެވެ.

އާތިފާއަށް ހީވީ މީހަކު އޭނާގެ ބޮލުގައި އެތިފަހަރެއް ޖެހިހެންނެވެ. އިމާދުވެސް ހައިރާންކަމާއި އެކު ބަލާލީ، އާތިފާއަށެވެ.

"ތި ސުންޕާ ކުއްޖާ ގޮވައިގެން ނުވަންނާތި މި ފިހާރައަށް." ފިހާރަ ދޮރުމައްޗަށް ނުކުންނަމުން އެހެން ބުނީ، ހަލީމާފުޅެވެ. އެތެރޭގައި އިނީ އޭނާގެ ފިރިމީހާ ދޮން އިބްރާހީމެވެ.

"ކޮބައިތަ މައްސަލައަކީ!" އާތިފާއަށް ތަންކޮޅެއް ބާރަށް ބުނެވުނެވެ.

" ތިޔަ ކުއްޖާ މިފިހާރައަށް ވަނީ އެންމެ ފަހަރަކު، އޭނާ ނުކުމެގެން ދިޔަތާ ސާޢަތެއް ނުވޭ. ފިހާރަރޯވެ އަނދައި އަޅިޔަށްވީ." އާޝިޔާ އާއި ދިމާއަށް ލޯއަޅައިގެންފައި ހަލީމާފުޅު އެހެން ބުނުމާއެކު، އާޝިޔާ އިމާދުގެ ފުރަގަހަށް ވަދެ ހަލީމާފުޅަށް ނިވާވެއްޖެއެވެ.

އިތުރަށް އެވާހަކަތަށް އަޑުއަހަން ނުވަތަ އެކަން ބޮޑު ކަންތައް ގަނޑަކަށް ނުހަދާންވެގެން، އާތިފާ އާއި އިމާދު ހިނގައިގަތީ، އާޝިޔާމެންގެ ގޭ ދޮށަށްދާށެވެ. އެކަމަކު އެމީހުން ހަމަ އެނބުރިލިތަނާއި މަގުގެ ކޮޅުން ބަޔަކު ރޮމުން ހަޅޭލަމުން އަންނަތަން ފެނިއްޖެއެވެ.

މަގުގެ ކޮޅުން އައި ހަރުއުމުރުގެ ފިރިހެނަކު، އާޝިޔާ އާއި އަރާ ހަމަވެފައި ހުއްޓުނެވެ.
"މިހިރަ ބަދު ނަސީބު މަންޖޭ. މަންޖެގެ މާމަޔާ ކާފަވެސް މަރުވެއްޖެ" ބޯހޫރަމުން ހޫރަމުން އޭނާ ބުންޏެވެ.

ކިނބޫ ބަލާފައި އެއްގަމަށް ދިޔަ ބަޔަކަށް، ބީފާނު ގޭ ދޮރުމައްޗަށް ވެއްޓިފައި އޮއްވައި ފެނުނީއެވެ. އޭނާ ނަގަން ގާތްވި މީހުންނަށް ދެންފެނުނީ، މެދުގޭ ތެރޭއަށިމަތިން ރަޙްމާން ވެއްޓިފައި އޮއްވައެވެ. ދެހަށިގަނޑުގައިވެސް އޭރު ފުރާނައެއް ނެތެވެ. ކަން ހިނގިގޮތް އެމީހާ އިމާދާއި އާތިފާއަށް ކިޔައިދިނެވެ.

އާޝިޔާ ރޮމުން ދުއްވައިގަތީ ގެއާ ދިމާއަށެވެ. އިމާދު އެކުއްޖާގެ އަތުގައި ހިފެހެއްޓޭތޯ ބެލިއެވެ. އެކަމަކު އަތްފޮޅުވާލާފައި އާޝިޔާ އަޑުގައި ހުރިބާރަކަށް ރޮމުން ދުވަމުން ދިޔައިރު، މުޅި ފަޒާ ގުގުމަމުން ދިޔައީ ހިތާމައިގެ އެރުއިމުގެ އަޑުންނެވެ. ގޭގޭގެ ތެރޭގައި ތިބި މީހުން މަގުމައްޗަށް ނުކުންނަން ފެށީ އެއަޑަށެވެ.

އާޝިޔާގެ ފަހަތުން އިމާދާއި އާތިފާވެސް ހަރު ފިޔަވަޅު މަތީގައި ހިނގަމުން ދިޔައީ އެގެއާ ދިމާއަށެވެ.

"ހިތާމައިގެ ރާނީ. ހިތާމައިގެ ރާނީ." ބާރަށް ހިނގަމުން ދިޔައިރުވެސް، ރަނގަބީލެއްހެން އާތިފާގެ ސިކުނޑީގައި އެނބުރެނީ، އަނބުގަސްދޮށުގޭ ދައިތަގެ ދުލުން ނުކުތް އެބަސްތަކެވެ.

ފުޅަލިގަނޑު ކޮށްޕާލާފައި ބާރަށް ރޮމުން ގޯތިތެރެއަށް ވަތް އާޝިޔާއަށް ފެނުނީ ގޭގެ ދޮރުމައްޗަށް އެއްވެފައި އޮތް މީހުންތަކެވެ. އެވަގުތު އުފުލިފައި ހުރި ބަނބުކެޔޮ މުލެއްގައި އަޅައިގަތުމާއެކު އާޝިޔާ ބިންމައްޗަށް ވެއްޓުނީ މޫނު ވަތަށެވެ. އެމައުސޫމު ދުލުން އެންމެ ފަހުބަހަކަށް ގޮވާލީ "މާމާ"އެވެ.
(ނުނިމޭ)

މިވާހަކަ ކިޔުންތެރިންނަށް، ކަމުދާ ނަމަ މިވެބްސައިޓް ދެމެހެއްޓުމަށްޓަކައި، ކިޔުންތެރިންގެ އެހީތެރިކަމަށް އެދެމެވެ. ތިޔަބޭފުޅުން ދެއްވާ އެހީ ޖަމާކުރައްވާނީ "ސުލައިމާން މީޑިއާ"ގެ ބީއެމްއެލް އެކައުންޓް: 7730000814787 އަށެވެ. އަދި ކިޔުންތެރިން ދެއްވަން ބޭނުންފުޅުވާ، ޚިޔާލެއް އޮތް ނަމަ ވައިބާ ކުރައްވާނީ، ރައްޔިތުންގެ ނޫހުގެ ހޮޓްލައިން، 9415149 އަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް