Post banner
ރާއްޖެ

ޑޮލަރުން މުސާރަ ދިނުން ހުއްޓާލައިގެން ނުވާނެ ކަމުގައި ރައީސް ވިދާޅުވެއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ޑޮލަރުން މުސާރަ ދިނުން ހުއްޓާލައިގެން ނުވާނެ ކަމުގައި ރައީސް ވިދާޅުވެއްޖެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު -- ފޮޓޯ: ރައީސް އޮފީސް

ޓޫރިޒަމްގެ ވިޔަފާރި ހިންގަމުން އަންނަ ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ނުބަލައި، ބޭރުފައިސާގެ ޤާނޫނަށް ގެނައި އިސްލާޙް ތަސްދީޤު ކުރެއްވުމަށްފަހުގައި، ރިސޯޓުތަކުގެ މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުން ހުއްޓާލައިގެން ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު 7 ބިލެއް ތަސްދީޤު ކުރެއްވުމަށްފަހު، އެމަނިފާނު ރާއްޖޭގެ މީޑިއާތަކާއި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، މުވައްޒަފުންނަށް މުސާރަ ޑޮލަރުން ދީފައި، ލޯނު ދައްކާފައި، ހަރަދުތަކަށް ފައިސާ ދައްކާފައި މާ ފަސޭއިންވެސް ބޭންކްތަކަށް ޑޮލަރުން ލިބޭ އާމްދަނީގެ %40 މާރު ކުރެވޭނެ ކަމަށެވެ. އެހެންކަމުން ޑޮލަރު މާރުކުރަންޖެހޭ ނިސްބަތް މަތިކުރުން ބަހަނާއަކަށް ދައްކައިގެން، މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުން ހުއްޓާލައިގެން ނުވާނެ ކަމުގައި ރައީސް ޑރ. މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

ބިލު ތަސްދީޤު ކުރެއްވުމަށްފަހުގައި ރައީސް ޑރ. މުޢިއްޒު ވަނީ، ސަރުކާރުން އެޅި އެފިޔަވަޅަކީ، ރައްޔިތުންގެ ލާބަޔާއި މަންފާއަށް އެޅި ފިޔަވަޅެއް ކަމުގައި ވިދާޅުވެ، ރިސޯޓުތައް ހިންގާ ފަރާތްތަކުން ޤާނޫނުތަކާއި ޤަވާއިދުތަކަށް ބޯލެނބުމަށް ގޮވާލައްވާފައެވެ.

މިއަދު ތަސްދީޤު ކުރި، ބޭރުފައިސާ އާއި ބެހޭ ޤާނޫނަށް ފުރަތަމަ އިސްލާޙް ގެނައުމުގެ ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި، ރިސޯޓުތަކަށް ޑޮލަރުން ލިބޭ އާމްދަނީގެ %40 އިންސައްތަ ކޮންމެ މަހަކު އެއްފަހަރު ބޭންކުތަކަށް މާރުކުރަން ޖެހޭނެއެވެ. ރިސޯޓުތައް ހިންގާ ފަރާތްތަކުން ވަނީ، އެއީ މާބޮޑު އަދަދެއްކަން ފާހަގަކޮށް، އެގޮތަށް ހަމަޖެއްސުމުން ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ޑޮލަރުން މުސާރަ ނުދެވޭނެ ކަމަށް އަންގަން ފަށާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް