ހަވާލުކޮށްފައިވާ މަޝްރޫޢުތައް ނުނިމެނީސް އަނެއްކާވެސް އިތުރު މަޝްރޫޢެއްް އެމްޓީސީސީއަށް
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
މަލްޓިޕަރޕަސް ހޯލު އެޅުމުގެ މަސައްކަތަށް ވެލި އުފުލަނީ -- ފޮޓޯ: ރައްޔިތުންގެ ނޫސް
ރ. އިންނަމާދޫގައި އެމްޓީސީސީ އާއި ހަވާލުކޮށްފައިވާ ގިނަ މަޝްރޫޢުތައް ކުރިޔަށް ނުގޮސް ހުއްޓިފައި ވާއިރު އަނެއްކާވެސް އިންނަމާދޫގައި އިތުރު މަޝްރޫޢެއް ހިންގުމަށް އެމްޓީސީސީއަށް ހަވާލުކޮށްފިއެވެ.
އިންނަމާދޫގައި އިތުރު މަޝްރޫޢެއް ކުރިޔަށް ގެންދިއުމަށް މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގް އެންޑް އަރބަން ޑިވެލޮޕްމެންޓް އިން އެމްޓީސީސީ އާއި ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކުރީ 03 ސެޕްޓެމްބަރ 2026 ވަނަ ދުވަހުއެވެ.
މި އެއްބަސްވުމުގެ ދަށުން ރ. އިންނަމާދޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެ ރަށުގެ މޫދަށް އެރޭ ސަރަހައްދު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއެވެ. ޖުމްލަ 180 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މި މަޝްރޫއުގެ ދަށުން، 100 މީޓަރުގެ ބޮޑުހިލަ ގްރޮއިން ޖެހުމާއި، 200 މީޓަރުގެ ބޮޑުހިލަ ބްރޭކްވޯޓަރެއް ގާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ. މީގެ އިތުރުން 4،100 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ބީޗް ނަރިޝްމަންޓް ހެދުމުގެ މަސައްކަތް ވެސް ކުރިއަށްދާނެ ކަމަށް މަޢުލޫމާތުލިބެއެވެ.
މިހާރު ވެސް އިންނަމާދޫގައި އެމްޓީސީސީއާއި ހަވާލުކޮށް ނުނިމި ހުރި މަޝްރޫޢުތަކުގެ ތެރޭގައި 2022 ވަނަ އަހަަރު ރައީސް ޞާލިހްގެ ވެރިކަމުގައި ހަވާލުކުރެވުނު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ހިމެނެއެެވެ. އެ މަސައްކަތް އޭރު ކުރިޔަށް ދިޔަ ނަމަވެސް ވެރިކަން ބަދަލުވި އިރު މަސައްކަތް އޮތީ ނުނިމިެއެވެ. އެމަޝްރޫޢުގައި ހިމެނޭ އެއް ތޮށިބުރި(ފައިކަށި) ޖަހާފައި ނުވާއިރު، އެމަސައްކަތް ނުކޮށް މަޝްރޫޢު ނިންމާލީތޯވެސް އިންނަމާދޫ ރައްޔިތުން ސުވާލު ކުރެއެވެ.

ރަށަށް އެންމެ މުހިއްމު މަޝްރޫޢު ކަމައްވާ ބަނދަރު އަޕްގުރޭޑް ކުރުމުގެ މަސައްކަތަށް 3 އަހަރާއި ގާތް ވެފައިވާއިރު، މަސައްކަތް ކުރިޔަށް ނުދާކަމީ، މިސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުންވެސް އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުން އަންނަ ކަމެކެވެ. ބަނަދަރުގެ މަސައްކަތް ކޮންމެވެސް ވަރަކަށް ކުރިޔަށް ގެންގޮސްފައި ވަނިކޮށް، އިންނަމާދޫގައި އެމްޓީސީސީއިން މަސައްކަތް ކުރަން ބޭނުންކުރި އެކްސްކަވޭޓަރ ވަނީ ގެންގޮސްފައެވެ. އޭގެ ބަދަލުގައި ފޮނުވި އެކްސްކަވޭޓަރު މިހާތަނަށް ބޭނުންކޮށްފައެއް ނުވެއެވެ. އެމްޓީސީސީއިން ބަނދަރުގެ މަސައްކަތް ސަބްކޮންޓްރެކްޓަށް އެހެން ބަޔަކާއި ހަވާލުކުރަން އުޅޭ ކަމުގެ ވާހަކަތަކެއްވެސް ދެކެވެމުން އަންނަ ކަމަށް އެނގިފައި ވެއެވެ.

މަސައްކަތް އެކަށީގެންވާ ގޮތަށް ކުރިޔަށް ނުދާ މަޝްރޫޢުތަކުގެ ތެރޭގައި މިދިޔަ ސަރުކާރުގައި، އިންނަމާދޫ ސްކޫލުގައި އަޅަންފެށި މަލްޓިޕާޕަސް ހޯލުގެ މަސައްކަތް ހިމެނެއެވެ. އެމްޓީސީސީ އެމަސައްކަތް އަލުން ފެށީ، މިދިޔަ އަހަރުގެ އޭޕްރީލް މަހުގައި ނަމަވެސް އެ އިމާރާތުގެ މަސައްކަތް ކުރިޔަށް ދަނީ ވަރަށް ލަހުންނެވެ. އެއިމާރާތުގެ މަސައްކަތަށް ބޭނުންވާ ތަކެތި އުފުލާނެ ވެހިކަލް ނެތުމުން، ސިމެންތިއާ ވެއްޔާއި އެނޫންވެސް އިމާރާތް ކުރުމުގެ ސާމާނު އުފުލަން ޖެހިފައި ވަނީ އަތްގާޑިޔަލުގައެވެ. އެ އިމާރާތުގައި މިހާރު ކުރިޔަށް ދަނީ މަތީ ބީމުތައް އަދި ވަށައިންގެން އޮންނަ ކޮންކުރީޓް ޝީޓް އެޅުމުގެ މަސައްކަތެވެ. މީގެ އިތުރުން މިހިނގާ 2026 ވަނަ އަހަރު ފެބުރުއަރީގައި ހަވާލުކުރެވުނު އިންނަމާދޫ ސްކޫލުގެ ދެބުރި އޮފީސް އިމާރާތުގެ ޢަމަލީ މަސައްކަތް އޮތީ ނުފެށިއެވެ.

ހެލްތު ސެންޓަރ އެކްސްޓެންޝަން އިމާރާތުގެ މަތީ ބީމުތައް އެޅުމާއި ހިސާބަށް މަސައްކަތް ކުރިޔަށް ގެންގޮސްފައިވާއިރު، އެ މަސައްކަތް މިހާރު ހުއްޓިފައި ވަނީ މަސައްކަތަށް ބޭނުންވާ ސާމާނު ނެތުމުގެ ސަބަބުން ކަމުގައި މަޢުލޫމާތުލިބެއެވެ. ޖާގައިގެ ދަތިކަން ކުރިމަތި ވެފައިވާ ހެލްތު ސެންޓަރ އިން ދޭ ޚިދުމަތްތަކަށް މިކަމުގެ ސަބަބުން އިންތިހާއަށް ދަތިތަކާއި ވަނީ ކުރިމަތިވެފައެވެ.

މީގެ އިތުރުން، އިންނަމާދޫ ކުނިކޮށި ހެދުމުގެ މަސައްކަތްވެސް އެމްޓީސީސީއަށް ހަވާލުކޮށްފައި ވާއިރު، އެމަޝްރޫޢުވެސް މިހާރު އޮތީ މުޅިން ހުއްޓިފައެވެ. ކުނިކޮށީގެ މަސައްކަތް ހުއްޓުނީ އެތަނުގެ ގްރައުންޑް ލެވެލް ކުރުމުގެ މަސައްކަތް ފެށި ނަމަވެސް އެކަމަށް ބޭނުން ކުރާނެ ވެހިކަލްތަކާއި މެޝިނަރީސް ނެތިގެންނެވެ.

އެންމެ ކުންފުންޏަކާއި މިހުރިހާ މަޝްރޫޢުތައް ހަވާލުކޮއްފައިވާ އިރު، ސަރުކާރުން އަދިވެސް ހަމަ އިތުރަށް މަޝްރޫޢުތަކުގައި ސޮއި ކުރަމުންދާތީ، އެ މަސައްކަތްތައް ކުރިޔަށް ގެންދާނީ ކިހިނެއްތޯ އާއްމުން އަންނަނީ ސުވާލު އުފައްދަމުންނެވެ. މިސަރުކާރުގައި އެމްޓީސީސީއާއި ހަވާލުކޮށްގެން އިންނަމާދޫގައި ކުރިޔަށް ގެންދިޔަ މަޝްރޫޢުތަކުގެ ތެރެއިން މިހާތަނަށް ނިމުނީ ޕޮލިސް ސްޓޭޝަން އިމާރާތް ކުރުމުގެ މަސައްކަތެވެ.
އިންނަމާދޫ އަކީ އިނގުރައިދޫ ދާއިރާގައި ހިމެނޭ،އާބާދީގައި ހާހެއްހާ މީހުން ދިރިއުޅޭ ރަށެކެވެ.
ލިޔުނީ: ޙަސަން ސާތިޢު - ރަށު ރިޕޯޓަރ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް