މެލޭޝިއާގެ ބޮޑު ވަޒީރަށް ރަސްމީ މަރުޚަބާ ދަންނަވައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
މެލޭޝިއާގެ ބޮޑުވަޒީރަށް ރަސްމީ މަރުޚަބާ ދެންނެވުމުގެ ހަރަކާތްތަކުގެ ތެރެއިން --- ފޮޓޯ: ރައްޔިތުންގެ ނޫސް
މެލޭޝިއާގެ ބޮޑުވަޒީރު އޮނަރަބަލް އަންވަރު އިބްރާހީމަށް ރާއްޖެއިން ރަސްމީ ޢިއްޒަތުގައި މިއަދު މަރުޙަބާ ދަންނަވައިފިއެވެ.
ޖުމްހޫރީ މައިދާނުގައި މިއަދު ބޭއްވެވި މިރަސްމިއްޔާތުގައި، ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ރަސްމީކޮށް މަރުޙަބާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒެވެ. މީގެ އިތުރަށް އެމަނިކުފާނަށް މަރުޙަބާ ދެންނެވުމުގެ ގޮތުން ދަރުމަވަންތަ ސްކޫލުގެ ދަރިވަރުން ސަގާފީ ހުށަހެޅުމެއް ހުށަހަޅައިދިނެވެ. އެއަށްފަހު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފުން ވަނީ 21 ބަޑީގެ ސަލާމެއް އަރުވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، މެލޭޝިއާގެ ބޮޑުވަޒީރު އޮނަރަބަލް އަންވަރު އިބްރާހީމް ރާއްޖެ ވަޑައިގެންނެވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރަސްމީ ދަޢުވަތަކަށެވެ.
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއެކު، ދޭދޭ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ރަސްމީ މަޝްވަރާތައް ބާއްވަވާނެކަމަށާއި، އަދި ދެ ޤައުމުގެ އިސްވެރިންގެ ހާޒިރުގައި ބައެއް ފަހުމުނާމާ (އެމް.އޯ.ޔޫ) ތަކުގައި ސޮއިކުރައްވާ، މިކަމުގެ ލިޔެކިޔުންތައް ބަދަލުކުރުމަށް ހަމަޖެހިފައިވާއިރު، ދެ ޤައުމުގެ ލީޑަރުންގެ މެދުގައި ކުރިއަށްގެންދެވި މަޝްވަރާތަކުގެ ނަތީޖާއާ ގުޅޭގޮތުން ދެބޭފުޅުންވެސް ނޫސްވެރިންނަށް ބަޔާނެއް ދެއްވާނެ ކަމުގައިވެސް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް