Post banner
ރާއްޖެ

ބުރިޖުތަކުގެ ސަލާމަތަށް ބޭނުން ކުރެވޭނެ ބާރުގަދަ ދެ ޓަގު ބޯޓު ހޯދުމުގެ މަސައްކަތް ކުރަނީ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ބުރިޖުތަކުގެ ސަލާމަތަށް ބޭނުން ކުރެވޭނެ ބާރުގަދަ ދެ ޓަގު ބޯޓު ހޯދުމުގެ މަސައްކަތް ކުރަނީ

ބޮޑެތި އުޅަނދު ފަހަރު ބުރިޖަށް ލައްވެ ލިބިދާނެ ގެއްލުމަކުން ސަލާމަތްކުރުމަށް ސަރުކާރުން އައީ މަސައްކަތް ކުރަމުން ކަމަށާއި، އެމްޕީއެލް އިން މިހާރުވެސް އަންނަނީ ބާރުގަދަ ދެ ޓަގު ބޯޓު ހޯދުމުގެ މަސައްކަތް ކުރަމުން ކަމުގައި، މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ ހައުސިންގ އެންޑް އާބަރން ޑިވެލޮޕްމެންޓް ޑރ. ޢަބްދުއްﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މުއްޠަލިބު މިހެން ވިދާޅުވީ، ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ބޭރުގެ ބޮޑު ދެ ތެޔޮޓޭންކަރުގެ ނަގިލި ކަނޑައިގެން ގޮސް މާލޭގެ ފަރުމައްޗަށާއި، ސިނަމާލެ ބުރިޖަށް ލައްވި ހާދިސާ އާއި ގުޅިގެން މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓްގައެވެ. އޭނާ ވިދާޅުވީ، ބުރިޖުތަކާއި، އެއާޕޯޓުފަދަ ތަންތަނަކީ، މުޅި މާލެ ސަރަހައްދުގެ ދިރިއުޅުމަށް އަސަރުފޯރާ ނާޒުކު އިންފްރާސްޓްރަކްޗަރތައް ކަމަށްވާއިރު، އެފަދަ ހާދިސާއެއް ހިނގުމުގެ ކުރިންވެސް ފިޔަވަޅުތައް އެޅުމަށް ސަރުކާރުން އައީ މަސައްކަތް ކުރަމުން ކަމުގައެވެ. މިގޮތުން އެމްޕީއެލް އިން މިހާރުވެސް ދަނީ ބްރިޖްތަކަށް އޮޔާގޮސް އުޅަނދެއް ލައްވުމުގެ ކުރިން އެ އުޅަނދެއް ހިފެހެއްޓޭނެ ފަދަ ބާރުގަދަ އާ ދެ ޓަގު ބޯޓު ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށާއި، އެ ޓަގު ބޯޓުތައް ދެ މަސްދުވަހުގެ ތެރޭގައި ލިބޭނެކަމަށް ބެލެވޭ ކަމުގައިވެސް މިނިސްޓަރ މުއްޠަލިބު ވަނީ ވިދާޅުވެފައެވެ.

ރޭގެ ހާދިސާ އާއި ގުޅިގެން ފާޑު ކިޔުންތައް އަމާޒުވެފައި ވަނިކޮށް، މިނިސްޓަރ ޑރ. މުއްޠަލިބު ކުރެއްވި ޓްވީޓުގައި ވިދާޅުވީ، މިހާދިސާއަށް ފަހުގައި، އުޅަނދުތައް އަޅާފައި ބޭއްވުމުގެ އިންތިޒާމްތައް މުރާޖަޢާކުރައްވައި، ކުއްލި ހާލަތްތަކުގައި، ކަމާއި ގުޅުންހުރި އިދާރާތަކުން މުއާމަލާތް ކުރުމާއި، އިޖާބަ ދިނުމުގެ ސާފު އުސޫލުތަކެއް އެކުލަވައި ލައްވާނެ ކަމަށެވެ.

ރޭގެ ހާދިސާގައި ސިނަމާލެ ބުރިޖުގެ އޮނިގަނޑަށް ގެއްލުމެއް ނުލިބުނު ނަމަވެސް، އެ ހާދިސާއަކީ، މާލީގޮތުން ބޮޑު ގެއްލުމެއް ދައުލަތުން އުފުލަންޖެހިދާނެ އަދި އެެތައް ބައެއްގެ ފުރާނަ ގެއްލިގެން ހިނގައިދާނެ ފަދަ ނުރައްކާތެރި ހާދިސާއެއް މެދުވެރިވެދާނެ ހާލަތެއްކަން ދާއިރާގެ ތަޖުރިބާކާރުން ފާހަގަކުރައްވާފައި ވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް