ނޭކުރެންދޫގައި ފަތަން ދަސްކޮށްދޭ ޕްރޮގްރާމަކާއި މޫދު ކަސްރަތު ޕްރޮގްރާމެއް ފަށައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
މިއަދު ނޭކުރެންދޫގައި ފެށި ޕްރޮގްރާމްތަކުގެ ތެރެއިން -- ފޮޓޯ: ރައްޔިތުންގެ ނޫސް
ހދ. ނޭކުރެންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) އިން އިސްނަގައިގެން، އެ ރަށުގައި ފަތަން ދަސްކޮށްދޭ ޚާއްސަ ޕްރޮގްރާމަކާއި މޫދު ކަސްރަތު ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ.
މިއަދުން ފެށިގެން 15 ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ދެ ޕްރޮގްރާމްގެ ތެރެއިން، ފަތަން ދަސްކޮށްދޭ ޕްރޮގްރާމަކީ ރަށު ކައުންސިލް އިދާރާ އާއި، ޕޮލިހާއި، ނޭކުރެންދޫ ސިއްހީ މަރުކަޒު އަދި ރަށުގެ ކްލަބް ޖަމިއްޔާތަކުގެ ވަރަށް ބޮޑު އެއްބާރުލުމަކާއި އެހީތެރިކަމާއެކު ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
އުމުރުން 9 އަހަރާއި 20 އަހަރާ ދެމެދުގެ އުމުރުފުރާގެ ކުދިންނަށް ޚާއްސަ މި ޕްރޮގްރާމްގައި ޖުމްލަ 37 ބައިވެރިން ވަނީ ބައިވެރިވެފައެވެ. މީގެ އިތުރުން، އުމުރުން 18 އަހަރުން މަތީގެ ކަނބަލުންނަށް ޚާއްސަކޮށްގެން ފެށި މޫދު ކަސްރަތު ޕްރޮގްރާމަކީ ޕޮލިހުގެ ވަރަށް ބޮޑު އެހީތެރިކަމަކާއެކު ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ޖުމްލަ 48 ކަނބަލުން ބައިވެރިވެފައިވެއެވެ.
ފަތަން ދަސްކޮށްދޭ ޕްރޮގްރާމް ހިންގުމުގެ މައިގަނޑު މަގްސަދަކީ ރަށުގައި ދިރިއުޅޭ ފަރާތްތަކަކީ އަމިއްލަ ނަފްސަށް އިތުބާރުކުރާ، ފެތުމުގެ ހުނަރު ލިބިފައިވާ ބަޔަކަށް ހެދުމެވެ. މީގެ އިތުރުން ރަށު ފެންވަރުގައާއި، އަތޮޅު އަދި ގައުމީ ފެންވަރުގައި ވިދާލާނެ ހުނަރުވެރި މޮޅު ފެތުންތެރިންތަކެއް އުފެއްދުމަށް މަސައްކަތް ކުރުމަކީވެސް އެ ޕްރޮގްރާމްގެ ބޮޑު މަގްސަދެކެވެ. އަދި މޫދު ކަސްރަތު ޕްރޮގްރާމަކީ ޑަބްލިޔުޑީސީ ގެ މެންޑޭޓުގެ ތެރެއިން، ރަށުގެ ކަނބަލުން ދުޅަހެޔޮކަންމަތީގައި ތިބުމަށާއި، ކަނބަލުންގެ މެދުގައި އިޖްތިމާއީ ގުޅުން ވަރުގަދަކުރުމުގެ މަގްސަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
ރައްޔިތުންގެ ނޫހަށް މައުލޫމާތު ދެމުން، ނޭކުރެންދޫ ޑަބްލިއުޑީސީގެ ރައީސާ އައިމިނަތު ސުވައިދާ ވިދާޅުވީ، ދިވެހިންނަކީ ވަށައިގެން ބޮޑު ކަނޑެއް އޮންނަ ޖަޒީރާ ފަސްގަނޑެއްގައި ދިރިއުޅޭ ބަޔަކަށްވާއިރު، ފަތަން ދަސްވެފައި ހުރުމަކީ ކޮންމެ މީހަކަށްމެ ކޮންމެހެން ބޭނުންތެރި، މުހިންމު ކަމެއް ކަމުގައި ކޮމިޓީން ދެކޭ ކަމަށެވެ. އަދި މިއަދު ފެށި މި ޕްރޮގްރާމްތަކުގެ ސަބަބުން ރަށުގެ ކުޑަކުދިންނަށާއި، ޒުވާނުންގެ އިތުރުން ކަނބަލުންނަށް ގިނަގުނަ ފައިދާތަކެއް ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ފަތަން އެނގުމުގެ މުހިންމު ހުނަރު ލިބި، ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ބާރުއެޅި، މޫދުގެ ސަލާމަތާއި ރައްކާތެރިކަމަށް ރަށުގެ ރައްޔިތުން ހޭލުންތެރިވެގެންދާނެ ކަމަށް ސުވައިދާ ފާހަގަކުރެއްވިއެވެ.
ޚަބަރު ލިޔުނީ: ޢަލީ ރިޔާޒް - ރަށު ރިޕޯޓަރ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް