ރީ-ރެޖިސްޓްރީ ނުވާނަމަ އެކަނިވެރި މައިންނާއި ބަފައިންގެ އެލަވަންސް ނުލިބޭ ގޮތް ހަދަނީ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އެންސްޕާއިން އެހީލިބެމުން އަންނަ ފަރާތްތަކުގެ ތެރެއިން، 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ކުރިން ރަޖިސްޓްރީވެފައިވާ ފަރާތްތަކުން އަލުން-ރީ ރެޖިސްޓްރީވުމަށް އެންސްޕާއިން އަންގައިފިއެވެ.
އެންސްޕާއިން ހާމަކޮށްފައިވާ ގޮތުގައި، އަލުން ރީރެޖިސްޓްރީވުމަށް ހުށަނާޅާފަރާތްތަކަށް، އެހީ ދިނުން މެދު ކަނޑައިލާނެއެވެ.
އެންސްޕާއިން ހާމަކޮށްފައިވާ އަލުން، ރީރެޖިސްޓްރީވާން ހުށައަޅަންޖެހޭނީ 2024 ވަނަ އަހަރުގެ ނޮވެމްބަރު 30ގެ ކުރިން، އެހީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުންނެވެ.
އަލުން ރީރެޖިސްޓްރީވުމަށް ހުށައަޅަން ޖެހޭނީ؛
1- ފަޤީރު ހާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީ މިހާރު ލިބެމުން އަންނަ ފަރާތްތައް.
2- ފަޤީރު ހާލަތުގައި ދިރިއުޅޭ މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަކު ބަލަހައްޓާ ކުދިންނަށާއި، އެ ކުދިން ބަލަހައްޓާ ފަރާތްތަކަށް ދެވޭ މާލީ އެހީ މިހާރު ލިބެމުން އަންނަ ފަރާތްތައް.
3- ފަޤީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކުން ކާބޯތަކެތި ގަތުމަށް ދެވޭ މާލީ އެހީ ލިބެމުން އަންނަ ފަރާތްތައް.
އެންސްޕާއިން ހާމަކޮށްފައިވާ ގޮތުގައި އެހީގެ ދަފްތަރުގައި ރަޖިސްޓްރީވެ އެހީ ލިބެމުން އަންނަތާ 30 ނޮވެމްބަރު 2026ގެ ނިޔަލަށް 2 އަހަރު ހަމަވާ ފަރާތްތަކަށް އަލުން އެހީ، ލިބޭނީ އައު ފޯމެއް ހުށައަޅައި ރީ-ރެޖިސްޓްރީ ވުމުންނެވެ.
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީން ފޯރުކޮށްދޭ އިޖްތިމާޢީ ރައްކާތެރިކަމުގެ އެހީތައް އިތުރަށް ހަރުދަނާކޮށް، އެންމެ އެކަށީގެންވާ ގޮތެއްގައި ރައްޔިތުންނަށް މިއެހީތައް ފޯރުކޮށްދިނުމަށްޓަކައި، ޤާނޫނު ނަންބަރު 2/2014 (އިޖްތިމާޢީ ރައްކާތެރިކަމުގެ ޤާނޫނު) ގެ ދަށުން އެޖެންސީން ފޯރުކޮށްދެމުންދާ އެހީތަކަށް 2016 ވަނަ އަހަރުވަނީ ގަވާއިދު އެކުލަވާލެވި އަމަލުކުރަން ފަށާފައެވެ. މިގޮތުން ގަވާއިދު ނަންބަރު 2016/R-22 (އިޖްތިމާޢީ ރައްކާތެރިކަމުގެ އާންމު ގަވާއިދު) ގެ 8 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުން، އިޖްތިމާޢީ ރައްކާތެރިކަމުގެ އެހީއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެހީ ޙައްޤުވާ ފަރާތްތަކަށް އެހީ ދެވޭނީ މީލާދީ 2 (ދޭއް) އަހަރުގެ މުއްދަތަށް މަހުން މަހަށެވެ.
އެންސްޕާއިން ވިދާޅުވީ، 2024 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށް އެހީގެ ދަފްތަރުގައި ރަޖިސްޓަރީވެ، އެހީތައް ލިބެމުންދާ ފަރާތްތަކުގެ ތެރެއިން އެހީ ކުރިއަށް ގެންދިއުމަށް އެދޭ ފަރާތްތަކުން 30 ނޮވެންބަރު 2026 ގެ ކުރިން https://one.gov.mv މެދުވެރިކޮށް އަލުން ފޯމު ހުށަހެޅުމަށް އަންގާ ކަމަށެވެ. މި މުއްދަތުގައި ފޯމު ހުށަނާޅާ ފަރާތްތަކަށް ދެން އެހީ ކުރިއަށް ގެންދެވޭނީ، އައު ފޯމެއް މެދުވެރިކޮށް އެހީއަށް އެދި ހުށަހެޅުއްވުމުން، އެހީ ދިނުމުގައި ބަލާ މިންގަނޑުތަކަށް ރިއާޔަތްކޮށް ކަމުގައިވެސް އެންސްޕާއިން ވަނީ ހާމަކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް