ބޮޑު ބަދަލު ގުރޫޕް ނުރޫޅޭކަމަށް ފައްޔާޒު ވިދާޅުވެއްޖެ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ބޮޑު ބަދަލު ވެބްސައިޓް އިފްތިތާޙް ކުރުން -- (ފައިލް ފޮޓޯ)
ކުރީގެ ރައީސް މުޙައްމަދު ނަޝީދު ހުށައަޅުއްވާފައިވާ، "ބޮޑު ބަދަލު" މަސައްކަތްތައް ނުހުއްޓި ކުރިޔަށްދާކަމުގައި، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިޢުލާނުކުރައްވާފައިވާ، އެމްޑީޕީގެ ކުރީގެ ޗެއާޕަރސަން ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެއެވެ.
ފައްޔާޒު މިހެން ވިދާޅުވީ، "ބޮޑު ބަދަލު" ވަޓްސްއެޕް ގުރޫޕަކުން، ފައްޔާޒު ނުކުންނެވިކަމަށް ބުނެ ބައެއް މީޑިއާތަކުން ކުރި ރިޕޯޓަށް ރައްދު ދެއްވައި، ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައެވެ.
ފައްޔާޒު ވިދާޅުވީ، ބޮޑު ބަދަލު" ނަމުގައި ހަދާފައި އިން ވަޓްސްއެޕް ގްރޫޕަކުން މީގެ ތިން ހަފްތާކުރިން އޭނާ ނުކުންނެވި ކަމަށާއި، އެހެން ނަމަވެސް އެއީ ބޮޑު ބަދަލާ ގުޅޭ ރަސްމީ ގްރޫޕެއް ނޫންކަމަށެވެ.
ފައްޔާޒު ވިދާޅުވީ، މި ފުރުސަތުގައި ބޮޑު ބަދަލު މެނިފެސްޓޯއަށް ތާއިދުކުރައްވާ އަދި އުންމީދުގައި ތިއްބެވި އެމްޑީޕީގެ މެންބަރުންނާއި އާންމު ދިވެހި ރައްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ، ރައީސް ނަޝީދާއި އެކު ބޮޑު ބަދަލުގެ މަސައްކަތް ނިންމާލާނީ މި ރާއްޖެއަށް ގެންނަން ކޮންމެހެން ޖެހިފައިވާ ބޮޑު ބަދަލު ގެނައުމަށްފަހުގައި ކަމަށެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި، ފައްޔާޒު ވާދަކުރެއްވުމަށް ތާއީދު ކުރައްވާކަން ރައީސް ނަޝީދު ހާމަކުރެއްވީ، އެމަނިކުފާނު، އެމްޑީޕީގެ ޗެއާޕަރސަންގެ މަޤާމަށް ވަޑައިގެންނެވުމަށް ފެއްޓެވި ކެމްޕޭންގެ ތެރޭގައެވެ. އަދި ފައްޔާޒު ދައުލަތުގެ ވެރިޔާގެ ގޮތުގައި، އަދި ރައީސް ނަޝީދު ސަރުކާރު ހިންގުމުގެ އިސްވެރިޔާގެ ގޮތުގައި ހުންނެވުމަށް ބޭނުންފުޅުވާކަން އެދުވަހު ރައީސް ނަޝީދު ހާމަކުރެއްވިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވާދަކުރެއްވުމަށް މަސައްކަތްޕުޅު ފައްޓަވާފައިވާކަމުގައި ޚަބަރުތައް ފެތުރެން ފެށުމާއި އެކު، ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދު ވާދަކުރެއްވުމަށް އެމަނިކުފާނަށް ތާޢީދު ކުރައްވާ ފަރާތްތަކުން ވަނީ ސޯޝަލްމީޑިއާގައި ގޮވާލަން ފަށާފައެވެ. އަދި ރިޔާސީ ޕްރައިމަރީގައި، ރައީސް ޞާލިޙް ވާދަކުރައްވާނަމަ، ފައްޔާޒަށް ކުރެއްވި ތާޢީދު އަނބުރާ ގެންދަވައި، ރައީސް ނަޝީދު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމުގައިވެސް ވަރަށް ގިނަ ފަރާތްތަކުން ލަފާކުރެއެވެ.
ރައީސް ނަޝީދު ޢިއުލާނުކުރެއްވި ބޮޑު ބަދަލުގެ މަސައްކަތްތައް ހިންގުމަށް އެމްޑީޕީގެ ސެކްރެޓޭރިއެޓްގައި އޮފީހެއްވެސް ޤާއިމްކޮށްފައިވާއިރު، ބޮޑު ބަދަލުގެ މަސައްކަތްތައް ވަނީ މަޑުޖެހިފައިކަމަށް އެމްޑީޕީގެ އިސްބޭފުޅުންވެސް ވަނީ ވިދާޅުވެފައެވެ. ބޮޑު ބަދަލުގެ ގޮތުގައި ރައީސް ނަޝީދު ހުށައަޅުއްވާ ބަދަލުތަކާއި މެދު އެމްޑީޕީގެ އިސްސަފުގައި ތިއްބެވި މެމްބަރުންގެ މެދުގައިވެސް ވަނީ ޚިޔާލުތަފާތުވުންތައް އުފެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް