ހަދިޔާ މަސްދަޅު ކޭސް ބައެއް ގޭބިސީތަކަށް ނުލިބޭ ކަމުގެ ޝަކުވާ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ރޯދަމަހަށް ސަރުކާރުން ގޭބިސީތަކަށް ހަދިޔާ ކުރާ މަސްދަޅު ކޭސްތައް ބެހުމުގެ ތެރެއިން -- ފޮޓޯ: ރައްޔިތުންގެ ނޫސް
ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ގޭބިސީތަކަށް ދޫކުރާ މަސްދަޅުކޭސް ބައެއް ގޭބިސީތަކަށް ނުލިބޭތީ އެކަމުގެ ޝަކުވާ ބައެއް އާއްމުންކޮށްފިއެވެ.
"ރައްޔިތުންގެ ނޫހަށް" މައުލޫމާތު ހިއްސާކުރި ވިލިމާލޭގައި ދިރިއުޅޭ އަންހެނަކު ބުނީ އޭނާގެ ގޭބިސީއަށް ހަދިޔާ މަސްދަޅުކޭސް ނުލިބޭނެ ކަމަށް ބުނެފައި ވަނީ އޭނާ ދިރިއުޅޭ އެޕާޓްމަންޓްގައި ހުރި ކަރަންޓް މީޓަރަކީ، ޑޮމެސްޓިކް މީޓަރަކަށް ނުވާތީ ކަމުގައެވެ. އަދި އެ މީޓަރަކީ، ކޮމާޝަލް ރޭޓުގައި ބިލްކުރާ މީޓަރަކަށް ވާތީ، ކަރަންޓްބިލްތައްވެސް ވަރަށް ބޮޑުކަން އޭނާ ފާހަގަކުރިއެވެ.
"އަޅުގަނޑު ކަމާއި ބެހޭ ފަރާތްތަކަށްވެސް ގުޅިން. އެބޭފުޅުން ވިދާޅުވަނީ، ދިރިއުޅޭ އެޕާޓްމަންޓުގައި ހުންނަ ކަރަންޓް މީޓަރަކީ ޑޮމެސްޓިކް މީޓަރަކަށް ނުވާތީ، މަސްދަޅު ކޭސް ނުލިބޭނެ ކަމަށް. އަޅުގަނޑަކީ ފަޤީރުހާލުގައި ހަތަރު ދަރިން ގޮވައިގެން ދިރިއުޅޭ މީހެއް." އޭނާ ބުންޏެވެ.
އޭނާ ބުނީ ވިލިމާލޭގައި މިހާރު އޭނާ ދިރިއުޅޭ ތަނަށް ބަދަލުވިތާ އަހަރެއްގައި ދުވަސްވާން ކައިރިވެފައި ވާއިރު، އެތަނުގެ މީޓަރު ޑޮމެސްޓިކް މީޓަރަކަށް ބަދަލުކުރެވޭނީ ގޭގެ ވެރިފަރާތަކަށް ކަމަށެވެ. އެހެންވެ އޭނާއަށް އެކަން ކުރެވޭނެ ގޮތެއް ނެތްކަން ފާހަގަކުރިއެވެ.
ކުއްޔަށް ދިރިއުޅޭ މީހުން އުޅޭ ބައެއް އެޕާޓްމަންޓްތަކުގައި ޑޮމެސްޓިކް މީޓަރު ނުހުންނާތީ، މިދިޔަ އަހަރުވެސް އެމައްސަލަ ދިމާވެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް