Post banner
ރާއްޖެ

16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަނީ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަނީ

ރައީސުލްޖުމްހޫރިއްޔާ ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަނީ --- ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖޭގައި 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރުމުގެ މަސައްކަތް ކުރައްވާނެކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ދިވެހިރާއްޖޭގައި 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަން ނިންމަވާފައިވާކަން ރައީސް އިއުލާނުކުރެއްވިއިރު، އެމަނިކުފާނު ވިދާޅުވީ ގިނަވެގެން އަހަރެއްހާ ދުވަހުގެ ތެރޭގައި އަމަލީގޮތުން އޮސްޓްރޭލިއާގައި އޮތް ފަދަ ނިޒާމެއް ރާއްޖޭގައި ގާއިމްކޮށް ތަންފީޒުކުރަންފަށާނެކަމަށެވެ.

ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، ދިވެހިރާއްޖޭގައި ސޯޝަލް މީޑިއާއާ ގުޅިގެން އަޅާ ފިޔަވަޅުތައް އަޅާނީ މިފަދަ ގާނޫނުތައް ތަންފީޒުކޮށްފައިވާ ގައުމުތަކުގެ ކާމިޔާބީއާއި ނާކާމިޔާބީތަކަށް ރިއާޔަތްކޮށްގެންކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް އިތުރަށް ވިދާޅުވީ، ސޯޝަލް މިޑިއާ މަނާކޮށް، ގާނޫނު ތަންފީޒުކުރެވޭނީ މުޅި މުޖްތަމައުގެ އެއްބާރުލުމާއެކު ލިބިގެންކަމަށެވެ. އެގޮތުން ބެލެނިވެރިންނާއި ސްކޫލުތައް ފަދަ މަސްއޫލުވެރިންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ކުރިއަށް އޮތްތަނުގައި މިކަމާ ގުޅޭ ތަފްސީލްތަކާއި ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހުރިހާ ފަރާތްތަކާއި ގުޅިގެން ރާއްވަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ދުނިގައި އެންމެ އާބަދީ ބޮޑު ގައުމުތައް ކަމަށްވާ އިންޑޮނޭޝިއާ އާއި ޗައިނާގެ އިތުރުން އޮސްޓްރޭލިއާއިން ވަނީ 16 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރާ ހަރުކަށި ގާނޫނަށް އަމަލުކުރަން ފަށާފައެވެ. މެލޭޝިއާ އާއި ބްރެޒިލްގެ ސަރުކާރުންވެސް ވަނީ އެ ގައުމުގައި އުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރުމުގެ މަޝްވަރާތައް ކުރަމުންނެވެ.

އެގޮތުން އިންޑޮނޭޝިއާގައި މީގެ ދެމަސްކުރިން ތަންފީޒުކުރަން ފެށި ގާނޫނުގެ ދަށުން ރޮބްލޮކްސް، ޔޫޓިއުބް، ޓިކްޓޮކް، ފޭސްބުކް، އިންސްޓަގްރާމް، ތްރެޑްސް، އެކްސް އަދި ބީގޯ ލައިވް ފަދަ މަޝްހޫރު ޕްލެޓްފޯމްތައް ކުޑަކުދިންނަށް ބޭނުންކުރުން މަނާވާނެއެވެ.

 

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް