Post banner
ރާއްޖެ

ފެނަކަ އުވާލަން ނިންމައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ފެނަކަ އުވާލަން ނިންމައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު -- ފޮޓޯ: ރައީސް އޮފީސް

ފެނާއި ކަރަންޓާއި ނަރުދަމާގެ ޚިދުމަތް ދިނުމަށް، ކުރީގެ ރައީސް މުޙައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި އުފެއްދި، ފެނަކަ ކޯޕަރޭޝަން، އުވާލުމަށް ނިންމާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބޭނުންވި، ވަކިވަކި މީޑިއާތަކަކަށް ދައުވަތުދީގެން މިހާރު ކުރިޔަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ފެނަަކަ ކުންފުނި އުވާލުމަށް ނިންމައި، އެކުންފުނީގެ ޚިދުމަތްތަކާއި ވަސީލަތްތައް، ސްޓެލްކޯ އާއި ހަވާލުކުރުމަށް ނިންމާފައިވާ ކަމަށެވެ. މިގޮތުން، އެމަސައްކަތް މިހާރުވެސް ކުރިޔަށްދާއިރު، ދެން މުޅި ރާއްޖޭގައި ކަރަންޓާއި ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުން ބަދަލުވެގެންދާނީ ސްޓެލްކޯގެ ދަށަށް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ފެނަކައިގެ ދަށުގައި ހުރި އަތޮޅުތަކުގެ އިންޖީނުގެތަކާއި ފެނާއި ނަރުދަމާގެ ޚިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކޮށް އެތަންތަނުން މުވައްޒަފުން ވަކިކުރުމުގެ މަސައްކަތް މިހާރުވެސް އަންނަނީ ކުރަމުންނެވެ.

ފެނަކައަކީ، ދަރަނިތައް ބޮޑުވެ ސަލާމަތް ނުކުރެވޭވަރުގެ ކުންފުންޏަކަށް ވެފައިވާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ސަރުކާރުގެ އެހެން ބައެއް ކުންފުނިތައްވެސް އުވާލައި، އެކުންފުނިތައް އެކަމާއި ގުޅޭ އެހެން ކުންފުނިތަކާއި އެއްކޮށްލުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް