ކުޑަގިރި ފެރީގެ ޚިދުމަތް މެދު ކަނޑާލައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
މާލެ ސަރަހައްދުގައި އާއްމުން ޕިކްނިކް ދިޔުމަށް ހަދާފައިވާރަށް ކުޑަގިރިއަށް ދެމުން އާއްމު ފެރީގެ ޚިދުމަތް މެދު ކަނޑާލައިފިއެވެ.
އެޗްޑީސީން ބުނެފައި ވަނީ، އާއްމު ފެރީގެ ޚިދުމަތް މެދުކަނޑާލީ ފެރީ އޮޕަރޭޝަންއަށް ދިމާވެފައިވާ ދަތިތަކަކާއި ގުޅިގެން ކަމަށެވެ. އެހެން ނަމަވެސް އެކަމުގެ ތަފްސީލެއް އެޗްޑީސީން ހާމަކޮށްފައެއް ނުވެއެވެ.
އެޗްޑީސީން ހުޅުމާލެ އާއި ކުޑަގިރިއާ ދެމެދު ދެމުން އަންނަ އާއްމު ފެރީ ޚިދުމަތް މެދުކަނޑާލިއިރު، ބުރާސްފަތި ދުވަހު ވަނީ، ފެރީ ދޯންޏެއް އެކްސިޑެންޓްވެ ކުޑަކުދިންތަކަކަށް އަނިޔާވެސް ވެފައެވެ. ބުރާސްފަތި ދުވަހުގެ އެހާދިސާ އާއި ގުޅިގެން އެޗްޑީސީން އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
ކުޑަގިރި އާއްމު ފެރީގައިވެސް ކުޑަގިރިއަށް ދަތުރުކުރެވެނީ، ދުރާލައި ބުކިންގ ހަދައިގެންނެވެ. އެކަމަކު މިއަދު ފެރީ ކެންސަލްވިކަން ބައެއް ފަރާތްތަކަށް އެނގިފައި ވަނީ، ފުރަން ފެރީ ޓަރމިނަލްއަށް ގޮސް ތިބޭތާ ބައިގަޑި އިރުވެސް ވީފަހުންނެވެ. 7:00ގައި ފުރަން އޮތް ފެރީ ކެންސަލްވެފައިވާކަން އަންގާފައި ވަނީ 7:14ގައެވެ. މިކަމާއި ގުޅިގެން ކުޑަގިރިއަށް ދަތުރު ދިޔުމަށް މިއަދު ރާވާފައިވާ އާއްމުން ވަނީ އެކަމާއި މެދު ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.
މާލެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ޕިކްނިކް ދާނެ ތަނެއް ނެތުމާއި އެކު، ޕިކްނިކް ރަށެއްގެ ގޮތުގައި ކުޑަގިރި ތަރައްޤީކޮށްފައި އެމްޑީޕީގެ ސަރުކާރުގައެވެ. އަދި ކުޑަގިރި ހިންގައި ބެލެހެއްޓުން ހަވާލުކޮށްފައި އޮތީ، އެޗްޑީސީއަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް