Post banner
ރާއްޖެ

މިއަހަރު ރާއްޖެއިން ހައްޖަށް ދިޔަ ހުރިހާ ހައްޖުވެރިންނަށްވެސް ހައްޖު ލިބުނު

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މިއަހަރު ރާއްޖެއިން ހައްޖަށް ދިޔަ ހުރިހާ ހައްޖުވެރިންނަށްވެސް ހައްޖު ލިބުނު

މިއަހަރު ރާއްޖެއިން ހައްޖަށް ދިޔަ ހުރިހާ ހައްޖުވެރިންނަށްވެސް ޢަރަފާތުގައި މަޑުކުރެވުނުކަމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހާމަކުރައްވައިފިއެވެ.

ހައްޖުގެ އެންމެ މުހިއްމު ރުކުނަކީ އަރަފާތުގައި ހުރުމެވެ. ޢަރަފާތުގައި ނުހުރެވުނު މީހަކަށް ހައްޖެއް ނުލިބޭނެއެވެ. ހައްޖު ކޯޕަރޭޝަނުން ހާމަކުރައްވާފައިވާ ގޮތުގައި ދިވެހި ހައްޖުވެރިންގެ ތެރެއިން މިނާގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްފައިވާ ހައްޖުވެރިއަކު ފިޔަވައި އެހެން ހުރިހާ ހައްޖުވެރިން ވަނީ ޙައްޖު ދުވަހުގެ އިރު އެރުމުގެ ކުރިން ޢަރަފާތަށް ގޮސްފައެވެ. އަދި މިނާގެ ހޮސްޕިޓަލުގައި ބަލިވެގެން އެޑްމިޓްކޮށްފައިވާ މީހާވެސް، ޢަރަފާތުގައި ހުރުމުގެ ވަގުތުގެ ތެރޭގައި، ޢަރަފާތު ބިމަށް ގެނެވުނު ކަމުގައި، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ، މުޙައްމަދު ޝަހީމް ވަނީ ވިދާޅުވެފައެވެ.

ރާއްޖެއިން މިއަހަރު 1000 ވުރެ ގިނަ މީހުން ހައްޖަށް ދިޔައިރު، ހައްޖުވެރިން މިހާރު ވަނީ، ޢަރަފާތުން މުޒުދަލިފާއަށް ދަތުރުކުރަން ފަށާފައެވެ. މިރޭ ހައްޖުވެރިން ތިބޭނީ މުޒުދަލިފާގައެވެ. އަދި މާދަމާ އަލުން މިނާއަށް ހައްޖުވެރިން ދަތުރުކުރާނެއެވެ.

ހައްޖުވެރިން މިރޭ މުޒުދަލިފާގައި ތިބޭއިރު، ޖަމްރާތަކަށް އުކުމަށްޓަކައި ހިލަ ހޮވާނެއެވެ. ޖަމްރާތަކަށް ހިލައުކުން އޮންނާނީ ހައްޖުމަހުގެ 10، 11، އަދި 12 ގައެވެ. ހައްޖުގެ މަތިވެރިއަޅުކަމުގެ އެންމެ ފަހު ކަމަކަށް އޮންނާނީ، ހައްޖުވެރިން މިނާއިން އެނބުރި މައްކާއަށް އައުމަށްފަހުގައި ކުރާ ވަދާޢުގެ ޠަވާފެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް