Post banner
ރަށްރަށުން

އިންނަމާދޫއަށް ސަރުކާރުންވި ބޯހިޔާވަހި ކަމުގެ ވަޢުދު ނުފުއްދި ދޮޅު އަހަރު ފާއިތުވެއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އިންނަމާދޫއަށް ސަރުކާރުންވި ބޯހިޔާވަހި ކަމުގެ ވަޢުދު ނުފުއްދި ދޮޅު އަހަރު ފާއިތުވެއްޖެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންނަމާދޫ ރައްޔިތުންނާއި އެކު ބޭއްވެވި ބައްދަލު ކުރެއްވުމުގެ ތެރެއިން --- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފިސް

ރ. އިންނަމާދޫއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކޮށްދިނުމަށް ސަރުކާރުން ވެފައިވާ ވަޢުދު ނުފުއްދި ދޮޅުއަހަރު ފާއިތުވެއްޖެއެވެ.

އިންނަމާދޫގައި 50 ހައުސިންގް ޔުނިޓް ޤާއިމް ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ، މުޙައްމަދު މުޢިއްޒު ވިދާޅުވީ 2025 ވަނަ އަހަރު ޖެނުއަރީ 22 ވަނަ ދުވަހު އިންނަމާދޫއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި އިންނަމާދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

"އެ މަސައްކަތް މިމަހުގެ ތެރޭގައި އަޅުގަނޑުމެން ބިޑަށް ހުޅުވާލަން އެބަ. އިރާދަކުރެއްވިއްޔާ މި ރަށުގައި ކައުންސިލުން ބިން ކަނޑައަޅައިދިންހާ އަވަހަކަށް، ކައުންސިލުން ވިދާޅުވަނީ ޕްލޭންގައި ކަނޑައަޅާފައި އޮތް ވާހަކަ. ބިން ހަމަޖެހިގެން ދިއުމުން ކޮންޓްރެކްޓަރު ހަމަޖެހުމާ އެކީގައި މި ރަށުގައި 50 ޔުނިޓުގެ ހައުސިން މަޝްރޫއެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހިންގަން ނިންމާފައިވާ ވާހަކަ ދަންނަވަން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ކައުންސިލުން އެކަމަށް ލޭންޑްޔޫސް ޕްލޭންގައި ކަނޑައަޅާފައިވާ ބިން ހަމަ އެހަފްތާތެރޭގައި ސަރުކާރަށް ދައްކާފައިވާނެ ކަމަށް އިންނަމާދޫ ކައުންސިލުން މަޢުލޫމާތުދެއެވެ. 2022 ވަނަ އަހަރުގައި އިންނަމާދޫއިން އެންމެ ފަހުން ގެވަޅު ދޫކުރަން ކައުންސިލުން ކުރި އިޢުލާނާއި ގުޅިގެން ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން 31 ފަރާތަކަށް ގެވަޅު ލިބުނެވެ. ޝަރުތުހަމަވި ނަމަވެސް ބިމުގެ ޖާގަ ނެތުމުގެ ސަބަބުން ގެވަޅު ނުލިބިވާ އެތައް ބަޔަކު އަދިވެސް ތިބީ މާޔޫސްކަންމަތީގައެވެ. އޭގެ ތެރޭގައި ގިނަ އަދަދަކަށް އެކަނިވެރިމައިން ހިމެނޭކަން ފާހަގަކުރެވެއެވެ.

އޭގެ ފަހުން ވެސް އެތައް ބަޔަކު ބޯހިޔާވަހިކަމަށް ބޭނުންވެ،ކަމާއިބެހޭ ފަރާތްތަކާއި ކަންބޮޑުވުން ހިއްސާ ކުރިނަމަވެސް އެކަމުގައި އަލިމަގެއް ފެނިފައެއްނުވެއެވެ. ހައުސިންގް ޔުނިޓް ޤާއިމް ކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވުމުން މިކަމަށް އުއްމީދުކޮށްގެން ތިބި އެތައް ބަޔަކަށް އުފާވެރިކަމެއް ލިބުނު ނަމަވެސް މިއަދާއި ހަމައަށް މިކަމުގެ އެއްވެސް ޢަމަލީ މަސައްކަތެއް ނުފެށޭ ކަމީ ރަށުގެ ރައްޔިތުން މާޔޫސްވެފައިވާ ކަމެކެވެ.

އިންނަމާދޫގެ ރައްޔިތުން ފާހަގަކޮށްފައިވާ ގޮތުގައި، ރައްޔިތުންގެ ހިތާމައަކީ، ޕާޓީތަކުގެ އިސް ފަރާތްތަކުން ކެންޕެއިން ދުވަސްވަރަށް ޓީމު ހަދައިގެން ރަށުތެރޭގައި ވޯޓު ހޯދަން ހުންނަ ޖޯޝާއި ފޯރި، އިންތިޚާބު ނިމުމުން، ރައްޔިތުންނަށް ބޭނުންވާ އަސާސީ ކަންކަންކޮށްދިނުމަށް، ނުހުންނަކަމެކެވެ.

ޚަބަރު ލިޔުނީ: ޙަސަން ސާތިޢު - ރަށު ރިޕޯޓަރ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް