އިންތިޚާބާއި ބެހޭ މަރުކަޒުގެ މަސައްކަތްތައް ސޯޝަލް ސެންޓަރަށް ބަދަލުކޮށްފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އިންތިޚާބާ ބެހޭ މަރުކަޒާއި ޖެހިގެން ހުރި ގުދަނުގައި ރޭ ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން އިންތިޚާބާއި ބެހޭ މަރުކަޒުގެ މަސައްކަތްތައް ސޯޝަލް ސެންޓަރަށް ބަދަލުކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، މިހާރު އެމަރުކަޒުގެ މަސައްކަތްތައް ކުރިޔަށްދާނީ ސޯޝަލް ސެންޓަރުގައި ކަމަށާއި، ސިޔާސީ ޕާޓީތަކުންނާއި ކެންޑިޑޭޓުންގެ ފަރާތުން ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ސޮއިކުރުމުގެ މަސައްކަތްވެސް މިއަދު ހެނދުނު 10:00 އިންފެށިގެން ސޯޝަލް ސެންޓަރުގައި ކުރިޔަށްދާ ކަމަށެވެ. މީގެ އިތުރުން، ރޭގަ ހިނގާ ދިޔަ ހާދިސާ އާއި ގުޅިގެން ލިސްޓުގައި ސޮއި ކުރުމަށް އިތުރު ފުރުޞަތެއް ދިނުމުގެ ގޮތުން 2026 މާރިޗު 21 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އިން މެންދުރުފަހު 01:00 ގެ ނިޔަލަށް ސޯޝަލް ސެންޓަރުގައި ސޮއިކުރުން ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައި ކަމުގައިވެސް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.
އަދި މި މަސައްކަތަށް އެއްދުވަސް އިތުރު ކުރިނަމަވެސް، މި ރަޖިސްޓަރީގައި ސޮއިކުރުމުގެ މަސައްކަތް ކުރިއެކޭ އެއްގޮތަށް، މިއަދު ހެނދުނު 10:00 ހަވީރު 3:00 އަށް، އަދި ރޭގަނޑު 9:30 އިން 12:00 އަށް ސޯޝަލް ސެންޓަރުގައި ކުރިއަށްދާނެ ކަމުގައިވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.
އިންތިޚާބާ ބެހޭ މަރުކަޒު ހުރި ސަރަޙައްދުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައި ވީނަމަވެސް އިންތިޚާބުގެ ތާވަލްގައި ވާ ގޮތަށް ހުރިހާ މަސައްކަތްތަކެއްވެސް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމުގައިވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް