classified
ރަށްރަށުން

މޫދު ކަސްރަތާއި ފަތަން ދަސްކޮށްދޭ ޕްރޮގްރާމްގައި ބައިވެރިވާން ހުޅުވާލައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މޫދު ކަސްރަތާއި ފަތަން ދަސްކޮށްދޭ ޕްރޮގްރާމްގައި ބައިވެރިވާން ހުޅުވާލައިފި

ނޭކުރެންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ --

ހދ. ނޭކުރެންދޫގައި ދިރިއުޅޭ ރައްޔިތުންނަށް އަމާޒުކޮށްގެން ދެ ޕްރޮގްރާމެއް ހިންގުމަށް އެ ރަށު އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ފަރާތުން ނިންމައި، އެ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އަލަށް އިންތިޚާބުވި ނޭކުރެންދޫ އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީން ކުރިއަށްގެންދާ މި ހަރަކާތްތަކުގެ ތެރެއިން ފުރަތަމަ ޕްރޮގްރާމެއް ކުރިއަށްގެންދަނީ ރަށުގެ އަންހެނުންގެ ދުޅަހެޔޮކަމަށް އިސްކަންދީގެން ބާއްވާ "މޫދު ކަސްރަތު ޕްރޮގްރާމް" އެއްގެ ގޮތުގައެވެ. މި ކަސްރަތު ޕްރޮގްރާމަކީ އުމުރުން 18 އަހަރުން މަތީގެ ކަނބަލުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ހަރަކާތެކެވެ. އެ ކޮމެޓީން ހުޅުވާލި ދެވަނަ ފުރުސަތަކީ ރަށުގެ ކުޑަކުދިންނާއި ޒުވާނުންނަށް އަމާޒުކޮށްގެން ބާއްވާ "ފަތަން ދަސްކޮށްދޭ ޕްރޮގްރާމް" އެކެވެ. މި ޕްރޮގްރާމް ޚާއްޞަކޮށްފައިވަނީ އުމުރުން 9 އަހަރާއި 20 އަހަރާ ދެމެދުގެ ފަރާތްތަކަށެވެ.

މި ޕްރޮގްރާމްތަކަކީ ނޭކުރެންދޫގައި އަލަށް އިންތިޚާބުވި އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ އިންތިޚާބުވި ފަހުން އެ ކޮމެޓީއިން ކުރިއަށްގެންދާ 4 ވަނަ ހަރަކާތެވެ. އެގޮތުން މި ކޮމެޓީން ވަނީ މީގެކުރިން ރަށު ކައުންސިލާއި، ރަށުގެ މުއައްސަސާތަކާއި އަދި ކްލަބް ޖަމްޢިއްޔާތަކާ ގުޅިގެން ވަރަށް ކުލަގަދަގޮތެއްގައި އަޟްޙާ ޢީދު ފާހަގަކޮށްފައެވެ. އަދި އޭގެ އިތުރުން ރަށުގެ ކަނބަލުންނަށް އަމާޒުކޮށްގެން ކޭކު އަޅަން ދަސްކޮށްދޭ ކޯހެއް ކާމިޔާބުކަމާއެކު ނިންމައި، ބައިވެރިންނަށް ސެޓްފިކެޓްވެސް ވަނީ ޙަވާލުކޮށްފައެވެ.

ނޭކުރެންދޫގައި އަލަށް އިންތިޚާބުވި އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ ފެންނަނީ ރައްޔިތުންނާ، ޚާއްޞަކޮށް ކަނބަލުންނާ ވަރަށް ގާތް ގުޅުމެއް ބާއްވަމުން އަންނަ ހީވާގި ކޮމެޓީއެއްގެ ގޮތުގައެވެ. އެގޮތުން ޚިޔާލީ މަޝްވަރާ ހޯދުމުގެ މަޤްޞަދުގައި، "ކަނބަލުންގެ ކޮފީ" ގެ ނަމުގައި ޚާއްޞަ ހަރަކާތެއް ބާއްވައި، ރަށުގެ ކަނބަލުންނާއެކު ކޮފީ ބުއިމުގެ ބައްދަލުވުމެއްވެސް އެ ކޮމެޓީއިން ވަނީ ކުރިއަށްގެންގޮސްފައެވެ.

ލިޔުނީ ރަށު ރިޕޯޓަރ: ޢަލީ ރިޔާޟް

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް