ހަނިމާދޫ ކައުންސިލުން ޤުރުއާން މުބާރާތެއް ބާއްވަން ބައިމިލިޔަން ރުފިޔާއަށް ބަޔަކާއި ހަވާލުކޮށްފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ޤުރުއާން މުބާރާތް އިންތިޒާމްކޮށް ބޭއްވުމުގެ އެއްބަސްވުމުގައި ސޮއިކުރުން --- ފޮޓޯ: ހަނިމާދޫ ކައުންސިލް
ހަނިމާދޫ ކައުންސިލުން، ކޮންމެ އަހަރަކު ބާއްވަމުން އަންނަ، ޤުރުއާން މުބާރާތް އިންތިޒާމްކޮށް ބޭއްވުމަށް ގާތްގަނޑަކަށް ބައިމިލިޔަން ރުފިޔާއަށް ބަޔަކާއި ހަވާލުކޮށްފިއެވެ،
ހަނިމާދޫ ކައުންސިލުން ވިދާޅުވީ، އެމުބާރާތް އިންތިޒާމްކޮށް ބޭއްވުމަށް ހަވާލުކޮށްފައި ވަނީ، "ޑްރާފް އެންޑް ކްރާފްޓް" ނަމަކަށް ކިޔާ ފަރާތަކަށް ކަމަށެވެ. އަދި އެފަރާތަކީ އެކަމަށް ބީލަން ހުށައަޅަން ހުޅުވާލުމުން ކުރިމަތިލި ހަމައެކަނި ފަރާތްކަމުގައިވެސް ހަނިމާދޫ ކައުންސިލުން ވިދާޅުވިއެވެ.
ހަނިމާދޫ ކައުންސިލުން ވިދާޅުވީ، މުބާރާތް އިންތިޒާމްކޮށް ބޭއްވުމަށް، ޖުމުލަ 491،600ރ ޚަރަދުކުރުމަށް ކައުންސިލުން ނިންމާފައިވާ ކަމަށެވެ. އަދި އޭގެ ތެރޭގައި، ޤުރުއާން މުބާރާތުގެ ވަނަތަކަށް ދާ ފަރާތްތަަކަށް ދޭ ފައިސާގެ އިނާމުތަކާއި، ޤުރުއާން މުބާރާތް އިންތިޒާމްކޮށް ބޭއްވުމަށް ހިނގާ ޚަރަދުތަކާއި، އަދި މުބާރާތް ލައިވްކޮށް ދެއްކުމަށް ހިނގާ ޚަރަދުތައްވެސް ހިމެނޭނެ ކަމަށެވެ.
ހަނިމާދޫ ކައުންސިލްގެ އިދާރާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޤުރުއާން މުބާރާތް ބޭއްވުމަށް ޑްރާފް އެންޑް ކްރާފްޓް ހަވާލުކުރުމުގެ އެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ [ކައުންސިލްގެ ރައީސް / އަލީ އިބްރާޙިމް އެވެ. އަދި ޑްރާފް އެންޑް ކްރާފްޓްގެ ފަރާތުން ސޮއިކުރެއްވީ ޝިފާން ޙަސަން އެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދާ މިމުބާރާތް އޮންނާނީ، މި އޮގަސްޓް މަހުގެ 20 ވަނަ ދުވަހާއި 21 ، 22 ވަަނަ ދުވަހުގައި ކަމުގައި ހަނިމާދޫ ކައުންސިލުން ވަނީ ހާމަކުރައްވާފައެވެ.
ޖަވާޙިރުލް ޤުރުއާން މުބާރާތަކީ، ރަށު ފެންވަރުގައި ހަނިމާދޫ ކައުންސިލުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މުބާރާތެކެވެ. މިއީ މި މުބާރާތް ބާއްވާ 6ވަނަ ފަހަރު ކަމުގައިވެސް ހަނިމާދޫ ކައުންސިލުން ވިދާޅުވިއެވެ.
ހަނިމާދޫ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި، މި މުބާރާތަކީ ހަނިމާދޫގެ އާބާދީގެ މެދުގައި ކީރިތި ޤުރުއާން ކިޔެވުމުގެ ފަންނު އާލާކޮށް، ކުދިންގެ ހިތްތަކުގައި ޤުރުއާނަށް އޮންނަ ލޯބި އިތުރުކުރުމުގެ މަޤްޞަދުގައި ކައުންސިލުން އިސްނަގައިގެން ބާއްވާ މުހިންމު މުބާރާތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް