މަޑުއްވަރީ ސްކޫލާއި އިންނަމާދޫ ސުކޫލް ގުޅިގެން ސްކައުންޓް ކޭމްޕެއް ބާއްވައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
މަޑުއްވަރީ ސްކޫލާއި އިންނަމާދޫ ސުކޫލް ގުޅިގެން ގެންދިޔަ އަހަރީ ސްކައުޓު ކޭމްޕް މިއަދު ނިންމާލައިފއެވެ.
ކޭމްޕް ފެށުމުގެ ކުރިން ބޭއްވި ޙަފްލާއެއްގައި، އަލަށް ގުޅުނު ޖުމްލަ 13 ސްކައުޓަކަށް ސްކާފް ހަވާލުކޮށްދެއްވީ އިންނަމާދޫ ކައުންސިލްގެ ރައީސް އިބްރާހިމް ޙަލީމެވެ.
ސްކޫލް ގޯތިތެރޭގައި ކޭމްޕްކޮށްގެން ކުރިޔަށް ގެންދިޔަ މިކޭމްޕްގައި މަޑުއްވަރީ ސްކޫލުން 70 ސްކައުޓުން އަދި އިންނަމާދޫ ސްކޫލުން 26 ސްކައުޓުން ބައިވެރިވެފައި ވެއެވެ. ކޭމްޕު ކުރިޔަށް ގެންދިޔުމަށް އިންނަމާދޫ ސްކޫލްގެ ފަރާތުން ދެއްވި ފުރިހަމަ އެއްބާރުލެއްވުން ފާހަގަކޮށް ޝުކުރުއަދާކުރައްވާ ކަމަށް ކޭމްޕް ޗީފް މުޙައްމަދު ޤާސިމް ވިދާޅުވިއެވެ.
މީގެ އިތުރުން މަޑުއްވަރީ ސްކޫލުގެ ފަރާތުން ބައިވެރިވެލެއްވި ބެލެނިވެރިން އަދި އިންނަމާދޫ ސްކޫލުގެ ބެލެނިވެރިންނާއި، އިންނަމާދޫގައި ތިއްބެވި ކުރީގެ ސްކައުޓް ލީޑަރުން ދެއްވި އެހީތެރިކަމަށް ހާއްސަ ޝުކުރެއް އަދާކުރައްވާކަމަށް ވިދާޅުވިއެވެ.
"ޙަޤީޤީ ދިރިއުޅުން ތަޖުރިބާކޮށްލުމަށް ސްކައުޓުންނަށް ފަހިކޮށްދެވުނު މުހިއްމު ފުރުޞަތެއް މީ. މި ކޭންޕުގެ ތެރެއިން ދަރިވަރުންނަށް ދިރިއުޅުމުގެ ރީތި އާދަތަކަށް އަހުލުވެރިވުމަށް ހިތްވަރު ލިބި، ގުޅިގެން މަސައްކަތްކުރުމުގެ ރޫޙު އުފެދި، ކިޔަމަންތެރިކަމާއި ރިވެތި އަޚްލާޤު ދަސްވެ، ކޮންމެ ކަމެއްވެސް އެކަމެއްގެ ވަޤުތުގައި ނިންމުމަށް ހިތްވަރު ލިބި، ދީނީ އަޅުކަންތަކަށް ބާރުއެޅުމާއި ރިވެތި އަޚްލާޤުން ދިރިއުޅުމުގެ ހުރިހާ މައިދާނެއްގައިވެސް ބޭނުންކުރުމަށް ދަސްވެގެންދާނެ." އިންނަމާދޫ ސްކޫލްގެ ޕްރިންސިޕަލް އަޙްމަދު ނަޢީމް ރައްޔިތުންގެ ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.
މީގެ އިތުރުން މިކޭމްޕަކީ ދަރިވަރުންނަށް ލިބިގެންދިޔަ ވަރަށް ރަނގަޅު ފުރުޞަތެއްކަން ފާހަގަކޮށް މިކަން ޙަޤީޤަތަކަށް ހެދުމަށް އެހީތެރިކަން ދެއްވި އެންމެހާ ފަރާތްތަކަށް ސްކޫލް މެނޭޖްމެންޓާއި، މުވައްޒަފުން، ދަރިވަރުން އަދި ބެލެނިވެރިންގެ ނަމުގައި އިޚްލާޞްތެރިކަމާއިއެކު ޝުކުރު ދަންނަވާކަމަށް ވިދާޅުވިއެވެ. 22 އޮގަސްޓްގައި ފެށިގެން ކުރިޔަށް ގެންދިޔަ މިކޭމްޕް ނިންމާލާފައި ވަނީ މިއަދުގައެވެ.
އިންނަމާދޫ ސްކޫލުން އެންމެ ފަހުން ރަށުން ބޭރުގައި ސްކައުޓު ކޭމްޕެއް ބާއްވާފައިވަނީ 2009 ވަނަ އަހަރު ހއ ކެލާ ގައެވެ. މީގެ އިތުރުން ނ ވެލިދޫ އަދި ރ ފައނު ގައި ވެސް އިންނަމާދޫ ސްކޫލުން ސްކައުޓް ކޭމްޕް ބާއްވާފައިވެއެވެ. މަޑުއްވަރީ ސްކޫލުން މީގެ ކުރިން ވަނީ ކިނޮޅަސް ފައިނު އަދި ރަސްމާދޫގައި ކޭމްޕްކޮށްފައެވެ.
ޚަބަރު ލިޔުނީ: ޙަސަން ސާތިޢު - ރަށު ރިޕޯޓަރ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް