ރާއްޖެ

ފަތުރުވެރިންނަށް މަސްމަރާ ބަޑި ބޭނުންކޮށްގެން މަސްހިފުން ހުއްދަކުރަނީ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ފަތުރުވެރިންނަށް މަސްމަރާ ބަޑި ބޭނުންކޮށްގެން މަސްހިފުން ހުއްދަކުރަނީ

ރާއްޖޭގައި ފަތުރުވެރިންނަށް ސްޕިއަރ ފިޝިންގ ނުވަތަ މަސްމަރާ ބަޑި ބޭނުންކޮށްގެން މަސްހިފުން ހުއްދަކުރުމުގެ ވިސްނުން އެބައޮތް ކަމުގައި ޓޫރިޒަމް މިނިސްޓަރ ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޠާރިޤު ވިދާޅުވީ، ފަތުރުވެރިކަން ސިންދަފާތުކޮށް އައު ކަންކަމަށް ހުޅުވާލާއިރު، ފަތުރުވެރިންނަށް ސްޕިއަރ ފިޝިންއަށް ހުއްދަ ދިނުމަށްވެސް ވިސްނަމުން އަންނަ ކަމަށެވެ. ސްޕިއަރފިޝިން ނުވަތަ މަސްމަރާބަޑި ބޭނުންކޮށްގެން މަސްހިފުމަކީ، ރާއްޖޭގައި ޤާނޫނަކުން މަނާކޮށްފައި އޮންނަ ކަމެކެވެ. އަދި މަސްމަރާބަޑިއަކީ ރާއްޖެއަށް އެތެރެކުރުމާއި ގެންގުޅުންވެސް މަނާކޮށްފައި އޮންނަ އެއްޗެކެވެ. އެހެން ނަމަވެސް ދޭތެރެ ދޭތެރެއިން ރާއްޖޭގައި ދިވެހިންވެސް ފަޅުތަކާއި އުރަފަށުން މަސްމަރާބަޑި ބޭނުންކޮށްގެން މަސްހިފުމުގެ މައްސަލަތައް ފެންމަތިވެފައި ވެއެވެ.

ސްޕިއަރ ފިޝިންގ ނުވަތަ މަސްމަރާބަޑި ބޭނުންކޮށްގެން މަސްހިފުމަކީ ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް މަނާކޮށްފައި އޮންނަ ކަމެކެވެ. އެކަން މަނާކޮށްފައި އޮންނަ ސަބަބުތަކުގެ ތެރޭގައި ދިރޭ ތަކެއްޗާއި މަސްމަހާއި މެއްސާއި ފަރުތަކަށް ލިބޭ ގެއްލުންތަކާއި، ސަލާމަތީ ސަބަބުތައް ހިމެނެއެވެ.

ރާއްޖޭގެ ތިމާވެށީގެ ދާއިރާގައި މަސައްކަތް ކުރެއްވި ތަޖުރިބާކާރު ބޭފުޅަކު ވިދާޅުވީ، ރާއްޖޭގައި މަސްމަރާބަޑި ބޭނުންކުރުން މަނާކުރީ، އެކަމާއިމެދު ފަންނީ ބޭފުޅުންގެ ލަފަޔާއި މަޝްވަރާތަކާއި އެކު އެކަމުގެ ތިމާވެށީގެ ގެއްލުންތަކާއި ދިރޭތަކެއްޗަށް ލިބޭ ގެއްލުންތައްވެސް އަޅައިކިޔުމަށް ފަހުގައި ކަމަށެވެ. އެހެން ކަމުން ސިޔާސީ ބޭނުމަށް ކުރިން ނިންމާފައި އޮތް އެފަދަ ނިންމުންތައް ނިންމުމަކީ އޭގެ ގެއްލުން ދިގުމުއްދަކަށް ދެމިގެންދާނެ ކަމެއް ކަމުގައި ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، މަސްމަރާބަޑި ބޭނުންކޮށްގެން ހިފާ މަސްތައް ވަގުތުން މަރުވާނެ ކަމަށާއި، ސްޕޯޓްފިޝިންގައި ބާނާ މަސް ބާނާފައި އަނބުރާ ދޫކޮށްލެވުނަސް ސްޕިއަރ ފިޝިންގައި އެހެން ނުވާނެ ކަމަށެވެ. އެހެންކަމުން ކުޅިވަރަކަށް ސްޕިއަރ ފިޝިންގ ހަދައިގެން މަސްމަރާ ބަޑި ބޭނުންކުރުމަށް ހުއްދަ ދިނުމަކީ، އެއްގޮތަކަށްވެސް ރަނގަޅު ކަމަކަށް ނުވާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.

ތިމާވެއްޓާއި ދިރޭތަކެއްޗަށް ލިބިދާނެ ގެއްލުންތަކަށް ނުބަލައި، މިސަރުކާރުން އަންނަނީ ތިމާވެށީގެ ދާއިރާއިން ހެދިފައި ހުރި ބައެއް ޤާނޫނުތަކާއި ޤަވާއިދުތަކަށް ބަދަލު ގެންނަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް