ރާއްޖެ

"ދީނުގެ މަގު" މަޖައްލާގައި އީރާނުގެ ޝިޢީންނަކީ އިސްލާމުން ނޫންކަމަށް ބުނެފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

"ދީނުގެ މަގު" މަޖައްލާގައި އީރާނުގެ ޝިޢީންނަކީ އިސްލާމުން ނޫންކަމަށް ބުނެފި

ދީނުގެ މަގުގެ މިއަދުގެ އަދަދުގައި ޝާއިޢުކޮށްފައިވާ މި މަޒުމޫނުގައި ހިމަނާފައި ހުރި ވާހަކަތަކާއި ގުޅިގެން، ރާއްޖޭގައި ތިއްބެވި ދީނީ ޢިލްމުވެރިންވެސް އަންނަނީ އެކަމާއި މެދި ކަންބޮޑުވުންފާޅު ކުރަމުންނެވެ.

ކުރިން ސަރުކާރުން ނެރެމުން އައި ހަފްތާ މަޖައްލާ، ދީނުގެ މަގުގައި، އީރާންގެ ޝިޢީންނަކީ، އިސްލާމުން ނޫންކަމަށް ބުނެ މަޒްމޫނެއް ޝާޢިއުކޮށްފިއެވެ.

ދީނުގެ މަގުގެ ނަމުގައި ކުރީގެ މަޖައްލާގެ ލޭއައުޓާއި އެއްގޮތަށް މިހާރު މަޖައްލާއެއް ނެރެމުން އަންނަނީ އަމިއްލަ ފަރާތަކުންނެވެ.

"އީރާން: އުއްމަތުގެ ދިފާއުގައި؟ މިނަމުގައި މިމަޒުމޫނު ލިޔުއްވާފައިވަނީ މުޙައްމަދު އަޙްމަދު ނަމަކަށް ކިޔާ މީހެއްކަން އެމަޖައްލާގައި ލިޔެފައި ވެއެވެ. މިމަޒުމޫނު ޝާއިޢުކޮށްފައި ވަނީ، ދީނުގެ މަގުގެ މިއަދުގެ އަދަދުގައެވެ. ހަފްތާ މަޖައްލާ ދީނުގެ މަގު ޝާއިޢު ކުރަމުން އަންނަނީ ކޮންމެ ހުކުރު ދުވަހެއްގައެވެ.

މިއަދުގެ އަދަދުގައި ޝާއިޢުކޮށްފައިވާ އެ މަޒުމޫނުގައި މައިގަނޑުގެ ގޮތެއްގައި އަލިއަޅުވާލާފައި ވަނީ، މިހާރު އެމެރިކާ އާއި އިޒްރޭލުން އީރާނާއި ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައިގައި އީރާނުން، އިޒްރޭލަށް ދެމުން އަންނަ ހަމަލާތަކާއި އެކު އެޤައުމަށް އެހެން މުސްލިމުން ތާއީދު ކުރަމުން އަންނާތީ އެކަމާއިމެދު ނުރުހުންތެރިވާ މޭރުމުންނެވެ. މިގޮތުން މުޅި މަޒުމޫނުގެ ރާގު ހުރީ، ޖަމުޢުކޮށް އީރާނަކީ އިސްލާމީ ދަޢުލަތެއް ނޫންކަމުގައި ބަޔާންކުރާ ގޮތަށެވެ. އަދި ސީރިއާ ހަނގުރާމައިގައި ބައްޝާރުގެ ވެރިން ދިފާޢުކޮށްދީފައިވުމާއި، ފަލަސްޠީނާއި ދެކޮޅަށް އިޒްރޭލުން ހިންގަމުން އަންނަ ޢުދުވާންތަކާއި ގުޅިގެން މިހާތަނަށް އީރާނުން އެއްވެސް ކަމެއް ނުކުރާކަމަށް އެމަޒުމޫނުގައި ފާހަގަކޮށްފައި ވެއެވެ.

އަދި އެމަޒުމޫނުގައި ޖަމުޢުކޮށް އީރާންގެ ހުރިހާ ޝިޔައީންނާއި، މެދު ބުނެފައި ވަނީ އެމީހުންނަކީ، މާތްﷲއަށް ޝަރީކުކުރާ އަދި ޢަލީގެފާނަށް އަޅުކަން ކުރާ ބައެއް ކަމަށެވެ.

ދީނުގެ މަގުގެ މިއަދުގެ އަދަދުގައި ޝާއިޢުކޮށްފައިވާ މި މަޒުމޫނުގައި ހިމަނާފައި ހުރި ވާހަކަތަކާއި ގުޅިގެން، ރާއްޖޭގައި ތިއްބެވި ދީނީ ޢިލްމުވެރިންވެސް އަންނަނީ އެކަމާއި މެދި ކަންބޮޑުވުންފާޅު ކުރަމުންނެވެ. އެކަމާއި ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރައްވައި އައްޝައިޚާ ސާމިޔާ ޒަކަރިއްޔާ ފޭސްބުކްގައި ކުރެވި ޕޯސްޓުގައި ވިދާޅުވީ، އީރާނަކީ އިސްލާމީ ދަޢުލަތެއް ކަމަށާއި، އެތަނުގައި ތަފާތު ފިރުޤާތަކުގެ މީހުން އުޅޭކަމަށާއި ބާޠިލް ފިރުޤާތައް ވެސް އުޅޭކަމަށެވެ. އެހެން ނަމަވެސް އެންމެނަށް ކުފުރު ނިސްބަތް ނުކުރެވޭނެ ކަމުގައި ސާމިޔާ ޒަކަރިއްޔާ ވިދާޅުވިއެވެ.

ސާމިޔާ ވިދާޅުވީ، ތަފާތު މުޞްޠަލަޙާތުތަކުގެ މާނަ ތަފާތުވާނެ ކަމަށެވެ. އެގޮތުން ކޮންމެ ކަމަކަށް ކުފުރު ނިސްބަތް ނުކުރެވޭނެ ކަމަށާއި، ކުފުރާއި، ބާޠިލާއި، ފާސިދާއި، ފާސިޤާ، މުރުތައްދާއި، ބިދުޢަ އާއި ޖާހިލާއި އަދިވެސް މިނޫން ތަފާތު ބަސްތަކުން ދޭހަކޮށްދޭ ތަފާތު މާނަތަކެއް ވާކަމަށާއި ކޮންމެ ކަމަކީ ކުފުރު ނޫންކަމުގައިވެސް އެކަމަނާ ފާހަގަކުރައްވާފައި ވެއެވެ.
އައްޝައިޚާ ސާމިޔާ ޒަކަރިއްޔާވެސް ވަނީ، ދީނުގެމަގު ހަފްތާ މަޖައްލާއަކީ، ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމް ގެ ވެރިކަމުގައި، ރައީސް އޮފީހުން ނެރުއްވި މަޖައްލާއެއްކަމާއި އެއީ ވަރަށް ހައިބަތު ބޮޑު މަޖައްލާއެއް ކަމުގައި ވިދާޅުވެފައެވެ. އަދި މިހާރު އެ މަޖައްލާ ނެރެނީ އަމިއްލަ ފަރާތަކުން ކަމަށް ވީނަމަވެސް އެ ފަދަ ތަޢައްޞުބީ ފިކުރު ދީނުގެމަގުގައި ޝާއިޢު ކުރުން ހެޔޮ ނުވާނެ ކަމުގައި ސާމިޔާ ވިދާޅުވިއެވެ.

ދީނުގެ މަގު ހަފްތާ މަޖައްލާ ރައީސް އޮފީހުން ނެރުއްވާފައިވަނީ، 1986 ވަނަ އަހަރުން ފެށިގެން، 2008 ވަނަ އަހަރުގެ ނިޔަލަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް