ޖަނަރޭޓަރަކަށް މައްސަލަ ދިމާވެ ނޮޅިވަރަންފަރުގައި ކޮންމެ 30 މިނިޓަކުން ކަރަންޓް ކަނޑަނީ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
2022 ވަނަ އަހަރު އެމްޑީޕީ ސަރުކާރުގެ ދުވަސްވަރު ނޮޅިވަރަންފަރަށް ގެންދިޔަ އައު ޖަނަރޭޓަރު އިންޖީނުގެއަށް ވެއްދުމުގެ މަސައްކަތުގެ ތެރެއިން --- ފައިލްފޮޓޯ
ހދ. ނޮޅިވަރަންފަރުގައި ޖެނެރޭޓަރަކަށް މައްސަލައެއް ދިމާވެ އެރަށުގެ އެކި ސަރަހައްދުތަކަށް ކޮންމެ 30 މިނިޓަކުން ކަރަންޓް ކަނޑަން ފަށައިފިއެވެ.
ނޮޅިވަރަންފަރުގެ ފެނަކަ ބުރާންޗުން އެރަށުގެ ރައްޔިތުންގެ ކޮމިއުނިޓީ ވައިބާ ގުރޫޕްގައި ބުނެފައި ވަނީ، އެކި ސަރަހައްދުތަކަށް ބަހާލައިގެން ކޮންމެ ތިރީސް މިނިޓަކުން ކަރަންޓް ދޭން ޖެހިފައި ވަނީ، އެ އިންޖީނުގޭގައި ހުރި 800 ކިލޯވޮޓްގެ ޖަނަރޭޓަރަށާއި ޕެނަލްބޯޑަށް ދިމާވެފައިވާ މައްސަލައެއްގެ ސަބަބުން ކަމަށެވެ. އަދި މައްސަލަ ހައްލުވަންދެން އެކި ސަރަހައްދުތަކަށް ބަހާލައިގެން ކޮންމެ 30 މިނިޓަކުން ކަރަންޓް ދެމުން ގެންދާނެ ކަމުގައިވެސް ވަނީ ބުނެފައެވެ.
ނޮޅިވަރަންފަރުން ވާހަކަ ދެއްކި މީހަކު ބުނީ އެރަށުގެ ކަރަންޓްގެ މައްސަލަ ދިމާވަމުން އަންނަތާ ދުވަސްތަކެއް ވެފައިވާ ކަމަށެވެ. އަދި ރޯދަމަސް ފެށުނު އިރުވެސް ރަނގަޅަށް ހިންގޭ ހާލަތުގައި ހުރީ އެންމެ ޖަނަރޭޓަރެއް ކަމަށް އެނގިފައިވާ ކަމުގައި މަައުލޫމާތު ދިން ފަރާތުން ވަނީ ބުނެފައެވެ.
ހދ. ނޮޅިވަރަންފަރަކީ، 1300އަށް ވުރެ ގިނަ މީހުން ދިރިއުޅޭ އަދި، އާބާދީ އާއި ތަރައްޤީ އެއްފަސްކުރުމުގެ މަޝްރޫޢުތަކުގެ ދަށުން، ހދ. ނައިވާދޫ އާއި ކުނބުރުދޫ އާއި ފަރިދޫ މީހުންވެސް ބަދަލުކޮށްފައިވާ ރަށެކެވެ. އަދި ނޮޅިވަރަންފަރަކީ، ހދ. އަތޮޅުގައި ކުރިން ވެރިކަންވެސް ކުރި ރަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް