ރައްޔިތުންގެ ގަލަމުން: ތެރަޕިއުޓިކް ފަރުވާގެ އެހީ ލިބުން ލަސްވުމުން ޙައްޤުތައް ގެއްލެނީ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ ހަރަކާތެއްގެ ތެރެއިން --- ފޮޓޯ: އޯޓިޒަމް އެސޯސިއޭޝަންގެ ފޭސްބުކް ޕޭޖްއިން ނަގާފައި.
އެޑިޓަރުގެ ނޯޓް: މިއީ ރައްޔިތުންގެ ނޫހުގެ، ރައްޔިތުންގެ ގަލަމުން ކޮލަމަށް، މިނޫހުގެ ކިޔުންތެރިއަކު ފޮނުއްވާފައިވާ ލިޔުމެކެވެ. ރައްޔިތުންގެ ނޫހުގެ ރައްޔިތުންގެ ގަލަމުން ކޮލަމަށް ލިޔުން ފޮނުވުމުގެ ފުރުޞަތު ދިވެހި ކޮންމެ ރައްޔިތަކަށްވެސް އޮންނާނެއެވެ. އަދި މިނޫހުގެ އެޑިޓޯރިއަލް ސިޔާސަތާއި ޚިލާފު ނުވާނަމަ އެލިޔުމެއް ނޫހުގައި ޝާއިޢުކޮށް ދެވޭނެއެވެ.
އޯޓިޒަމް ހުންނަ ކުއްޖެއްގެ ބެލެނިވެރިއެއްގެ ހައިސިއްޔަތުން، މެސެޖް އެއް ހިއްސާ ކޮށްލަމެވެ.
ތެރަޕީ އެހީ ދިނުން ލަސްވުމަކީ އެ ކުދިންގެ ހައްގަށް އަރައިގަނެވޭ ބޮޑު އަނިޔާއެއް! އޯޓިޒަމް ހުންނަ ކުދިންނަށް ބޭނުންވާ ފަރުވާ ނުވަތަ ތެރަޕީ (ބިހޭވިއަރަލް، އޮކިއުޕޭޝަނަލް އަދި ސްޕީޗް ތެރަޕީ) ގަވާއިދުން ދިނުމަކީ އެ ކުދިންގެ ކުރިއެރުމަށް އޮތް ހަމައެކަނި މަގެވެ. ނަމަވެސް، ރާއްޖޭގައި މިފަދަ ތެރަޕީ ސެޝަނެއްގެ އަގު އުޅެނީ 400 އާއި 600 ރުފިޔާއާ ދެމެދުގައެވެ.
އާންމުގޮތެއްގައި ކުއްޖަކަށް ދުވާލަކު 3 ސެޝަން ނަގަންޖެހޭއިރު، މިއީ ކޮންމެ ދުވަހަކު ބޮޑު ހަރަދެއް ހިނގާކަމެކެވެ. އަތޮޅުތެރޭގެ ރަށްރަށުގައި ތެރަޕީ ނެގޭނެ އިންތިޒާމު ގާއިމުވެފައި ނެތުމުގެ ސަބަބުން، ގިނަ ބެލެނިވެރިންނަށް ޖެހެނީ އުފަން ރަށް ދޫކޮށް މާލެއަށް ނުވަތަ ރާއްޖޭން ބޭރަށް ބަދަލުވާށެވެ. ގެއިން ނުކުމެގެން އުޅެންޖެހުމުން ގޭގެ ކުއްޔާއި، ކެއިންބުއިމާއި، އަސާސީ އެހެނިހެން ހަރަދުތަކުގެ އިތުރުން ތެރަޕީގެ ބޮޑު ހަރަދު އުފުލަންޖެހި، މާލީގޮތުން ބެލެނިވެރިން މުޅިން ނިކަމެތިވެ އިނދަޖެހެނީއެވެ.
ގާނޫނުން މިފަދަ ކުދިންނަށް ކަށަވަރުކޮށްދީފައިވާ ހައްގުތަކުގެ ދަށުން އެންސްޕާ (NSPA) މެދުވެރިކޮށް ތެރަޕީ އެހީ ހަމަޖައްސައިދިނުމުގެ އުސޫލެއް އޮތްނަމަވެސް، އެ އެހީ ހޯދުމަކީ ބެލެނިވެރިން އުފުލަންޖެހޭ ވަރަށް ބޮޑު ތަކުލީފެކެވެ. އެންސްޕާ އަށް ފޯމު ހުށަހަޅާތާ 3 މަސް ދުވަސް ވާންގާތްވާއިރުވެސް އެހީގެ ފައިސާ ފޯރުކޮށްދެވޭވަރެއް އެމީހުނަކަށް ނުވެއެވެ. ދުވަހުން ދުވަހަށް އަމިއްލަ ހަރަދުގައި މިފަދަ ތެރަޕީތައް ކުރިއަށްގެންދިއުމުގެ ތަނަވަސްކަމެއް ގިނަ ބެލެނިވެރިންގެ ނެތެވެ. ތެރަޕީގެ ހަރަދުތައް ހަމަނުޖެހި ލަސްވުމުގެ ސަބަބުން މާލީ ދަތިކަންކުރިމަތިވެ، ތެރަޕީތައް މެދުކަނޑާލަންޖެހޭ ފަހަރު މަދެއް ނޫނެވެ.
ތެރަޕީ މެދުކެނޑުމުން ކުއްޖާއަށް ލިބެމުން އައި ކުރިއެރުން މުޅިން ހުއްޓި، އަލުން ސުމަކުން ފަށަންޖެހެއެވެ. މިފަދަ ކުދިންނަށް ލިބެންޖެހޭ ހައްގުތައް ލަސްކޮށް ހިފެހެއްޓުމަކީ އެ ކުދިންނަށް ދެވޭ ވަރަށް ބޮޑު އަނިޔާއެކެވެ. އެންސްޕާއަށް ގުޅައި، މެސެޖުކޮށް، ހައްގުވާ އެހީކޮޅު ހޯދަން އާދޭސްކޮށްގެންވެސް ސާފު ޖަވާބެއް ނުލިބި ބެލެނިވެރިން މިވަނީ އިންތިހާއަށް ވަރުބަލިވެފައެވެ. އަޅުގަނޑު ގަބޫލު ކުރަނީ މިފަދަ ބޮޑެތި ކަންކަމާ ހަވާލުވެތިބި މުއައްސަސާތައް މިއަށްވުރެ ހަރުދަނާވެ، ނިޒާމުގެ ތެރެއިން ލުއިފަސޭހަ އަދި އަވަސް ހައްލެއް ހަމަޖައްސަދޭން ޖެހޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް