ފާޑުކިޔުންތައް އަމާޒުވުމުން ކުރީގެ ރައީސް ވަހީދު އިސްތިއުފާ ދެއްވައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި، ކުރީގެ ރައީސް ޑރ. މުހައްމަދު ވަޙީދު ޙަސަން މަނިކު --- ފޮޓޯ: ރައީސް އޮފީސް
މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސްޕެޝަލް އެންވޯއިގެ މަޤާމުގައި ހުންނެވި ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދު ހަސަން މަނިކު މިސަރުކާރުގައި ހުންނެވި މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، އެމަނިކުފާނުގެ އިސްތިޢުފާގެ ސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވާފައި ވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ. ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކަކީ، މިސަރުކާރުގެ ހައިރާކީގައި ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނައިބަށް ފަހުގައި ދެން އެންމެ އިސްކޮށް ހުންނެވި ފަރާތެވެ. އެމަނިކުފާނު އިސްތިއުފާ ދެއްވި ސަބަބަކާއި ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.
އެހެން ނަމަވެސް ކުޑަކުދިންގެ ނުހަމަ ބޭނުންތައް ހިފައި އިންސާނީ ޙައްޤުތަކަށް އަރައިގަނެ އިންސާނީ ވަގުފާރިއާ ކަޅުފައިސާގެ މުއާމަލާތްތައް ހިންގި އެމެރިކާގެ މިލިޔަނަރު، ޖެފްރީ އެޕްސްޓީންއާއެކު ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދު ޙަސަންމަނިކު ގުޅުންތައް ބޭއްވިކަން ފަޅާއެރުމާއި ގުޅިގެން އެމަނިކުފާނަށް ފާޑުކިޔައި އަދި މަޤާމުން ވަކިކުރުމަށްވެސް އާއްމުންނާއި ސިޔާސީ ފަރާތްތަކުން އައީ ގޮވާލަމުންނެވެ.
ރައީސް ކަމުގައި މަޤާމުގައި ޑރ. ވަހީދު ހުންނެވި އިރު އެޕްސްޓީންއާއެކު ގާތްގުޅުންތަކެއް ބާއްވަވައި އޭނާގެ ލަފަޔާއި މަޝްވަރާ ހޯއްދެވިކަމާއި، ރާއްޖެއިން އޭނާއަށް ޕްރައިވެޓް އައިލެންޑެއް ތަރައްޤީކުރުމަށް ރަށެއް ދިނުމަށްވެސް މަސައްކަތް ކުރެއްވިކަން މިހާރު ހާމަކޮށްފައިވާ އެޕްސްޓީން ޑޮކިއުމެންޓްތަކުން ވަނީ ހާމަވެފައެވެ.
އެޕްސްޓީން ހިންގެވި ކުށްތަކުގައި ބައިވެރިވެވަޑައިގެންފައި ނުވާނެ ކަމުގައި ވިދާޅުވެ، ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކުގެ ފަރާތްޕުޅުން މިއަދު ވަނީ ބަޔާނެއްވެސް ނެރުއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓްގެ މަޤާމަށް، މއ. ޔުރީކާ، ރައީސް ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަން ޢައްޔަނުކުރެއްވީ، 26 މޭ 2025 ގައެވެ.
ރައީސް ޑޮކްޓަރ މުހައްމަދު ވަޙީދު ޙަސަން މި މަޤާމަށް ޢައްޔަނު ކުރައްވާފައިވަނީ މުސާރަފުޅެއް ލިބިވަޑައި ނުގަންނަވާ ގޮތަށް ކަމުގައިވެސް އޭރު ރައީސް އޮފީހުން ހާމަކުރައްވާފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް