މާލެ ދަތުރެއްގައި 40 އަހަރުކުރިން ގެއްލުނު މީހަކު ދިރިހުރިތޯ ބަލަން އިއުލާނުކޮށްފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ގއ. ދިޔަދޫގައި މީހުން އުޅުނު ދުވަސްވަރު ބޭނުން ކުރި މިސްކިތް -- ފޮޓޯ: ސޯޝަލް މީޑިއާ
މާލެއަށް ކުރި ދަތުރެއްގައި ގއ.، ދިޔަދޫ ބޯޓެއް ގެއްލުނު ހާދިސާގައި، ގެއްލުނު މީހުންގެ ތެރޭގައި ހިމެނޭ މީހަކު، ދިރިހުރިތޯ ބެލުމަށް، ގއ، ގެމަނަފުށި މެޖިސްޓްރޭޓްކޯޓުން އިޢުލާނެއްކޮށްފިއެވެ.
އެކޯޓުން ބުރާސްފަތު ދުވަހު ކުރި އިޢުލާނުގައި ބުނެފައި ވަނީ، ގއ. ދިޔަދޫ / ތަނޑިރަތްމާގޭ، ޙަސަން މުހައްމަދު، ދުނިޔޭގައި ހުރިކަން ނުވަތަ ނެތްކަން އެނގޭ ފަރާތެއް ވާނަމަ، 10 ދުވަހުގެ ތެރޭގައި ލިޔުމަކުން އެކަން އެކޯޓަށް އެންގުމަށް އެދޭ ކަމަށެވެ.
ގއ. ދިޔަދޫ / ތަނޑިރަތްމާގޭ، ޙަސަން މުހައްމަދުގެ ކާފަ ދަރިއަކު ރައްޔިތުންގެ ނޫހަށް މައުލޫމާތު ދެމުން ބުނީ، ކާފަ ދުނިޔޭގައި ހުރިތޯ ނުވަތަ ނެތްތޯ ކަށަވަރުކުރަން ބޭނުން ވަނީ، ތަރިކަ އާއި ގުޅޭ މައްސަލައެއްގައި ކަމަށެވެ. އޭނާ ބުނި ގޮތުގައި، އޭނާގެ ކާފަ ގެއްލުނީ، ގއ. ދިޔަދޫގައި އަލަށް ބަން މާލެ ދަތުރުކުރާ ވަރަށް ބޮޑު ނާލު ބައްތެއްޔެއްގައި މާލެއަށް ކުރި ފުރަތަމަ ދަތުރުގައެވެ. އެއީ އެބައްތެލީގެ ފުރަތަމަ ދަތުރުކަމަށް ވުމާއި އެކު އެބައްތެލި ދިޔަދޫގެ ވަރަށް ގިނަ ފިރިހެނުން ދަތުރު ކުރިމަކަށާއި، އެ ބައްތެލި ފުރިފަހުން މިއަދާއި ހަމައަށްވެސް އެ ބައްތެއްޔާއި އެއިން ދަތުރު ކުރި މީހުންގެ އެއްވެސް ޚަބަރެއް ނުވާކަމަށް އޭނާ ބުންޏެވެ. އެހާދިސާގައި ގެއްލުނު މީހުންގެ ތެރޭގައި އޭނާގެ ދެ ކާފަވެސް ހިމެނޭ ކަމަށް މައުލޫމާތު ދިން ފަރާތުން ބުންޏެވެ.
ގއ. ދިޔަދޫއަކީ، މިހާރު ފަޅުކޮށްފައިވާ ރަށެކެވެ. 2009 ވަނަ އަހަރު އެރަށުގެ މީހުން ވަނީ، ރާއްޖޭގެ އެހެން ރަށްރަށަށް ބަދަލުކޮށްފައެވެ. އެގޮތުން ގއ. ގެމަނަފުއްޓާއި، ލ. ފޮނަދޫއަށް ދިޔަދޫ މީހުން ބަދަލުވެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް