މަސްތުވާތަކެތީގެ މައްސަލައަށް ހޯދަން ބޭނުންވަނީ ވަށައިޖެހޭ ހައްލެއް: ރައީސް
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
"ދަ ޕަލްސް" ޕޮޑްކާސްޓްގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
މި ސަރުކާރުން މަސައްކަތް ކުރަމުންދަނީ، މަސްތުވާތަކެތީގެ މައްސަލައަށް ވަށައިޖެހޭ ހައްލެއް ހޯދަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ރައީސް އޮފީހުން ގެނެސްދޭ "ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާގެ 3 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މަސްތުވާތަކެތީގެ މައްސަލަ ޙައްލުކުރުމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ މައިގަނޑު މަފްހޫމަކީ މިކަމުގެ ތެރެއަށް ވަދެފައި ތިބި ޒުވާން ކުދިން މިކަމުން ސަލާމަތްކޮށް، އެކުދިންނަކީ މުޖުތަމަޢަށް ބޭނުންހިފޭ، އަބުރުވެރި އަދި ބިނާކުރަނިވި ގޮތެއްގައި ދިރިއުޅެވޭނެ ގޮތް މެދުވެރިކޮށްދިނުން ކަމުގައި ވިދާޅުވިއެވެ. އަދި މަސްތުވާތަކެތީގެ ތެރެއަށް މީހުން ދާ ސަބަބުތައް ވަރަށް ގިނަކަން ފާހަގަކުރައްވައި، އެމަނިކުފާނު ވަނީ މަސްތުވާތަކެތީގެ މައްސަލަ ޙައްލުކުރެވޭނީ މި މައްސަލައިގެ ހަޤީޤީ ރޫޓްކޯޒް ނުވަތަ އަސްލު ސަބަބުތައް ހޯދައި އެކަންތައްތަކަށް ފަރުވާދެވިގެންކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ގޯތިގެދޮރުގެ މައްސަލައާއި، ސަރުކާރުތަކުން ތަރައްޤީ ހާސިލުކުރުމަށް ގެންގުޅެފައިވާ ސިޔާސަތުގެ މައްސަލައަކީވެސް އެކަމާއި ގުޅިފައިވާ މައްސަލަތަކެއް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުން މަސްތުވާތަކެތީގެ މައްސަލަތަކަށް ވަށައިޖެހޭ ޙައްލެއް ހޯދުމުގައި، މިކަމާ ގުޅިފައިވާ މައްސަލަތައް ޙައްލުކުރުމަށް، ގެދޮރުވެރިކަމުގެ މައްސަލަ ޙައްލުކުރުމާއި އެކަށީގެންވާ ވަޒީފާގެ ފުރުސަތުތައް ފަހިކުރުމާއި ޒުވާނުންނަށް އެކިކަހަލަ އާމްދަނީ ހޯދޭނެ ފުރުސަތުތައް ފަހިކުރުމާއި ކުދިކުދި ވިޔަފާރިތައް ފެށުމަށް އެހީތެރިވުންފަދަ ކަންކަން ހިމެނޭނެ ކަމަށެވެ.
މީގެއިތުރުން، އަމިއްލަ ބާރުވެރިކަން ފޯރުކޮށްދިނުމުގެ ކަންކަމާއި އަންހެން ބޭފުޅުންނަށް ގޭގައި ތިބެގެން އާމުދަނީ ހޯދޭނެފަދަ އެކިކަހަލަ ފުރުސަތުތައް ހޯދައިދިނުމާއި ރަނގަޅު ދުޅަހެޔޮ ޞިއްޙީ ނިޒާމެއް ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތާއި އެކަށީގެންވާ ތަޢުލީމީ ފުރުސަތުތައް އިތުރު ކުރުމަށް ކުރާ މަސައްކަތްތައް ގުޅިފައި ވަނީ، މަސްތުވާތަކެތީގެ ތެރެއަށް ޒުވާނުން ވަންނަން ދިމާވާ އަސްލު ސަބަބުތައް ނައްތައިލުމަށް ކުރެވޭ މަސައްކަތްތަކާއި ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މަތިމަތިން ކަމެއް ކޮށްލައިގެން މަސްތުވާތަކެތީގެ މައްސަލަ ޙައްލު ނުކުރެވޭނެ ކަމަށާއި މި ސަރުކާރުން މަސްތުވާތަކެތީގެ މައްސަލަތަކާއި ގުޅިފައިވާ އަސްލު ސަބަބުތައް ނައްތާލަން މަސައްކަތް ކުރަނީ މާނަހުރި ގޮތެއްގައި، އެކަންކަމުން ހަޤީޤީ ބަދަލު އަންނާނެގޮތަށް ކަމަށެވެ.
ކުށްކުރާ ކުދިން އަނބުރާ މުޖުތަމަޢަށް ގެނައުމަށް ކުރާ މަސައްކަތް އިތުރަށް ވަރުގަދަ ކުރުމަށްޓަކައި އެންމެ ޒަމާނީ ފެންވަރުގައި ރަނގަޅު ޙައްލެއް ގެނައުމުމުގެ ގޮތުން އުތުރުތިލަފަޅުގައި މަޝްރޫޢެއް ހިންގުމަށް ހަމަޖެހިފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުަގައި ވަނީ ފާހަގަކުރައްވާފައެވެ.
ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ ބޮޑުވެފައި އޮތް އިރު، އެއް އަހަރުން އަނެއް އަހަރަށް ހާލަތު އަންނަނީ ގޯސްވަމުންނެވެ. އަދި މަސްތުވާތަކެތީގެ ފަރުވާގެ ޕްރޮގްރާމްތަކަށް ސަރުކާރުތަކުން އެކަށީގެންވާ ސަމާލުކަމެއް ނުދިނުމާއި، މަސްތުވާތަކެތީގެ ވިޔަފާރި ހިންގާ ފަރާތްތަކާއި ދެކޮޅަށް މާނަވީ ފިޔަވަޅުތަކެއް އަޅަމުން ނުދިޔުމަކީ، ރާއްޖޭގެ ހާލަތު ގޯހުން ގޯހަށް ގޮސްފައިވާ ސަބަބު ކަމުގައިވެސް ދިރާސާ ކުރައްވާ ފަރާތްތަކުން ފާހަގަކުރައްވާފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް