މާވަށުގައި އެއާޕޯޓް ނާޅާނެކަން ރައީސް ހާމަކުރައްވައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އެއާޕޯޓް މައްސަލައިގައި މާވަށުގެ ރައްޔިތުން އިއްޔެ ކުރި އިޙްތިޖާޖުގެ ތެރެއިން ---
ލ. މާވަށުގައި އެއާޕޯޓް އެޅުމަށް އެރަށުގެ ރައްޔިތުން އެދެމުން ދިޔަ ނަމަވެސް ލ އަތޮޅުގައި އިތުރު އެއާޕޯޓެއް ދެން ނުހަދާނެކަން ރައީސް ހާމަކުރައްވައިފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ލ. އަތޮޅުގެ ދެވަނަ އެއާޕޯޓު އިސްދޫގައި އަޅަން ނިންމުމާއި ގުޅިގެން ނޫސްވެރިއަކު ސުވާލުކުރުމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެމަނިކުފާނު ވަޢުދުވެވަޑައިގެންނެވީ ލ. އަތޮޅުގައި ދެވަނަ އެއާޕޯޓެއް އެޅުއްވުމަށް ކަމަށެވެ. އެގޮތުން އެއާޕޯޓު އަޅާނެ ރަށެއްގެ ގޮތުގައި އިސްދޫ ހަމަޖެއްސެވީ، އެއާޕޯޓު އަޅަން އެންމެ ރަނގަޅު ރަށަކީ އެއީ ކަމަށް ވާތީ ކަމަށެވެ.
އަދި އެނިންމުން ނިންމާފައި ވަނީ ކޮންމެ ރަށަކުންވެސް 30 މިނިޓުން ދެވޭ ހިސާބެއްގައި އެއާޕޯޓެއް އޮތުމަށް ކަނޑައަޅާފައިވާ އުސޫލާއި ޚިލާފަށް ނޫން ކަމުގައިވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ފުރަތަމަ އެއާޕޯޓަކީ ކައްދޫ އެއާޕޯޓު. ކައްދޫ އެއާޕޯޓު ބޮޑުކުރުމަށް ބިންހިއްކުމަށްޓަކައި އެދަނީ މަސައްކަތް ކުރަމުން. ދެން ދެވަނަ އެއާޕޯޓެއް އިސްދޫގައި މި އެޅެނީ. އިތުރު އެއާޕޯޓެއް އަޅާގޮތަކަށް ނެތް." ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ލ. މާވަށުގައި މިދައުރުގެ ތެރޭގައި އެއާޕޯޓެއް ނާޅާނެކަން ރައީސްގެ ވާހަކަފުޅުން ހާމަވެފައި ވާއިރު، އެއާޕޯޓު އެޅުމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ސަބަބުން މާވަށުގެ ރައްޔިތުން ވަނީ އެކަމާއި ނުރުހުންފާޅުކޮށް އިހްތިޖާޖުކޮށްފައެވެ. މާވަށުގައި އެއާޕޯޓެއް އަޅާނެކަމުގެ އުއްމީދު މިސަރުކާރުން ރައްޔިތުންނަށް ދިނުމަށްފަހު، އެއާއި ޚިލާފަށް އަމަލުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމުގައި އެރަށުގެ ރައްޔިތުން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް