Post banner
ރަށްރަށުން

ތުލުސްދޫ އިސްރަށްވެހިންގެ ހިޔާ އަޅާ ބިން ހަވާލުކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ތުލުސްދޫ އިސްރަށްވެހިންގެ ހިޔާ އަޅާ ބިން ހަވާލުކޮށްފި

ބިން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: ތުލުސްދޫ ކައުންސިލް

 ކ އަތޮޅު ތުލުސްދޫގައި ސަރުކާރުން ބިނާކުރުމަށް ހަމަޖެހިފައިވާ އިސްރަށްވެހިންގެ ހިޔާވަހި މަރުކަޒުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، އެ މަޝްރޫއު ކުރިއަށްގެންދާ ސައިޓް ރަސްމީކޮށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާ މިއަދު ހަވާލުކޮށްފިއެވެ.

މި އިމާރާތުގެ މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކް ހިމެނޭހެން 100 މީހުންގެ ޖާގައިގެ މި މަރުކަޒުގެ މަސައްކަތް 540 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ތާވަލުކުރެވިފައި ކަމުގައި އެމްޓީސީސީން ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ތިން ސަރަހައްދެއްގައި އުމުރުން ދުވަސްވީ މީހުންނަށް ފަރުވާދީ، އޯގާތެރިކަމާއެކު ބަލަހައްޓައިދޭނެ "އޭޖްޑް ކެއަރ ސެންޓަރު" ތަކެއް ގާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވަޢުދުވެވަޑައިގެންފައިވާ ކަމެކެވެ. އަދި މި މަރުކަޒުތަކުގެ މައިގަނޑު މަގުސަދަކީ، ދައުލަތުގެ ހާއްސަ ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަށް ބޯހިޔާވަހިކަމުގެ އިތުރުން، ޞިއްޙީ ފަރުވާއާއި ނަފްސާނީ ދުޅަހެޔޮކަމަށް ބޭނުންވާ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމެވެ.

މި ތަންތަނުގައި މެޑިކަލް ވޯޑު، ފިޒިއޮތެރަޕީ ރޫމް، ކޮންސަލްޓޭޝަން ރޫމް، ލައިބްރަރީ އަދި އެކި ޕްރޮގްރާމްތައް ހިންގޭނެ މަލްޓި-ޕާޕަސް ހޯލުތައް ހިމެނޭނެއެވެ. ތުލުސްދޫގައި ގާއިމުކުރާ މި މަރުކަޒަކީ އިސްރަށްވެހިންނަށް ބޭނުންވާ ރެސިޑެންޝަލް ކެއާ (ދާއިމީކޮށް ތިބެގެންދޭ ހިދުމަތް)، ނާސިން ކެއާ، އަދި ޑޭ-ކެއާ ހިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ލިބޭނެހެން ފަރުމާކުރެވިފައިވާ ތަނެކެވެ. މި މަރުކަޒުގެ ސަބަބުން އިސްރަށްވެހިންނަށް ބޭނުންވާ ސިއްހީ އަދި ނަފްސާނީ އެހީތެރިކަން ވަށާޖެހޭ ނިޒާމެއްގެ ތެރެއިން ފޯރުކޮށްދެވޭނެއެވެ.

ދިވެހިރާއްޖޭގެ އާބާދީ ދޮށީ އުމުރަށް މިސްރާބު ޖަހާފައިވާއިރު، ދުޅަހެޔޮ ދޮށީ އުމުރުގެ އާބާދީއަކަށް މަގުފަހިވާނެ ގޮތަށް ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރުމަކީ މި ސަރުކާރުން ޚާއްސަ އިސްކަމެއްދޭ ކަމެކެވެ. ސަރުކާރުގެ އަމާޒަކީ އިސްރަށްވެހިންނަކީ މުޖުތަމައުގެ މުހިންމު ބައެއްގެ ގޮތުގައި ބަލައިގަނެ، އެއްވެސް ފަރުދަކު ބާކީނުވާނެހެން، އެބޭފުޅުންގެ ރައްކާތެރިކަން ކަށަވަރުކޮށް، ދައުލަތުން ފޯރުކޮށްދޭ ޚިދުމަތްތައް މިހާރަށްވުރެ ފުޅާކުން ކަމުގައި ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް