ޗިލްޑްރަންސް އޮމްބަޑްސް ޕަރސަން ކަންބޮޑުވީ ކުއްޖާ ނިޔާވުމުން ސޯޝަލްމީޑިއާގައި މީހުން ވާހަކަ ދައްކައި ކުއްޖާގެ ފޮޓޯ ދައުރުކުރާތީ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ކުއްޖާގެ މަހާނަ -- ފޮޓޯ: ސޯޝަލް މީޑިއާ
ކެއުން ބުއިމަށް ބޭނުންވާ މުހިންމު ހޮޅިކޮޅެއް ލިބުން ލަސްވެ، 6 އަހަރުގެ ކުޑަކުއްޖަކު ނިޔާވި މައްސަލައިގައި އެކަމާއި މެދު ކަންބޮޑުވުން ފާޅުކުރެއްވުމުގެ ބަދަލުގައި، ސޯޝަލް މީޑިއާގައި ކުއްޖާގެ ފޮޓޯ ބޭނުންކޮށް، ކުއްޖާގެ މަރާގުޅޭ ވާހަކަތައް އާއްމުން ދައްކަމުން އަންނާތީ އެކަމާމެދު ކަންބޮޑުވުން ފާޅުކުރައްވައި ޗިލްޑްރަންސް އޮމްބަރޑްސްޕަރސަންގެ އޮފީހުން ނޫސް ބަޔާނެއް ނެރުއްވައިފިއެވެ.
ޗިލްޑްރަންސް އޮމްބަރޑްސްޕަރސަންގެ މަޤާމުގައި ހުންނެވީ ނިޢުމާތު ޝަފީޤެވެ. އެ އޮފީހުން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ، ކެއުން ބުއިމަށް ބޭނުންވާ މުހިންމު ހޮޅިކޮޅެއް ލިބުން ލަސްވެ، 6 އަހަރުގެ ކުޑަކުއްޖަކު ނިޔާވި މައްސަލަ އެ އޮފީހުގެ ސަމާލުކަމަށް އައުމާއި ގުޅިގެން، އެމައްސަލަ އެ އޮފީހުން މިހާރު އަންނަނީ ތަޙްޤީޤު ކުރަމުން ކަމަށެވެ.
އޭގެ އިތުރުން އެކުއްޖާ ނިޔާވި ޚަބަރާއި ގުޅިގެން އާއްމު ފަރާތްތަކުންނާއި، ބައެއް ނޫސްތަކުގައި ކުއްޖާގެ މައިންބަފައިންގެ ހުއްދަނެތި ކުއްޖާގެ ޒާތީ މައުލޫމާތާއި ފޮޓޯ ބޭނުންކޮށް، ތަފާތު ވާހަކަތައް ފަތުރަމުންދާ ކަމަށާއި، އަދި ސިޔާސީ މަންފާއަށް އެމައުލޫމާތާއި ފޮޓޯ ބޭނުން ކުރަމުންދާކަން އެ އޮފީހަށް ފާހަގަކުރެވިފައިވާ ކަމުގައިވެސް ޗިލްޑްރަންސް އޮމްބަރޑްސްޕަރސަންގެ އޮފީހުގެ ނޫސްބަޔާނުގައި ވަނީ ބުނެފައެވެ.
އެއޮފީހުގެ ބަޔާނުގައި ބުނެފައި ވަނީ، އެއީ ކުއްޖާގެ ކަރާމާތަށް އުނިކަން އަންނަ ކަމެއް ކަމަށާއި، ކުޑަކުދިންގެ މަސްލަޙަތު ޙިމާޔަތްކުރުމަށް ފަހިކޮށްދީފައިވާ ފުރުޞަތުތަކަށް ހުރަސްއެޅޭ ކަމެއް ކަމުގައި ދެކޭ ކަމަށެވެ.
އެހެންވެ ކުއްޖާގެ އާއިލާއަށް ދިމާވެފައިވާ ހިތާމައިގެ މިދަނޑިވަޅުގައި ކުއްޖާގެ ކަރާމާތަށް އުނިކަން އަންނަ ފަދައަކުން ޒާތީ މައުލޫމާތާއި ފޮޓޯ، ކުއްޖާގެ އާއިލާގެ ހުއްދަނެތި ސޯޝަލް މީޑިއާގެ މަންސަތަކުގައި ބޭނުން ނުކުރުމަށް އިލްތިމާސް ކުރާ ކަމުގައިވެސް އެއޮފީހުން ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް