Post banner
ރަށްރަށުން

މަގޫދޫ އިން މަނަދޫ ބަލިކުރި އިރު ޅޮހި މާފަރު މެޗު ވީ އެއްވަރު

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މަގޫދޫ އިން މަނަދޫ ބަލިކުރި އިރު ޅޮހި މާފަރު މެޗު ވީ އެއްވަރު

އެފްއޭއެމް ފުޓްސަލް އެޓޯލް ޗެންޕިއަންޝިޕްގެ ނޫނު އަތޮޅު ބުރުގެ 2 މެޗެއް އިއްޔެ އާއި ރޭ ކުޅުނު އިރު، މަނަދޫ އަދި މަގޫދޫ މެޗް 0-1 އިން މަގޫދޫ ކާމިޔާބުކޮށް ތާރީޚީ މޮޅެއް ހޯދައިފިއެވެ.

ފުރަތަމަ ހާފްގައި ދެ ޓީމުން ވެސް ނުރައްކާތެރި ހަމަލާތަކެއް ދެޓީމުގެ ގޯލަށް ފޮނުވާލި ނަމަވެސް ހާފް ނިމުނީ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހިއެވެ. ދެވަނަ ހާފް ފެށިގެން މެޗުގެ 23 ވަނަ މިނެޓްގައި މަގޫދޫ ޓީމުން ގޯލެއް ޖަހާ ލީޑު ނެގިއެވެ. ގޯލް ކާމިޔާބު ކޮށްދިނީ މަގޫދޫ ޓީމުގެ ޖަރޒީ ނަމްބަރު 19، ސަޢުދު މުޙައްމަދެވެ. ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔައިރު ދެ ޓީމަށް ވެސް ގޯލް ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ދެވަނަ ހާފްގައި ލިބިގެންދިޔައެވެ.

މަނަދޫ އަދި މަގޫދޫގެ ވެސް ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ފޯރިގަދަ ސަޕޯޓެއް ފެނިގެން ދިޔަ މިމެޗް ނިމުނީ 0-1 އިން މަގޫދޫ މޮޅުވެގެންނެވެ. މޮޅުކުޅުންތެރިޔަކަށް ހޮވުނީ މަގޫދޫ ޓީމްގެ ޖަރޒީ ނަމްބަރު 19 ސަޢުދު މުޙައްމަދެވެ.

ރޭ މާފަރު އަދި ޅޮހި ބައްދަލުކުރި މެޗް 2-2 އިން އެއްވަރުވެ ޅޮހީ ޓީމަށް ވަރަށް ބޮޑަށް ފުރުސަތު ވަނީ ހަނިވެފައެވެ. ފުރަތަމަ މެޗުގައި މަނަދޫ އަތުން 0-2 ގެ ނަތީޖާއަކުން ބަލިވި ނަމަވެސް، ރޭގެ މެޗުގައި ފުރަތަމަ ލީޑް ނެގީ ޅޮހީ ޓީމުންނެވެ. ޅޮހީ ޓީމުގެ ޖަރޒީ ނަމްބަރު 31، މުޙައްމަދު ޝުހާދު މެޗްގެ 3 ވަނަ މިނެޓްގައި ގޯލް ޖަހާފަވަނިކޮށް މާފަރު ޓީމުގެ ޖަރޒީ ނަމްބަރު 10، އިރުޝާދު އަދުނާން މާފަރަށް ނަތީޖާ 1-1 އަށް ބަދަލުކޮށް ދިނެވެ. ދެވަނަ ހާފް ފެށުމާއިއެކު މެޗުގެ 23 ވަނަ މިނެޓްގައި ޅޮހީ ޓީމުން ޖަރޒީ ނަމްބަރު 96 ޔޫސުފް ޠާރިސް ގޯލެއް ޖަހާ ދެވަނަ ފަހަރަށް ލީޑްނެގިއެވެ. ދެޓީމުން ވެސް ނުރައްކާތެރި ގިނަ ހަމަލާ ތަކެއް އުފެއްދި އިރު، ދެޓީމުގެ ގޯލްކީޕަރުންގެ ވަރަށް ރަނގަޅު ސޭވްތަކެއް ފެނިގެން ދިޔައެވެ. މިމެޗްގެ ނަތީޖާ މާފަރަށް ދެވަނަ ފަހަރަށް ހަމަަހަމަ ކޮށްދިނީ މެޗުގެ 31 ވަނަ މިނެޓުގައި ޖަރޒީ ނަމްބަރު 19 އަފްރާޙް މުޙައްމަދެވެ.

2-2 ގެ މި ނަތީޖާ އާއި އެކު ޕޮއިންޓް ޓޭބަލްގެ 1 ވަނައިގައި މާފަރު އޮތީ، 4 ޕޮއިންޓާއި ފައިދާ 2 ގޯލާއެކުގައެވެ. މަނަދޫ 2 ވަނައިގައި އޮތީ 3 ޕޮއިންޓާއި ފައިދާ 1 ގޯލާއި އެކުގައެވެ.3 ޕޮއިންޓާއެކު 3 ވަނައިގައި މަގޫދޫ އޮތް އިރު، ޅޮހީ ޓީމް 1 ޕޮއިންޓާއި އެކު އޮތީ 4 ވަނައިގައެވެ.

ގުރޫޕް ސްޓޭޖްގެ އެންމެ ފަހު މެޗްތައް އޮންނާނީ 18 އޮގަސްޓް 2026 ވާ އަންގާރަ ދުވަހުއެވެ.

ހަވީރު މެޗުގައި މާފަރު އަދި މަނަދޫ، ރޭގަނޑު މަގޫދޫ އަދި ޅޮހި ބައްދަލުކުރާ މެޗް އޮންނާނެއެވެ.

ނޫނު އަތޮޅު ފައިނަލް އޮންނާނީ 21 އޮގަސްޓު ހުކުރު ދުވަހުގެރޭ 08:30 ގައި މަނަދޫ ފުޓްސަލް ދަނޑުގައެވެ.

ޚަބަރު ލިޔުނީ: ޙަސަން ސާތިޢު - ރަށުރިޕޯޓަރ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް