ކުޑަކުދިންނާއި ބެހޭ މީހުންގެ މައުލޫމާތު ހާމަކުރަމުން ދިޔަ ވެބްސައިޓް ގެއްލިއްޖެ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށް ސާބިތުވެފައިވާ މީހުންގެ ދަފްތަރުން 2023 ވަނަ އަހަރު ނަގާފައިވާ ސްކްރީން ޝޮޓެއް ---
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށް ސާބިތުވާ މީހުންގެ މައުލޫމާތު އާއްމުކުރަމުން ދިޔަ، އޮފެންޑާސް.އެމްވީ ވެބްސައިޓް ގެއްލިއްޖެއެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން 2018 ވަނަ އަހަރުން ފެށިގެން އެފަދަ މީހުންގެ ވަނަވަރު އައީ އާއްމު ކުރަމުންނެވެ. މިގޮތުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށް ސާބިތުވާ މީހުންގެ ފޮޓޯއާ ނަމާއި ދާއިމީ އެޑްރެސް އަދި އެ މީހުން ހުކުމް ތަންފީޒުކުރާ ތަނުގެ މައުލޫމާތާއި މުއްދަތު އާއްމުކުރަމުން ގެންގޮސްފައި ވެއެވެ. އަދި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުުރުމުގެ ކުށް ސާބިތުވެފައިވާ މީހުންގެ ދަފްތަރު، 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު 06 ވަނަ ދުވަހުން ފެށިގެން، ޑިޖިޓައިޒްކޮށް، ބަލަހައްޓަމުން އައީ ޕްރޮސެކްޓަރ ޖެނެރަލްގެ އޮފީހާއި، ޖެންޑާ މިނިސްޓްރީން ގުޅިގެންނެވެ.
އޮފެންޑާސް ޑޮޓްއެމްވީގެ ނަމުގައި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށް ސާބިތުވެފައިވާ މީހުންގެ މައުލޫމާތު އާއްމު ކުރަމުން އައި ވެބްސައިޓަށް މިހާރު ނުވަދެވޭ އިރު، އެވެބްސައިޓަށް ވަންނަން އުޅުމުން ރީޑައިރެކްޓް ވަނީ، ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ވެބްސައިޓަށެވެ. އަދި ޕީޖީ އޮފީހުގެ ވެބްސައިޓްގައިވެސް، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށް ސާބިތުވެފައިވާ މީހުންގެ ދަފްތަރު މިހާރު ފެންނާކަށް ނެތެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު މިހާރު އާއްމުކޮށް ފެންނަން ނެތްކަން ސަމާލުކަމަށް ގެނެސްފައި ވަނީ، ސޯޝަލް މީޑިއާ އެކްޓިވިސްޓް މިދުއަމް ސަޢުދެވެ.
"ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު" އާއްމުކޮށް ފެންނަން ނުހުންނަގޮތް ހެދީ ކޮން އިރަކު ކިހިނެއްވެގެން ކަމެއް މިހާތަނަށް އަދި ސާފުވާގޮތެއް ނުވެއެވެ.
"ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު"އަކީ، ޤާނޫނު ނަންބަރު 2009/12 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު)ގެ 57ވަނަ މާއްދާގެ ދަށުން އާއްމުކޮށް ފެންނަ ގޮތަށް ޝާއިޢުކޮށް ބަލަހައްޓަން ޖެހޭ ދަފްތަރެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް