ލޯންޗު ހާދިސާގައި ގެއްލުނު މީހުން ނުފެނޭ، ތަޙްޤީޤަށް ވީގޮތެއް ނުބުނި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ލޯންޗު ހާދިސާގައި ގެއްލުނު އިންޑިއާގެ މަޝްހޫރު ސްޕޯޓްސް ކާރ ޑްރައިވަރު ހަރީ ސިންގ އާއި އިންޑިއާ އަސްކަރިއްޔާގެ ކުރީގެ ނޭވީ ކެޕްޓަން މަހޭޝް ރަމްޗަންދަރް -- ފޮޓޯ: ދި އިންޑިއަން އެކްސްޕްރެސް.
ވ. ފެލިދޫ ކައިރީގައި، ރޭސް ސްޕީޑް ލޯންޗެއް ދުއްވުމުގެ ތެރޭގައި ހިނގި ހާދިސާގައި، އިންޑިއާގެ ދެ ރައްޔިތަކު ގެއްލިފައިވާތާ ހަފްތާއެއް ވީއިރު އެކަމާއި ގުޅޭ ގޮތުން ކުރާ ސުވާލުތަކަށް ފުލުހުންނާއި ސިފައިން ޖަވާބު ނުދީ ހިމޭންވެއްޖެއެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މެންދަމު ހިނގި އެހާދިސާގައި ވ. ފެލިދޫ ކައިރިއަށް ކަނޑަށް ގެއްލިފައި ވަނީ އިންޑިއާގެ ދެމީހުންނެވެ. ހާދިސާ ހިނގި ލޯންޗަކީ، އިންޑިއާގެ ބިލިއަނަރު ގޯތަމް ސިންގހާނިއާ ގެ ލަގްޒަރީ ލޯންޗެކެވެ. ރޭސް ލޯންޗުން ކަނޑަށް ވެއްޓި ގެއްލިގައި ވަނީ، އިންޑިއާގެ މަޝްހޫރު ސްޕޯޓްސް ކާރ ޑްރައިވަރު ހަރީ ސިންގ އާއި އިންޑިއާ އަސްކަރިއްޔާގެ ކުރީގެ ނޭވީ ކެޕްޓަން މަހޭޝް ރަމްޗަންދަރްއެވެ.
މި ހާދިސާގައި ގެއްލުނު ދެމީހުން ދިރިތިއްބައި ފެނިދާނެ ކަމުގެ އުއްމީދު ކުޑަވެފައި ވާއިރު އެމީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގައި އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ. އެހެން ނަމަވެސް ގެއްލުނު ދެމީހުން ހޯދުމަށް ކުރަމުން އަންނަ މަސައްކަތާއި ގުޅޭ ގޮތުން އެމްއެންޑީއެފުން މީޑިއާއަށް މައުލޫމާތެއް ޙިއްޞާކޮށްފައި ވަނީ، މިދިޔަ ހޮނިހިރު ދުވަހު އެވެ. މީހުން ހޯދުމުގެ އޮޕަރޭޝަނާއި ގުޅޭ ގޮތުން ކުރާ ސުވާލުތަކަށް އެމްއެންޑީއެފުން ޖަވާބު ދީފައެއް ނުވެއެވެ.
ހާދިސާގެ ތަޙްޤީޤު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައި ވާއިރު، އެތަޙްޤީޤު ގޮސްފައިވާ ހިސާބަކާއި ގުޅޭ ގޮތުން ކުރެވޭ ސުވާލުތަކަށް ފުލުހުންވެސް ޖަވާބު ދީފައެއް ނުވެއެވެ. ފުލުހުންގެ އިދާރާއިން ވިދާޅުވެފައިވާ ގޮތުގައި ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ، ހުކުރުވިލޭރޭ މެންދަމުން އަލިވެ 1:15 ހާއިރުގައެވެ. ފުލުހުން އެންމެ ފުރަތަމަ މީޑިއާއަށް މައުލޫމާތު ދެމުން ބުނެފައި ވަނީ އެ ލޯންޗު ބަންޑުން ޖަހާލައި ދެމީހުން ގެއްލުނީ ކަމަށެވެ. އެހެން ނަމަވެސް ފަހުން އެނގުނު ގޮތުގައި ލޯންޗުގައި ތިބި 7 މީހުންގެ ތެރެއިން 5 މީހުން ކަނޑަށް ވިއްސައިގެން ދިޔައީ، ގަޑިއަކު 72 މޭލު ބާރުމިނުގައި ދުއްވި ލޯންޗު ސްކިޑް ކުރުމުންނެވެ. ކަނޑަށް ވިއްސައިގެން ދިޔަ މީހުންގެ ތެރެއިން 2 މީހުން ގެއްލުނު އިރު އޭގެ ތެރެއިން 3 މީހުން ސަލާމަތް ވިއެވެ. އެހެން ނަމަވެސް ސަލާމަތްވި ތިން މީހުންގެ ތެރެއިން އެކެއްގެ އަތް އެ ހާދިސާގައި ބުރިވިއެވެ.
ފަސްމީހުންގެ ޖާގައިގެ އެލޯންޗުގައި ހާދިސާ ހިނގިއިރު 7 މީހުން ތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ ގޯތަމް ސިންގހާނިއާ އާއި އިންޑިއާގެ އިތުރު 4 ފިރިހެނުންނާއި، ރަޝިޔާގެ އަންހެނަކާއި އިނގިރޭސި ވިލާތުގެ އަންހެނެވެ.
ހާދިސާ ހިނގި އިރު ލޯންޗު ދުއްވީ، ގޯތަމް ސިންގހާނިއާކަމަށް އެނގިފައިވެއެވެ. ބައެއް ކުދިކުދި އަނިޔާތައް ފިޔަވައި އިތުރު އަނިޔާއެއް ލިބިފައި ނުވި ނަމަވެސް ގޯތަމް ސިންގހާނިއާ ވަނީ ހަމަ އެދުވަހު ރާއްޖެއިން ފުރައިގެން ގޮސްފައެވެ. ފުލުހުންގެ ތަޙްޤީޤަށް އޭނާގެ ފަރާތުން އެއްބާރުލުން ލިބޭތޯ ކުރި ސުވާލަށް ފުލުހުން ޖަވާބެއް ނުދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް